ކޮންމެ އަހަރަކުވެސް އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯން ބާޒާރަށް ނެރުމާއެކު އާންމުކޮށް ފެންނަ ދެ މަންޒަރެއް އޮވެއެވެ. އެއީ އެޕަލް ސްޓޯތަކުގެ ކުރިމަތީގައި ދިގު ކިއުތައް ދެމިގެންދާ މަންޒަރާއި، ފޯނުގެ އަގު ބޮޑުކަމުން ސޯޝަލް މީޑިއާގައި ކުރެވޭ ސަމާސާތަކާއި އެކަމާ ގުޅިގެން ދެކެވޭ ތަފާތު ވާހަކަތަކެވެ. މި އަހަރުވެސް މި ކަންކަމަކަށް ބަދަލެއް ނައެވެ.
އިންޑިއާގައި އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް ވިއްކަން ފެށީ ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ. ފޯނު ގަތުމަށްޓަކައި ދިއްލީ، މުމްބާއީ އަދި ބެންގަލޫރުގެ އެޕަލް ސްޓޯރުތައް ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވި އިރު، ބައެއް މީހުން ވަނީ މުޅި ރޭގަނޑު ކިއުގައި ހޭދަކޮށްފައެވެ. ދިއްލީގެ ސިލެކްޓް ސިޓީވޯކް މޯލްގައި ހުންނަ އެޕަލް ސާކެޓް ސްޓޯ ކައިރިއަށް، އެންމެ ފަހުގެ މޮޑެލްތައް ހޯދުމަށްޓަކައި ދެކޮޅަށް މީހުން އެއްވާން ފެށީ މެންދަމު އެކެއްވެސް ޖެހިފަހުންނެވެ.
މި ފޯނުތަކުގެ އަގުތަކުގެ ވާހަކައަކީ އިންޓަނެޓުގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައެވެ. އައިފޯން 18 ޕްރޯގެ 256 ޖީބީ މޮޑެލްގެ އަގު 1,64,900 އިންޑިއަން ރުޕީސްއިން ފެށޭއިރު، 2 ޓީބީގެ މޮޑެލްގެ އަގު އުޅެނީ 3,14,900 ރުޕީސްގައެވެ. އަދި އައިފޯން 18 ޕްރޯ މެކްސްގެ އަގުތައް އުޅެނީ 1,79,900 ރުޕީސް އާއި 3,29,900 ރުޕީސްއާ ދެމެދުގެ އަގުތަކުގައެވެ.
އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯން ބާޒާރަށް ނެރުމާއެކު އިންޑިއާގެ ރައްޔިތުންތަކެއް ފޯނު ގަތުމަށް ކިއު ހަދާލާފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސްމިހާ ބޮޑު އަގެއްގައި ފޯނެއް ގަތުމުގެ ބަދަލުގައި ބޭރު ޤައުމަކަށް ޗުއްޓީ ދަތުރެއް ނުދަނީ ކީއްވެގެންތޯ ސުވާލު އުފެދުމަކީ ނުވެ ނުދާނެ ކަމެކެވެ.
'މޯ އޮފް އެވްރީތިންގް'ގެ ރިޕޯޓަރު ޝިވާންގް ޝުކްލާ ވަނީ ދިއްލީގެ ސިލެކްޓް ސިޓީވޯކްގައި ފޯނު ގަންނަން ކިއުގައި ހުރި މީހަކާ ސުވާލުކޮށްފައެވެ. އެ ފައިސާއިން ޖަޕާނު ފަދަ ގައުމަކަށް ދަތުރުކުރެވޭނެކަމަށް ވަށައިގެން ތިބި މީހުން ބުނުމުން އޭނާ ދިނީ ވަރަށް ސާދާ ޖަވާބެކެވެ. އޭނާ ބުނި ގޮތުގައި އެ ދެ ކަންތަކީ އަޅާކިޔޭނެ ދެ ކަމެއް ނޫނެވެ.
"ވަރަށް ގިނަ މީހުން އެބަބުނޭ، ތިޔަ ފައިސާއިން ބޭރު ގައުމަކަށް ދެވިދާނެއެއްނޫންހެއްޔޭ؟ ޖަޕާނަށްވެސް ދެވިދާނެއެއްނޫންހެއްޔޭ؟' އެއީ ކޫސަނި ވާހަކައެއް. ދިރިއުޅުމުގައި ކޮންމެ ކަމެއްވެސް ކުރެވިދާނެ. ބޭރު ގައުމަކަށް ދިއުމަކީ ތަފާތު ތަޖުރިބާއެއް. އަދި މިއީ ކުރާ ހިތުން، ޝައުގުވެރިކަމާއެކު ކުރާ ކަމެއް. އަމިއްލަ ޝައުގުވެރިކަމަކަށް ދެވޭނެ ވަކި އަގެއް ނޯންނާނެ" އޭނާގެ ނިންމުން ދިފާއުކުރަމުން ބުނެފައިވެއެވެ.
ފޯނު ގަންނަން ދިގު ކިއޫގައި ތިބޭ މީހުންނަށް މިއީ ހަމައެކަނި އާ ފޯނެއް ބޭނުންވެގެން ކުރާ ކަމެއް ނޫނެވެ. އެއީ އެންމެ ފަހުގެ މޮޑެލް އެންމެ ފުރަތަމަ ހޯދާ މީހުންގެ ތެރޭގައި ހިމެނުމުގެ އެދުމާއި، ކޮންމެ އަހަރަކު އައިފޯން އަޕްގްރޭޑް ކުރުން އެއީ އަމިއްލަ އާދަކާދައެއްގެ ގޮތުގައި ދެކޭތީ ކުރާ ކަމެކެވެ.
މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ބޮޑެތި ސިޓީތަކުން ފެނިގެންދިޔައީ އެފަދަ ފޯރިއެކެވެ. ފިހާރަތައް ހުޅުވުމުގެ އެތައް ގަޑިއިރެއް ކުރިން މީހުން ވަނީ ކިއު ހަދާފައެވެ. ބެންގަލޫރުގެ ކަސްޓަމަރަކު ސިފަކުރި ގޮތުގައި ކޮންމެ އަހަރަކު އައިފޯން ނެރުމުގެ ހަރަކާތަކީ އެމީހުން ތަޖުރިބާކުރާ ޢީދެއް ފަދަ އުފާވެރި މުނާސަބަތެކެވެ.