މައްކާއަށް އަމާޒުކޮށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީން ވައްޓާލައިފި

މައްކާ، މަސްޖިދުލް ހަރަމް --

ސައުދީ އަރަބިއްޔާގެ މައްކާއަށް އަމާޒުކޮށް ޔަމަނުގެ ހޫތީން ފޮނުވާލި ޑްރޯނެއް، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ހުއްޓުވައި ވައްޓާލައިފިއެވެ.

ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވި ގޮތުގައި، ރޭ މި ޑްރޯން ވައްޓާލާފައިވަނީ މަނާކުރެވިފައިވާ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ސައުދީގެ ވައިގެ ދިފާއީ ބާރުތަކުންނެވެ. މިއީ އާންމުންނާއި އަޅުކަންކުރާ މީހުންނަށް ބިރުދެއްކުމަށް ދިން ހަމަލާއެއް ކަމަށް ސިފަކުރައްވައި، މާލިކީ ވިދާޅުވީ ހަރަމްފުޅާއި ހައްޖުވެރިންގެ ސަލާމަތަކީ "ރަތް ރޮނގެއް" ކަމަށެވެ.

މައްކާއަކީ ހަރަމްފުޅު ވެސް ހުންނަ ބިމަށްވާއިރު އަޅުކަމަށް ގިނަ އަދަދެއްގެ ބަޔަކު އަބަދުވެސް އެ ސިޓީގައި އުޅެއެވެ. މިއީ ސްކޫލު ބަންދު ދުވަސްތަކެއްކަމުން ގިނަ އަދަދެއްގެ ދިވެހީން ވެސް މިހާރު ދަނީ މައްކާގައި އަޅުކަން އަދާ ކުރަމުންނެވެ.

https://sun.mv/227499

ހޫތީންގެ މި އަމަލާ ގުޅިގެން 2017 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މައްކާގައި ސެކިއުރިޓީ އެލާޓް ނެރުނެވެ. ނަމަވެސް މަދު މިނެޓުކޮޅެއްގެ ތެރޭގައި އެ އެލާޓް ވަނީ އުވާލާފައެވެ. މައްކާގެ އިތުރުން ޖިއްދާއާއި ތާއިފްގައި ވެސް މި އެލާޓް ނެރުނެވެ.

މި ތުހުމަތުތައް ދޮގުކޮށް، ޔަމަނުގެ ސަބާ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ހޫތީންގެ އަސްކަރީ މަސްދަރަކުން ބުނީ މައްކާއަށް ނުވަތަ އިސްލާމީ އެހެން މުގައްދަސް ތަނަކަށް ވެސް ޔަމަނުން އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ސައުދީގެ ތުހުމަތުތަކަކީ "ދޮގު މައުލޫމާތު" ކަމަށް އެ ފަރާތުން ސިފަކުރިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ހޫތީން ޔަމަނުގެ ވެރިރަށް ސަންއާ ހިފައި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރު ވައްޓާލުމާ ގުޅިގެން ސައުދީން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަނެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އދ. މެދުވެރިވެގެން ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މަޑުޖެހިފައި އޮތުމަށްފަހު، އަނެއްކާވެސް ހަމަލާތައް މިވަނީ އިތުރުވެފައެވެ.

https://sun.mv/227510

މިދިޔަ ޖުލައި މަހު ހޫތީން ސައުދީގެ ކަނޑުދަތުރުފަތުރަށް ހުރަސްއަޅައި، ބާބުލް މަންދަބްގެ މުހިންމު ސަރަހައްދުތަކެއް ކޮންޓްރޯލްކުރަން ފެށުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ހަމަލާބަދަލުކުރުން ވަނީ އިތުރުވެފައެވެ. ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ވެސް ހޫތީން ވަނީ ސައުދީގެ އެކި ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ. ކޯލިޝަނުން ބުނި ގޮތުގައި އަންގާރަ ދުވަހު ޚަމީސް މުޝައިތު، އަބްހާ އަދި ތާއިފަށް ދިން ހަމަލާތަކުގައި 13 މީހަކަށް އަނިޔާވެފައިވާއިރު، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ދޭ ހަމަލާތަކަށް ހަރުކަށި ރައްދު ދޭނެއެވެ.

މައްކާއަކީ ދުނިޔޭގެ ދެ ބިލިއަން މުސްލިމުން ނަމާދުގައި ކުރިމަތިލާ ކައުބާ ހުންނަ މުގައްދަސް ރަށެވެ. މި އަހަރުގެ މެއި މަހުގެ ފަހުކޮޅު 1.7 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރުން އޮކްޓޯބަރަށް 11.7 މިލިއަން މީހުން އުމްރާގެ އަޅުކަމަށް މައްކާއަށް ޒިޔާރަތްކުރިއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު ފިޔަވައި، ހައްޖާއި އުމްރާގެ އަޅުކަމަށް މެދުކެނޑުމެއް ނައިސް މީހުން ޒިޔާރަތްކުރެއެވެ. ސައުދީއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މައްކާއަށް ކުރާ ދަތުރުތަކަށް އަސަރުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

comment ކޮމެންޓް