މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދެމުން އަންނަ ޑިޖިޓަލް ބޭންކިން ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން، ބޮޑެތި އަޕްގްރޭޑްތަކާއެކު އެ ބޭންކުގެ މޮބައިލް އެޕްލިކޭޝަން "ފައިސާ މޮބައިލް އެކްސް 2.0" ރޯލްއައުޓްކޮށްފިއެވެ.
އެމްއައިބީން ބުނީ އެއީ ކަސްޓަމަރުންނަށް ކުރިއަށްވުރެ ފަސޭހަ، އަވަސް އަދި ރައްކާތެރި ބޭންކިން ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ގެނައި ބޮޑު އަޕްގްރޭޑެއް ކަމަށެވެ.
މި އައު އަޕްގްރޭޑާއެކު އެޕްލިކޭޝަންގެ ޔޫޒާ އިންޓަފޭސް ވަނީ، ބޭނުންކުރަން މާ ފަސޭހަވާނެހެން މުޅިން އަލުން ފަރުމާކޮށްފައި ކަމަށް އެ ބެންކުން ހާމަކުރިއެވެ.
މީގެ އިތުރުން، ފައިސާ ފޮނުވުމުގައި އެކައުންޓް ނަންބަރާއި ނަން ސާޗްކޮށްގެން މުއާމަލާތްތައް އަވަހަށް ނިންމާލެވޭ "ސްމާޓް ސާޗް" ފީޗާގެ އިތުރުން، ބޭރު ގައުމުތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ "ފައިސާ ރެމިޓް" އިންޓަނޭޝަނަލް ރެމިޓެންސްގެ ޚިދުމަތް ވެސް މިހާރު ވަނީ އެޕަށް އިތުރުކޮށްފައި ކަމަށް އެމްއައިބީން ބުންޏެވެ.
އެ ބެންކުން ފާހަގަކުރި ގޮތުގައި، ކަސްޓަމަރުންގެ މައުލޫމާތާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޕްލިކޭޝަންގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަކަން ގެނެސްދޭނެ އާ ގިނަ ޚިދުމަތްތަކެއް ވެސް ކުރިއަށް އޮތް ތަނުގައި މި އެޕް މެދުވެރިކޮށް ތައާރަފުކުރާނެއެވެ.
އެމްއައިބީއިން މަސައްކަތް ކުރަމުންދަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންގެ ބޭންކިން ތަޖުރިބާ އެންމެ އުސްމިނަށް ގެންގޮސްދިނުމަށް ކަމަށް އެ ބެންކުން ބުނެއެވެ.