ހިންދީ ސިނަމާގެ ލެޖެންޑްރީ އެކްޓަރު އަމީތާބް ބައްޗަން ފިލްމީ ދާއިރާއިން ރިޓަޔާކުރަން އުޅޭކަމަށް ފެތުރެމުންދާ ޚަބަރުތައް އޭނާ ދޮގުކޮށްފިއެވެ. އުމުރުން 83 އަހަރުގެ އެކްޓަރު ކައިރި މުސްތަގުބަލެއްގައި މަސައްކަތް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަކުރީ އޭނާގެ ރަސްމީ ބްލޮގް މެދުވެރިކޮށެވެ.
އުމުރުން ދުވަސްވިނަމަވެސް އަދިވެސް ފިލްމީ މަސައްކަތްތަކުގައި ސާބިތުވެހުރި އަމީތާބް ރިޓަޔާކުރަން އުޅޭކަމުގެ އަޑުތައް ފެތުރެން ފެށީ އޭނާގެ ބްލޮގްގައި ރިޓަޔާވުމާ ގުޅޭގޮތުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި އަމީތާބް ބުނެފައިވަނީ، ރިޓަޔާކުރަންވީ ވަގުތު ޖެހުނު ނަމަވެސް އެކަން އަދިވެސް އަންނަނީ ލަސްވަމުން ކަމަށެވެ. އެއާއެކު މީޑިއާތަކާއި ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް އުފެދި، އޭނާ ފިލްމީ ދާއިރާއާ އަލްވަދާއު ކިޔަނީ ކަމަށް ބުނެ ޚަބަރުތައް ފެތުރެން ފެށިއެވެ.
ފިލްމު "ކަލްކީ 2898 އޭޑީ"ގެ މަންޒަރެއްގައި އަމީތާބް ބައްޗަން--ފޮޓޯ/އިންޑިއާޓުޑޭނަމަވެސް، މިދިޔަ ހޯމަ ދުވަހު ނެރުނު އާ ބްލޮގް ޕޯސްޓެއްގައި އަމީތާބް ވަނީ އެ ވާހަކަތަކަށް ވަރަށް އާދައިގެ ގޮތަކަށް ރައްދުދީފައެވެ. އޭނާ ބުނި ގޮތުގައި އަމިއްލަ ބްލޮގްގައި ލިޔުނު ޕޯސްޓުގައި "ރިޓަޔާ" މާނަކުރީ ނިދުމަށް ކަމަށެވެ. އަދި އޭނާ ލިޔުނު އިބާރާތުގެ ނާޖާއިޒު މާނަ ނަގައިގެން ދޮގު ޚަބަރު ފެތުރި މީޑިއާތަކަށް ވަރަށް ފާޅުކަން ބޮޑުކޮށް ފާޑުކިޔައި، މަސައްކަތުން ރިޓަޔާވާން އެއްވެސް ޚިޔާލެއް ނެތްކަން ވަނީ ސާފުކޮށްދީފައެވެ.
އަމީތާބްގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އޭނާގެ ކުރިއަށް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އެގޮތުން ރިބޫ ދާސްގުޕްތާ ޑައިރެކްޓްކުރާ "ސެކްޝަން 84"ގައި ނިމްރަތު ކޯރްއާއެކު އަމީތާބް މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ. މީގެއިތުރުން ބޮޑު ތަރުހީބެއް ހޯދި ފިލްމު "ކަލްކީ 2898 އޭޑީ"ގެ ސީކުއެލް "ކަލްކީ 2" އިންވެސް އަޝްވަތާމާގެ ރޯލުން އަމީތާބް ފެނިގެންދާނެއެވެ.