ސްޕޯޓްސް ކޮމިޝަނަރު ޠަލާލާއި، ވިލާ އެއާގެ ކުރީގެ ޖެނެރަލް މެނޭޖަރު ހަބީބް މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހަށް

ހަބީބާއި ތޮލާލް: ދެ ބޭފުޅުން ވަނީ މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހަށް އައްޔަންކޮށްފައި --

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޠަލާލާއި، ވިލާ އެއާގެ ކުރީގެ ޖެނެރަލް މެނޭޖަރު އަޙުމަދު ހަބީބް މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ ދެ މަގާމަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ޠަލާލް އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް ކަމަށެވެ. އަދި ހަބީބް އައްޔަންކޮށްފައި ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ކަމަށް އެ އޮފީހުން ބުންޏެވެ.

ނޮވެންބަރު 21، 2023ގައި ސްޕޯޓްސް ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވި ޠަލާލް އެ މަގާމުން ވަކިވެވަޑައިގަތީ ކޮންއިރަކު ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެއީ އޭނާ އެންމެ ފަހުން ފުރުއްވި މަގާމު ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ޠަލާލް މީގެ ކުރިން ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕަރުގެ މަގާމާއި އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމު ފުރުއްވާފައެވެ. އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޓެކްނިކަލް އެޑްވައިޒަ ޓު ދަ މިނިސްޓަރު ކަމުގެ މަގާމާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.

ޠަލާލަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ ބޭފުޅެއްކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ރައީސް އޮފީހަށް ދެން އައްޔަންކުރެއްވި ޙަބީބް މީގެ ކުރިން ހުންނެވީ ވިލާ އެއާގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ. އޭނާ މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާާމު ވެސް ފުރުއްވާފައެވެ. އަދި ވިލާ ހަކަތައިގެ މެނޭޖަރުގެ މަގާމާއި ވިލާ އެއާގެ ކާޑެއްދޫ އެއާޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ޙަބީބް ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން މާސްޓާ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވާފައެވެ.

https://sun.mv/227435

ފާހަގަކޮށްލެވޭ ގޮތުގައި، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައި ކުރިން ހުންނެވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމެވެ. އޭނާ މިއަދު މަގާމުން އިސްތިއުފާ ދެއްވައިފައިވާއިރު، އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.

ނާޒިމް ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރެފަރަންޑަމް ވޯޓްގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި އެ މަހުގެ 14 ވަނަ ދުވަހުއެވެ.

comment ކޮމެންޓް