އީކޮމާސް ޕްލެޓްފޯމްތަކުން ތަކެތި ގަންނަ މިންވަރު އިތުރުވުމަކީ ބޮޑު ގޮންޖެހުމެއް، ބަދަލުތަކެއް ގެންނަން ޖެހޭ: ފިނޭންސް

މިނިސްޓަރު ޒަރީރު: އީކޮމާސް ޕްލެޓްފޯމްތަކުން ތަކެތި ގަންނަ މިންވަރު އިތުރުވުމަކީ ބޮޑު ގޮންޖެހުމެއް، ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ދިވެހީން ބޭރުގެ އޮންލައިން ވިޔަފާރިތަކުން ތަކެތި ގަތުން އިތުރުވެ، އެ މުއާމަލާތްތަކަށް ދޫކުރަން ޖެހޭ ޑޮލަރު އިތުރުވަމީ ބޮޑު ގޮންޖެހުމެއް ކަމަށް ސިފަކުރައްވައި، އެކަމާ ގުޅިގެން ބަދަލުތަކެއް ގެންނަން ޖެހޭ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީއެންސީން ބާއްވަމުން އަންނަ "މަތީ މަޖިލިސް" ބައްދަލުވުމުގައި ޒަރީރު ދެއްވި ޕްރެޒެންޓޭޝަނެއްގައި ވަނީ، ރާއްޖޭން އިމްޕޯޓަށް ކުރާ ޚަރަދުތައް އިތުރުވެފައިވާ މިންވަރާއި އެއާއެކު ޑޮލަރު ޚަރަދު ކުރަން ޖެހޭ މިންވަރު އިތުރުވެފައިވާ މިންވަރަށް އަލިއަޅުއްވާލައްވައިފައެވެ.

ޒަރީރު ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުމާއެކު، މި އަހަރުގެ ފުރަތަމަ ހަތް މަހު އިމްޕޯޓްތައް 28.8 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ދެއްކެވި ޕްރެޒެންޓޭޝަނުން ފެންނަ ގޮތުގައި، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިމްޕޯޓަށް ކުރި ޚަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 539 މިލިއަން ޑޮލަރުން އިތުރުވެފައެވެ.

އިމްޕޯޓް ކުރި ބާވަތްތަކަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް ފާހަގަވެފައި ވަނީ ތެލުގެ ބާވަތްތަކުންނެވެ. އެގޮތުން ތެލަށް ކުރި ޚަރަދަށް 290 މިލިއަން ޑޮލަރު އިތުރުވެފައިވާއިރު، އިމާރާތްތަކުރުމަށް ބޭނުންވާ ތަކެތީގެ އިމްޕޯޓް އަގު ވަނީ 83 މިލިއަން ޑޮލަރު އިތުރުވެފައެވެ. އަދި ކާބޯތަކެތީގެ ޚަރަދަށް އިތުރުވެފައިވަނީ 38 މިލިއަން ޑޮލަރު ކަމަށްވާއިރު، އެހެނިހެން ތަކެއްޗަށް ކުރި ޚަރަދު މި އަހަރު ވަނީ 127 މިލިއަން ޑޮލަރުން އިތުރުވެފައެވެ.

https://sun.mv/227447

ޒަރީރު ވިދާޅުވި ގޮތުގައި ''އެހެނިހެން" ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ އީކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރި ކުރުމަށާއި ދަތުރުފަތުރު ކުުރުން ފަދަ ކަންކަމަށް ވިއްކާ ޑޮލަރެވެ.

"އެންމެ ބޮޑު އުނދަގޫތަކެއް ކުރިމަތިލާން ޖެހޭ އެއް ކަންތައް އެއީ އީކޮމާސް ޕްލެޓްފޯމްތަކުން ގަންނަ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔުން،" އޭނާ ވިދާޅުވިއެވެ.

މީހަކު ބީއެމްއެލް ކާޑެއް ބޭނުންކުރަނީ: އީކޮމާސް ޕްލެޓްފޯމްތަކުން ތަކެތި ގަންނަ މިންވަރު އިތުރުވުމަކީ ބޮޑު ގޮންޖެހުމެއް، ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ބީއެމްއެލް

އެއާއެކު ޒަރީރު ފާހަގަކުރެއްވީ، މޯލްޑިވްސް މަނިޓަރީ ބޭންކް (އެމްއެމްއޭ)އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތަފާސްހިސާބަށް ބަލާއިރު، ބީއެމްއެލްއިން މަހަކު ކަސްޓަމަރުންނަށް ވިއްކާ ޑޮލަރުގެ މިންވަރު 80 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވާ ކަމެވެ.

ރާއްޖެއަށް ވަންނަ ޑޮލަރަށް ވުރެ ބޭރުވާ ޑޮލަރު މިހާރު އިތުރުވަމުން ދަތީ، އެ މިންވަރުގައި ޑޮލަރު ވިއްކަމުން ދިޔުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކަންކަމަށް ކޮންމެވެސް ބަދަލެއް، އަޅުގަނޑުމެންގެ ބިހޭވިއާއަށް، އިމްޕޯޓް ކުރުމުގެ ބިހޭވިއާއަށް ކޮންމެވެސް ބަދަލުތަކެއް އަންނަން އެބަޖެހޭ، ބަދަލުތަކެއް ގެންނާނެ ޕޮލިސީސްތަކެއް އަޅުގަނޑުމެން އެބަ ތައާރަފުކުރަން ޖެހޭ، އެހެންވީމަ އެ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން
ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު

އީކޮމާސް މުއާމަލާތްތައް އިތުރުވެ، ބީއެމްއެލްއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޑޮލަރު ވިއްކަން ޖެހުމުގެ ކަންބޮޑުވުން އެ ބެންކުން ވެސް ފާޅުކުރަމުން އަންނަތާ މަސްތަކެއް ވަނީ ވެފައެވެ. އެހެންވެ، އެ ބޭންކުން މި އަހަރު ތެރޭގައި ވަނީ އެފަދަ މުއާމަލާތްތަކަށް ރުފިޔާ ކާޑަށް ޑޮލަރު ދޫކުރާ މިންވަރުތަކަށް ލިމިޓުތަކެއް ވެސް ކަނޑައަޅައިފައެވެ.

https://sun.mv/227600

ރާއްޖެއަށް ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވަނީ ގައުމުގެ ދަރަނި ބޮޑުވެ، މި އަހަރު ރެކޯޑު އަދަދުތަކުން ދަރަނި އަނބުރާ ދައްކަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ޒަރީރު އާންމުކުރެއްވި ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 10 ބިލިއަން ރުފިޔާގެ ލޯނު ދައުލަތުން ވަނީ ދައްކައިފައެވެ. އެހެންނަމަވެސް މި އަހަރު އަދިވެސް ގާތްގަނޑަކަށް 600 މިލިއަނާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ދަރަނި ދައްކަން ޖެހޭ ކަމަށް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މި މައްސަލަތައް ދިމާވެފައިވަނީ، ބޭރުގެ ދަރަނި އިތުރުވަމުންދާތީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ބޭރުގެ އިދާރާތަކުން ލަފާ ދެމުން އަންނަތާ އެތައް އަހަރެއް ވެފައި ވަނިކޮށެވެ.

comment ކޮމެންޓް