ބިދޭސީން ދަނޑުތަކުގައި ގިނަކަމުގެ ޝަކުވާ ބޮޑު ތޮއްޑޫއިން 107 ބިދޭސިއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ތޮއްޑޫގައި އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީންނާ ސުވާލުކޮށް ބަލައި ފާސްކުރަނީ --- ފޮޓޯ: އިމިގްރޭޝަން

ގަވައިދާ ޚިލާފަށް އުޅެމުން ދިޔަ 107 ބިދޭސިއަކު، ދަނޑުވެރިކަމުގައި މަޝްހޫރު އއ. ތޮއްޑޫން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުކަމަށް އާންމުންގެ ގިނަ ޝަކުވާ ލިބެމުން ދިއުމާ ގުޅިގެން ތޮއްޑުއަށް އަމާޒުކޮށް ޚާއްސަ އޮޕަރޭޝަނެއް ޓާސްކްފޯހުން ހިންގައިފައިވާ ކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އަށް ހިންގި އެ އޮޕަރޭޝަނުގައި ޖުމުލަ 507 ބިދޭސިއަކު ބަލައި ފާސްކޮށް 107 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް، އިމިގްރޭޝަނުން ބުންޏެވެ.

ދަނޑުވެރިކަމުގެ އިތުރުން ގެސްޓްހައުސްގެ ވެސް ވިޔަފާރިކުރާ ތޮއްޑޫގެ ބައެއް ދަނޑުތަކުގައި ފެން ދިނުމާއި މޭވާ ކެނޑުމާއި އެ ތަކެތި މާލެ ފޮނުވުމަށް ދޯންޏާ ހިސާބަށް ގެންދިއުމުގައި ވެސް ބޮޑު ހިއްސާއެއް ބިދޭސީން އަދާކުރެއެވެ.

https://sun.mv/43353

މީގެ ކުރިން ވެސް ތޮއްޑޫގައި ބިދޭސީންގެ މައްސަލަތައް ބޮޑުވިއެވެ. އެގޮތުން އޭރު އެ ރަށުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީންނަކީ ހުއްދަނެތި ރާއްޖޭގައި މަސައްކަތް ކުރި ބިދޭސީންނެވެ. ތޮއްޑޫ ކައުންސިލާއި އިމިގްރޭޝަނާއި ފުލުހުން ކުރި މަސައްކަތުން އޭރު އެކަނި ވެސް 300އަށް ވުރެ ގިނަ ބިދޭސީން އެ ރަށުން ފޮނުވައިލިއެވެ.

comment ކޮމެންޓް