ކާށިދޫ ކަނޑަށް، ހަތަރު މީހުންނާއެކު ސަޕްލައި ދޯންޏެއް ދިޔަވާތީ އެހީތެރިކަން ފޯރުކޮށްދީފި

ފުލުހުންގެ އުޅަނދެއް ކަނޑުމަތީގައި ހަރަކާތްތެރިވުން: ހަތަރު މީހުންނާއެކު ދަތުރުކުރަނިކޮށް ދޯންޏެއް ދިޔަވާތީ، ފުލުހުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން -- ފައިލް ފޮޓޯ/ ފުލުހުން

ހަތަރު މީހުންނާއެކު މިއަދު ދަތުރުކުރަނިކޮށް، ކާށިދޫ ކަނޑަށް ދިޔަވި ސަޕްލައި ދޯންޏަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް ދިޔަވާ ކަމުގެ މައުލޫމާތު މިއަދު 09:57 އެހައިކަންހާއިރު ވަނީ ރިޕޯޓުކޮށްފައި ކަމަށެވެ. އެއީ، ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލައިގެން ހިނގި ހާދިސާއެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށެވެ. އަދި ދޯނި ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާ ވަނީ ކަނޑަށް ދޫކޮށްލާފައިކަން އެ މުއައްސަސާއިން ހާމަކުރިއެވެ.

ފުލުހުން ބުނީ އެ ދޯނީގައި ތިބީ ހަތަރު މީހުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެއް ކަމަށެވެ.

އެ ހާދިސާގައި ދޯނި ދިޔަވެފައިވާތީ، ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ފަހުން "ސަން"އާ ހިއްސާކުރި މައުލޫމާތުގައިވަނީ، ފުލުހުންގެ އެހީތެރިކަމާއެކު އެ ދޯންޏާއި ދޯނީގައި ތިބި މީހުން ރައްކާތެރިކަމާއެކު އޭދަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. ދޯނީގައި ތިބި ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ކާށިދޫ ކަނޑަކީ ރާއްޖޭގައި އޮންނަ އެންމެ ގަދަ އެއް ކަނޑު ކަމަށްވާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަވާނެ ކަމަށް މެޓް އޮފީހުން އޮތީ ލަފާކޮށްފައެވެ. އެގޮތުން ހއ. އަތޮޅުން ގދ. އަތޮޅަށް ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް މީގެ ކުރިން ވެސް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް