އީކޮމާސް ލިމިޓް ރިސެޓްވުމާއެކު، ސިކުންތަކު 70އަށްވުރެ ގިނަ މުއާމަލާތް ހިނގާ: ބީއެމްއެލް

މީހަކު ބީއެމްއެލް ކާޑެއް ބޭނުންކުރަނީ: އީކޮމާސް ލިމިޓް ރިސެޓްވުމާއެކު، ސިކުންތަކު 70އަށްވުރެ ގިނަ މުއާމަލާތް ހިނގާ ކަމަށް ބެންކުން ބުނޭ -- ފޮޓޯ/ ބީއެމްއެލް

އެންމެ ގިނައިން ކަސްޓަމަރުން އީ-ކޮމާސް މުއާމަލާތްކުރާ ސައިޓްތައް ކަމަށްވާ ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ ސައިޓްތަކަށް ސިކުންތަކު 70 އަށްވުރެ ގިނަ އީކޮމާސް މުއާމަލާތް ހިނގަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓް ސްޓްރެޓެޖީ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ކޮންމެ ދުވަހަކު ވެސް ބީއެމްއެލްގެ އީ-ކޮމާސް ލިމިޓް ރިސެޓްވަނީ ހެނދުނު 7:00ގައެވެ.

ސައީދު ވިދާޅުވި ގޮތުގައި، ކަސްޓަމަރުންގެ އެދުމުގެ މަތިން އެ ލިމިޓު ރީސެޓްވާ ގަޑި ބޭންކުން ހާމަކުރުމުން މިހާރު ގިނަ ކަސްޓަމަރުން ގަންނަން ބޭނުންވާ ތަކެތި ކާޓަށް އަޅައިގެން ތައްޔާރަށް ތިބުމާއެކު މި ޓްރާންސެކްޝަންތައް ފުރިހަމަވެ، ދުވާލަކަށް ކަނޑައެޅިފައިވާ ބަޖެޓް ހަމަވެއެވެ.

ބީއެމްއެލް ކާޑުތައް މެދުވެރިކޮށް ދުނިޔޭގެ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ސައިޓްތަކުން ވިޔަފާރިކުރެވެމުންދާއިރު، ދުވާލަކު އެވްރެޖްކޮށް 20,000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި، އެންމެ ބޮޑު ޑިމާންޑެއް އޮންނަ ސައިޓުތަކަށް ކަނޑައަޅާފައިވާ މިންވަރު، ލިމިޓް ރީސެޓްވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަވަނީ ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ބޭންކުގެ ސިސްޓަމް ތެރެއިން ހިނގަމުންދާތީއެވެ. މިފަދަ ޕްލެޓްފޯމްތަކުގައި ދުވަހުގެ ލިމިޓް ހަމަވުމުން މުއާމަލާތް ނުކުރެވޭ ހާލަތްތަކުގައި، އެކަން ކަސްޓަމަރަށް ވަގުތުން އަންގައި، ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތްކުރުމަށް އިރުޝާދު ދެއެވެ.

މީގެ އިތުރުން، މިގޮތަށް ލިމިޓްތައް ކަނޑައެޅި ފަހުން ދަތުރުފަތުރާއި ޒަރޫރީ ސަބްސްކްރިޕްޝަންތައް ފަދަ އެހެން ކެޓަގަރީތަކުން ދުވަސް ނިމޭއިރު ވެސް ކަނޑައެޅިފައިވާ ޑޮލަރުގެ ލިމިޓުން ބާކީ ހުންނަކަން ފާހަގަކުރެވޭ ކަމަށް އެ ބެންކުން ބުންޏެވެ. މިއީ އާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ލިމިޓް ލިބޭ ކަމެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

https://sun.mv/227327

އެ ބެންކުން ބުނި ގޮތުގައި، ރާއްޖެއިން ބޭރަށްދާ ދިވެހިންނާއި ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނާއި ދިރިއުޅޭ ދިވެހިންނަށް ބޭރުގައި ބޭނުންކުރެވޭ ލިމިޓަށް އެއްވެސް ދަތިކަމެއްނެތި ބޭނުންކުރެވޭނެއެވެ.

އެ ލިމިޓުތައް ކަނޑައެޅި ސަބަބާ ގުޅޭ ގޮތުން ބީއެމްއެލްއިން ބުނި ގޮތުގައި، މި މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭނުންވާ ޑޮލަރަށް އޮތް ޑިމާންޑް ބޮޑެވެ. އެހެންވެ، ބޭންކުގެ ފޮރިން ކަރަންސީ ލިކިއުޑިޓީ ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖްކޮށް، ބޭންކުން އިސްކަންދިނީ ކަސްޓަމަރުންނަށް ދުރާލައި ކަންކަން ރޭވުމަށް މަގުފަހިވާނޭހެން، ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން އެކި ކެޓަގަރީތަކަށް، ދުވާލަކު ބޭނުންކުރެވޭނެ ސީދާ އަދަދުތައް ކަނޑައަޅައި އާންމުކުރުމަށްކަން އެ ބެންކުން ފާހަގަކުރިއެވެ.

އެ އުސޫލުގެ ދަށުން، ރުފިޔާ ކާޑުތަކުން ބައިނަލްއަގުވާމީ އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށް ވަނީ ކަނޑައަޅާފައެވެ. އެއީ:

• އެންމެ ގިނައިން ބޭނުންކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް (ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ 150 ސައިޓް):
3 މިލިއަން ޑޮލަރު، (ދުވާލަކަށް ގާތްގަނޑަކަށް 100,000 ޑޮލަރު)

• ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް (މެޓާ، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތައް): 1.5 މިލިއަން ޑޮލަރު، (ދުވާލަކު ގާތްގަނޑަކަށް 50,000 ޑޮލަރު)

• ދަތުރުފަތުރާއި ހޮޓެލް ބުކިން: 6 މިލިއަން ޑޮލަރު، (ދުވާލަކަށް ގާތްގަނޑަކަށް 200,000 ޑޮލަރު)

• ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި މުހިންމު ޚިދުމަތްތައް: 3 މިލިއަން ޑޮލަރު، ދުވާލަކަށް ގާތްގަނޑަކަށް 100,000 ޑޮލަރު

• އެހެނިހެން ހުރިހާ އޮންލައިން ވިޔަފާރިތަކަށް: 1.8 މިލިއަން ޑޮލަރު، ދުވާލަކަށް ގާތްގަނޑަކަށް 60,000 ޑޮލަރު

• ސިއްހަތާއި ތައުލީމީ ޚިދުމަތްތައް: އެއްވެސް ލިމިޓެއް ނެތި، ހުރިހާ ވަގުތެއްގައިވެސް ފައިސާ ދެއްކޭނެކަން ކަށަވަރުކުރުމަށް ޚާއްސަ ބަފަރެއް ވަނީ ކަނޑައަޅައިފައި

ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް، އީ-ކޮމާސްގެ އިތުރުން، އެހެނިހެން ކާޑު މުއާމަލާތްތަކާއެކު މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު ބޭންކުން ހޭދަކުރެއެވެ. އަދި ހުރިހާ ދާއިރާއެއް ހިމެނޭހެން، މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ބޭންކުން ވަކިން ޚާއްސަކޮށް، ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް ވަކި ފަންޑެއް ހަމަޖައްސާފައިވަނީ ކޮންމެ ހާލަތެއްގައި ވެސް މިފަދަ ޒަރޫރީ ޚިދުމަތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް އެ ބެންކުން ބުންޏެވެ.

ބޭންކުން މުއާމަލާތްތައް ދައުރުވާ ގޮތާއި ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކުގެ އިތުރުން، ބޭންކަށް ލިބޭ ބޭރު ފައިސާގެ މިންވަރަށް ބަލައި މި އަދަދުތައް ބޭންކުން މުރާޖައާ ކުރަމުން ގެންދާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތްކުރަމުން ދާނީ ޒިންމާދާރުކަމާއެކު ބޭރު ފައިސާގެ ވަސީލަތްތައް ބަލަހައްޓައި، ދިވެހި ރައްޔިތުންނަށް ދުނިޔޭގެ ބާޒާރުތަކުން ފަސޭހަކަމާއެކު މުދަލާއި ޚިދުމަތް ހޯދުމުގެ ފުރުސަތު ހަމަހަމަކަމާއެކު ފަހިކޮށްދިނުމަށް ކަމަށް އެ ބެންކުން ޔަގީންކަންދެއެވެ.

comment ކޮމެންޓް