އެމްއައިބީ ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑި މިރޭ ހަމަވަނީ

އެމްއައިބީ ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑި މިރޭ ހަމަވާތީ އެ ބޭންކުން ވަނީ 23:59 ގެ ކުރިން ބޭނުންވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައި -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ 23:59 ނިޔަލަށް ހަމަވާނެ ކަމަށް އެމްއައިބީއިން ބުނެފިއެވެ.

މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ރަށު ފެންވަރުގެ ޚިދުމަތްތެރިންނާއި، ގެސްޓްހައުސްތަކުގެ އިތުރުން ރަށްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްސަ އެވޯޑެކެވެ.

މި އެވޯޑުގައި ޖުމްލަ ތިން ކެޓަގަރީއަކުން 20 އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދެ ޓިއާއަކަށް ބަހާލައިގެން ގެސްޓްހައުސްތަކަށް ދެވޭ 16 އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށް ދެވޭ އިންޑިވިޖުއަލް ތިން އެވޯޑުގެ އިތުރުން "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" ގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ ރަށަށް ދެވޭ އެއް އެވޯޑު ހިމެނެއެވެ.

އެމްއައިބީއިން ބުނި ގޮތުގައި ގެސްޓްހައުސް އެސޯސިއޭޝަނުން އެންޑޯސްކޮށްފައިވާ މި އެވޯޑުގެ އިވޭލުއޭޝަން ކަންކަން މިނިވަންކަމާއެކު ކުރިއަށްގެންދާނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީގެ ފަރާތުންނެވެ.

އެހެންކަމުން، އެވޯޑަށް ޝަރުތުހަމަވާ ފަރާތްތަކުން މިރޭ 23:59 ގެ ކުރިން ބޭނުންވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހެޅުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް