އަޅުގަނޑުމެން ވާހަކަދައްކާއިރު ބޭނުންކުރާ ލަފްޒުތަކަކީ ހަމައެކަނި އަޑެއް ނުވަތަ އިޝާރާތެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކުރާ ވަރުގަދަ ވަސީލަތެއްވެސް މެއެވެ.
ގޭތެރޭގައާއި މަސައްކަތުގެ މާހައުލުތަކުގައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރޭގައި އަޅުގަނޑުމެން ބުނެދޫކޮށްލާ ކޮންމެ ބަހަކީ - މީހުންނާއި ގުޅުންތަކާއި ތިމާގެ އަމިއްލަ ނަފުސުވެސް ބައްޓަންކޮށްދޭ ދައްކައިދޭ "ލޯގަނޑެކެވެ". އެހެންކަމުން، އަޅުގަނޑުމެންގެ އިހުސާސްތައް ބަޔާންކުރުމުގައި ބޭނުންކުރާ ބަސްމަގު އިޚުތިޔާރުކުރުމަށް ސަމާލުވުމަކީ މުހިންމުކަމެކެވެ.
މިހާރަކަށް އައިސް، މީހަކަށް ދިމާވާ ކަމަކުން ތަހައްމަލުކުރަންޖެހޭ ހާސްކަމާއި ފިކުރުބޮޑުވުމާއި ނުތަނަވަސްކަމަށް ވެސް ވަގުތުން "ޑިޕްރެޝަން" އޭ ކިޔައިފާނެއެވެ. ބައެއްގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުމަކަށް "ޓޮކްސިކް" ލޭބަލް އަޅުވައިފާނެއެވެ. ބެލެނިވެރިއެއްގެ ހަރުކަށިކަމަށް "ނަފުސާނީ އަނިޔާ" އޭ ބުނެފާނެއެވެ. އަދި ސަމާސާއަކުން ކޮށްލާކަމަކަށް - އެއީ ތަކުރާރުކޮށް، އަމާޒުކޮށްގެން، ނުވަތަ ގެއްލުމެއް ދިނުމުގެ ނިޔަތުގައި ކުރި ކަމެއްތޯ ބެލުމެއް ނެތި "ބުލީކުރުން" ކަމުގައި ނިންމައިފާނެއެވެ. މިފަދަ ހާލަތްތަކަކީ ހަގީގަތުގައި ވެސް ދިމާވާ ހާލަތްތަކެވެ.
ނަމަވެސް، ދިމާވާ ކޮންމެ އުނދަގޫ ތަޖުރިބާއަކަށް އަޅުގަނޑުމެން އެންމެ ހަރުކަށި ބަސްތައް ބޭނުންކޮށްގެން ލޭބަލް ކުރަންޏާ، ގަސްތަކާ ނުލައިވެސް ދިރިއުޅުން އޭގެ ހަގީގަތަށްވުރެ ބުރަ އެއްޗެއްގެ ގޮތުގައި އިހުސާސް ކުރެވިދާނެކަމަށް، މިފަހުން އަޅުގަނޑު ބައިވެރިވި އުފާވެރިކަމުގެ ޕްރޮގްރާމެއްގައި ބުނެދިނެވެ.
މިއީ އެތައްގޮތަކުން ގުޅިލާމެހިފައިވާ، އަޅުގަނޑުމެންގެ މުޖުތަމައުގައި ވެސް މިކަން ހިނގާގޮތާމެދު އަޅުގަނޑުމެން ވިސްނާލުން މުހިންމު ކަމެކެވެ. ރަށެއްގައި ހިނގާ އެންމެ ޚިޔާލުތަފާތުވުމެއްވެސް، އާއިލާތަކުގެ ތެރޭގައާއި ވައިބަރ ގްރޫޕްތަކުގައި ހިނގާ ވާހަކައަކަށް ނުހަނު އަވަހަށް ވެގެން ހިނގައިދާނެއެވެ. މިފަދަ އެންމެ ހާދިސާއަކަށް ބަލައި، މީހަކީ "އުނދަގޫ"، "ބޮޑާ"، ނުވަތަ "އަޚުލާގެއްނެތް" މީހެއްގެ ގޮތުގައި ލޭބަލް ކުރެވިދާނެއެވެ. އެ ލޭބަލް ތަކުރާރުވާން ފެށުމުން، އެ މީހެއްގެ ކިބައިގައިވާ އެހެން ރަނގަޅު ސިފަތަކުގެ މަތީން މީހުން ހަނދާން ނެތިދާނެއެވެ.
އެންމެކަމެއް ރަނގަޅަށް ނުކުރެވުނު އެކުގައި މަސައްކަތްކުރާ މީހާއަކީ "ފަރުވާކުޑަ" މީހަކަށްވުން، ކަމަކާމެދު ސުވާލުކުރާ ޒުވާނަކީ "ނުކިޔަމަންތެރި" އަކަށްވުން، އެންމެ މުއާމަލާތެއް ގޯސްކޮށް ކުރެވުނު މެނޭޖަރަކީ "ޓޮކްސިކް" މީހަކަށްވުން – އެއީ އެ މީހާގެ އިންސާނީ ކަރާމާތުގެ ބަދަލުގައި އެ ލޭބަލް އިސްކުރެވެން މެދުވެރިވާ ސަބަބަކަށް ވެދެއެވެ.
ކޮންމެ ދުވަހަކު ދިރިއުޅުން އޮންނަނީ އެއްގޮތަކަށް ނޫނެވެ. ހޯމަ ދުވަހު އަރާރުމެއް ހިނގައިދާނެއެވެ. އަންގާރަ ދުވަހު އެކަކު އަނެކަކާމެދު ހެޔޮހިތުން ވިސްނަފާނެއެވެ. ބުދަ ދުވަހު ހީނސަމާސާ ކޮށްފާނެއެވެ.
އަޅުގަނޑުމެން ކޮންމެ މީހަކާމެދު ވަކި ޚާއްޞަ ލޭބަލްއެއް ބޭނުންކުރަން ފެށުމުން، ކޮންމެ ދުވަހަކީ ވަކި ދުވަހެއްގެ ގޮތުގައި ތަޖުރިބާކުރުން ހުއްޓެއެވެ. އަދި ހަގީގަތަށްވުރެ ބޮޑަށް އަޅުގަނޑުމެން ބޭނުންކުރާ ލޭބަލްގެ ބާރުގަދަވެގެންދެއެވެ. އޭގެ ނަތީޖާއަކަށްވަނީ، ކުދިކުދި ކަންތައްތައް އާދަޔާޚިލާފަށް ބޮޑުކޮށްލުމުގެ ސަގާފަތެއް އުފެދިގެން ދިއުމެވެ.
އަޅުގަނޑު މިދަންނަވަނީ، އެއްގޮތަކަށްވެސް، ނާޖާއިޒު ފައިދާނެގުމާއި އަނިޔާކުރުން ނުވަތަ ނަފުސާނީ ބަލިތަކަށް އަޅާނުލައި ދޫކޮށްލާ ވާހަކައެއް ނޫނެވެ.
ރާއްޖޭގައި، މުޖުތަމައު ދެކޭގޮތާމެދު ގަންނަ ބިރެއްގެ ސަބަބުން (ސްޓިގްމާ)، އެހީތެރިކަން ހޯދުމަށް މީހުން ފަސްޖެހޭކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. ކަމަކަށް ރަނގަޅު ނަމެއް ދިނުމަކީ، ތިމާ ތަހައްމަލުކުރަމުން އެދަނީ ނުރައްކާތެރި ކަމެއްކަން ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މައްސަލައަކީ ތަހައްމަލުކުރާ ތަދަށް ނަމެއް ދިނުމެއް ނޫނެވެ. މައްސަލައަކީ، އެހާ ޒިންމާދާރުނޫން ގޮތެއްގައި އެކަން ކުރެވޭތަން އައުމެވެ. އަޅުގަނޑުމެންނަށް ބޭނުންވަނީ ކަންތައްބޮޑުކޮށްލުމުގެ ބަދަލުގައި ރަނގަޅަށް ހާލަތު ބުނެދޭ، އަދި ބިރުވެރިކަމުގެ ބަދަލުގައި ކަންކަންސާފުކޮށްދޭ ބަސްމަގެކެވެ.
މަސައްކަތުގެ މާހައުލުގައިވެސް ގިނަ މުވައްޒަފުންނަށް، އެމީހުން ރަނގަޅަށް ކުރާ ކަންކަމަށްވުރެ ބޮޑަށް އިވޭނީ ކުރެވޭ ކުށްތަކުގެ ވާހަކައެވެ. ރަނގަޅު ގުޅުމެއް ދެމެހެއްޓުމަށްޓަކައި، ފާޑުކިޔުމުގެ އިތުރުން އީޖާބީ ބަސްތައް ބޭނުންކުރުން މާ މުހިންމެވެ. މީގެ މާނައަކީ މީހެއްގެ ކުށެއް ރަނގަޅުކުރާއިރު، އެމީހެއްގެ ކިބައިގައިވާ ގާބިލުކަމާއި ހޯދަމުންދާ ކުރިއެރުންތައްވެސް ފާހަގަކުރުމެވެ. ގޭތެރޭގެ މާހައުލުގައިވެސް ކުދިންނަށް "ތިޔަހެން ނުހަދާ" ފަދަ ބަސްތަކުގެ އިތުރުން "ތިކުރީ ވަރަށް ރަނގަޅު ކަމެއް" ނުވަތަ "ދަރިފުޅަށް އިތުބާރުކުރަން" ފަދަ ބަސްމަގު ވެސް ބޭނުންކުރުމެވެ.
މާޒީގެ ރުޅިވެރިކަމާއި މާޔޫސްކަން އަހަރުތަކެއް ވަންދެން އުފުލުމުގެ ބަދަލުގައި، އަންނަން އޮތް ކޮންމެ އާ ދުވަހެއް ކޮންޓްރޯލްކުރުމުގެ ފުރުސަތު މާޒީއަށް ނުދިނުމަށް ނިންމާ ނިންމުމަކީ އުފާވެރިކަމުގެ ތަޅުދަނޑިއެވެ.
އުފާވެރިކަން ފެށެނީ އާދައިގެ ކުދިކުދި ބަދަލުތަކުންނެވެ. ރައްދު ދިނުމުގެ ކުރިން ފުންކޮށް ނޭވާއެއްލުން، އެކުގައި މަސައްކަތްކުރާ މީހާގެ އަގުވަޒަންކުރުން، ނުވަތަ އިހުސާސްކުރެވޭ ކަންކަމަށް ސާފު ބަހެއް އިޚުތިޔާރުކުރުމުންނެވެ. އަޅުގަނޑުމެން ތަކުރާރުކޮށް ބޭނުންކުރާ ބަސްތަކަކީ، އަޅުގަނޑުމެން ދިރިއުޅުމުގެ މިސްރާބު ކަނޑައަޅާ ވަސީލަތެކެވެ. އެހެންކަމުން، އެ ބަސްތައް އިޚުތިޔާރު ކުރުމުގައި ސަމާލުވަމާތޯއެވެ.
ހިތްދަތިކުރުވާ ބަސްމަގުގެ ނަތީޖާ އަކީ ހިތިއެއްޗެކެވެ.
އިންސާނާގެ ދުލުން ބޭރުވާ ކޮންމެ ބަހަކީވެސް އެހެން މީހެއްގެ ހަޔާތަށް އޭގެ އަސަރު ފުންކޮށް ފޯރުވާނޭ އެއްޗެކެވެ. މީހުންނަށް ދެރަކޮށް ހިތުމުގެ ގޮތުން ހަރުކަށި، ހިތްދަތިކުރުވާ ނަންނަމުން ގޮވުމާއި، މީހާގެ އަގު ވައްޓާލުމަށްޓަކައި ދެވޭ ލަގަބުތަކަކީ ފުރައްސާރައާއި ގޯނާގެ އެންމެ ވޭންދެނިވި އެއް ސިފައެވެ. އެފަދަ ބަސްތަކުން ލިބޭ ޒަޚަމަކީ އިންސާނާގެ ނަފްސު ކުދިކުދިކޮށްލާ ފަދަ ބާރެއް އެކުލެވިގެންވާ ކަމެކެވެ.
އެ ވޭނަކީ އަޅުގަނޑުގެ އަމިއްލަ ހަޔާތުގެ ތަޖުރިބާތަކުން ވެސް އިހުސާސް ކުރެވިފައިވާ ކަމެކެވެ. އެއްވެސް ޙައްޤަކާ ނުލައި، ބޭއިންސާފުން މީހަކު ދަށްކޮށްލުމުގެ ނިޔަތުގައި މީހަކާ ދިމާއަށް ބޭނުންކުރާ ނާތަހުޒީބު ލަގަބަކީ، އިންސާނާގެ އަމިއްލަ ކަރާމާތާއި އިއްޒަތް ފުނޑުފުނޑުކޮށްލާ ކަމެކެވެ.
މި ވޭނުގެ އެންމެ ހިތްދަތިކަމަކީ އެއީ ލޮލަށް ފެންނަން ނުހުންނަ ޒަޚަމަކަށް ވާކަމެވެ. އެހެން މީހުންނަށް ދައްކާލާނެ ފާރުގަނޑެއް ނުހުރެއެވެ. އެކަމުން ހިތަށް ލިބޭ ފުން އަނިޔާ ބަޔާންކޮށްދިނުމަކީ އެހާފަސޭހަ ކަމަކަށް ވެސް ނުވެއެވެ. އަދި ބައެއް ފަހަރު، އެކަމުގެ ހަގީގަތް ސާފުކޮށްދޭން މަސައްކަތް ކުރުމުން، އެއީ ހަމައެކަނި އަމިއްލަ ނަފްސު ދިފާއުކުރަން ކުރާ ކަމެއް ކަމުގައި މީހުން ދެކެއެވެ. ނަމަވެސް، އެއީ އަމިއްލަ ނަފްސު ދިފާއުކުރުމެއް ނޫނެވެ. އެއީ ތިމާއަކީ ކާކުކަން ބުނެދީ، ހަގީގަތް ހާމަކުރުމަށް ކުރާ އާދޭހެކެވެ.
ބަހެއް ބުނެލާ މީހާ އެ ބަސް ބުނެފައި އެކަން ހަނދާން ނައްތާލި ކަމުގައި ވިޔަސް، އެ ބަހުގެ ޝިކާރައަކަށްވި މީހާގެ ހިތުގައި އެ ބަސްތައް އެތައް ޒަމާނަކަށް ދެމިހުރެއެވެ.
މީހަކު އަންނަރުޅީގައި، ނުވަތަ މާޔޫސްކަމުގައި، ނުވަތަ ސަމާސާއަކަށް ހަދައިގެން މަޖަލަކަށް ބުނެލާ އެންމެ ބަހަކީ އަނެކާ އެތައް އަހަރެއް ވަންދެން އުފުލަންޖެހޭ ބޮޑު ބުރައަކަށް ވެދެއެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި، ޚާއްސަކޮށް ޅަދަރިންނާއި ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިންތިހާއަށް އިތުރުކުރަންޖެހިފައިވާ މުހިންމު ސަބަބެކެވެ.
އެހެން މީހެއްގެ ގައިގައި ލަގަބެއް އެޅުވުމުގެ ކުރިން، އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހެއެވެ: "މި ބަސްތަކުން ޙާޞިލުވާނީ ކޮން ކަމެއް ހެއްޔެވެ؟" އެ ބަސްތަކަކީ އަނެކާ ލަދުގަންނަވާލުމާއި، އެކަހެރިކޮށްލުމާއި، ހިތާމަ ދިނުން ފިޔަވައި އެހެން އެއްވެސް ބޭނުމެއް ނެތް އެއްޗެއްނަމަ، އެފަދަ ބަސްތައް ދުލުން ބޭރުނުކޮށް ހިމޭންވުން މާ މޮޅުއިތުރުވެގެން ވެއެވެ.
ނަފްސާނީ ގޮތުން ރައްކާތެރި، އަމާން މުޖުތަމައެއް ބިނާކުރެވޭނީ ވަރަށް އާދައިގެ، ނަމަވެސް ހަރުދަނާ އުސޫލަކެއްގެ ތެރެއިންނެވެ.
އެއީ، ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ އަމިއްލަ އިއްޒަތާއި ކަރާމާތް ރައްކާތެރިކުރުމުގެ ފުރުސަތު ދިނުމެވެ. އަނެކާގެ ޤަދަރު ހިފަހައްޓައި، ތިމާގެ ދުލުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްކުރުމަކީ މުޖުތަމައުގެ ހަމަޖެހުމުގެ އަސްލެވެ.