ހުޅުމާލޭގައި އެކްސިޑެންޓުވި ދެބަފައިންގެ ތެރެއިން ބައްޕަ މަރުވެއްޖެ

ހުޅުމާލޭގައި އެކްސިޑެންޓުވި ދެބަފައިންގެ ތެރެއިން ބައްޕަ --

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ އޮގަސްޓު 31ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 62 އަހަރުގެ ފިރިހެންމީހާ މަރުވެއްޖެއެވެ.

މަރުވީ ޅ. ކުރެންދޫ، މާޖެހިގެ، މުޙައްމަދު ޢަފީފެވެ.

މި އެކްސިޑެންޓަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މި ހާދިސާ ހިނގާފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ އޭނާގެ 24 އަހަރުގެ ދަރިފުޅު ގޮވައިގެން، އޮފީހަށް ފިންގާ ޖަހަން ސައިކަލުގައި ދިޔަ މަގުމަތީގައެވެ. މި އެކްސިޑެންޓުގައި އޭނާގެ ދަރިފުޅަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އެކްސިޑެންޓަށްފަހު އެ ދެބަފައިން ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް ބައްޕަގެ ހާލު ދެރަވުމުގެ ސަބަބުން އިތުރު ފަރުވާއަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް، ސިކުނޑީގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރުދާއިރާގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ކުރިން މައުލޫމާތު ދެއްވި ގޮތުގައި، އެ ޕޭޝެންޓަކީ ޑައިލެސިސް ހަދަމުންދިޔަ މީހެކެވެ. އަދި އެކްސިޑެންޓާ ގުޅިގެން ސިކުނޑިއަށް ލޭ އެޅިފައިވާއިރު، އޮޕަރޭޝަނަށްފަހު ވެސް އޭނާގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ ރޭގެ ވަގުތެއްގައެވެ.

މަރުވި 62 އަހަރުގެ މި މީހަކީ ތަޢުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ފާހަގަކޮށްލެވޭ ދިވެހި މުދައްރިސެކެވެ. އެގޮތުން އޭނާ ވަނީ ކުރީގެ އެމްއީއެސް، އީޕީއެސް، އަމީނިއްޔާ ސްކޫލް، ޣާޒީ ސްކޫލް އަދި އަލިއްޔާ ސްކޫލުގައި ވެސް ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ނިޔާވުމާ ހަމައަށް ވެސް އޭނާ ދިޔައީ ގޭގައި ގިނަ އަދަދެއްގެ ކުދިންނަށް ދިވެހި މާއްދާއިން ޓިއުޝަން ނަގައިދެމުންނެވެ.

comment ކޮމެންޓް