ބޮލީވުޑްގެ މަގުބޫލު ދެ ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާ އާއި ތަމަންނާ ބާޓިއާ އެކުގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެންދާ ފެންޓަސީ ފިލްމު "ދަ ވާން: ފޯސް އޮފް ދަ ފޮރެސްޓް"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
ހުރާފީ ފެންޓަސީ ސުޕަނެޗުރަލް ފިލްމެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި ޝޯބާ ކަޕޫރުގެ އިތުރުން އަރޫނާބް ކުމާރު އަދި ނީރަޖް ކޮތާރީ ޕްރޮޑިއުސްކޮށް، އަރޫނާބް ކުމާރުގެ ވާހަކައަކަށް ދީޕަކް ކުމާރު މިޝްރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން މަނީޝް ޕޯލް، އަނޫޕް ސޯނީ، ޝްވޭތާ ތިވާރީ އަދި ސުނިލް ގްރޯވާ ފަދަ ހުނަރުވެރި ތަރިން ފެންނާނެއެވެ.
'ދަ ވާން' ޓްރެއިލާގެ ބައެއް މަންޒަރުތައް--ފޮޓޯ/އިންޑިއާޓުޑޭމި ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު ބައެއް މީހުން ބުނެފައިވަނީ، އިންޑިއާގެ ފޯކް ސްޓޯރީތަކާއި ސައިކޮލޮޖިކަލް މިސްޓްރީއަކީ އެއްވެސް ބަޔަކަށް އެއަށް ގޮންޖަހާނުލެވޭނެ ފަދަ ހާދިސާތަކެއް ކަމަށެވެ. އަދި ފިލްމުގައި ހެއްވާ މަޖާ ހާދިސާތަކުގެ އިތުރުން ބިރުވެރި އަދި މިތޮލޮޖީގެ ރަހަތައް އެކުލެވޭތީ މިއީ ބެލުންތެރިން ފޫހިކޮށްނުލާނެ ފިލްމެއް ކަމަށް ޓްރެއިލާ ބެލި ބައެއް މީހުން ވަނީ ބުނެފައެވެ.
މިއީ މި އަހަރުގެ ތެރޭގައި ބެލުންތެރިންނާ ހަމައަށް އަންނަ ސިދާތުގެ ފުރަތަމަ ފިލްމަށްވާއިރު، މިއީ މިއަހަރު ރިލީޒްކުރާނެ އެންމެ އުންމީދީ އެއް ފިލްމުގެ ގޮތުގައި ވެސް ވަނީ ފާހަގަކުރެވިފައެވެ. ސިދާތު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ނުކުތް ލޯބީގެ ފިލްމު "ޕަރަމް ސުންދަރީ"އިންނެވެ.
ޝައުގުވެރި އެތައް ކަމެއް ބެލުންތެރިން ތަޖުރިބާކުރާނެ 'ދަ ވާން' ސިނަމާތަކުގައި އަޅުވައި، އާންމުންނަށް ދޫކޮށްލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.