ދަރިންނަށް ފޮތް ގަންނަން ފައިސާ ހޯދަން ހުސްފަޔާ ދުވެ އެއްވަނަ ހޯދި އިންޑިއާ މަންމައަކަށް ސަމާލުކަން

ރަމާބާއީ ރޭހުގައި ދުވަނީ---

ދަރިންގެ ތައުލީމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި، އިންޑިއާގެ މަހާރާޝްތުރާގައި ބޭއްވި ތިން ކިލޯމީޓަރުގެ ދުވުމެއްގައި ފައިވާނަކާ ނުލައި ދުވެ އެއްވަނަ ހޯދި އުމުރުން 47 އަހަރުގެ ރަމާބާއީ ރަންވީރުގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބީޑް ޑިސްޓްރިކްޓަށް ނިސްބަތްވާ ރަމާބާއީއަކީ 2012 ވަނަ އަހަރު ފިރިމީހާ މަރުވުމަށްފަހު އެކަނި ދަރިން ބަލަމުން އަންނަ މީހެކެވެ. އޮގަސްޓު މަހު ބޭއްވި މި ރޭހުގައި އޭނާ ބައިވެރިވީ އޭނާގެ ދެ ދަރިންނަށް ފޮތާއި ކިޔެވުމަށް ބޭނުންވާ ތަކެތި ގަތުމަށް ފައިސާ ހޯދުމަށެވެ. މި ރޭހުގެ އަންހެނުންގެ 30-60 އަހަރުގެ ކެޓަގަރީން އެއްވަނަ ހޯދައިގެން އޭނާއަށް ވަނީ 3،000 ރުޕީސްގެ އިނާމެއް ލިބިފައެވެ.

ނަމަވެސް މިއީ އިންޑިއާގައި މަތީ ތައުލީމު ހާސިލުކުރުމަށް ނުވަތަ އޭނާގެ ދަރިފުޅު ކިޔަވަމުންދާ ކޯޗިން ސެންޓަރުގެ ފީ ދެއްކުމަށް ވެސް އެކަށީގެންވާ އަދަދެއް ނޫން ކަމަށް ބީބީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރަމާބާއީ ބުނި ގޮތުގައި، ރޭހުގައި ބައިވެރިވުމަށް އޭނާ ގާތު އެދުނީ ދޮށީ ދަރިފުޅު ޕޫޖާއެވެ. އަދި އޭނާ ދުވަން ނިންމީ ނަންދޭޑްގައި ދިރިއުޅޭ ހަގު ދަރިފުޅު އާރަތީއަށް ފޮތް ގަންނަން ފައިސާ ނުފޮނުވިގެން، އަށް ދުވަސް ވަންދެން ދަރިފުޅު އޭނާއާ ވާހަކަނުދައްކައި ހުރުމުން ކަމަށް ބީބީސީ މަރާޓީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. ދުވަމުން ދިޔައިރު ފައިވާން ނެއްޓޭތީ، ފައިވާން ބޭލުމަށްފަހު އޭނާ ދުވީ ސާޅީ ރަނގަޅުކޮށްލައިގެން ފައިވާނަކާ ނުލައެވެ.

މި ރޭހުގައި ރަމާބާއީގެ ދޮށީ ދަރިފުޅު ޕޫޖާ ވެސް ވަނީ އޭނާގެ އުމުރުފުރާއިން ދެވަނަ ހޯދާފައެވެ. ޕޫޖާ ވަނީ އޭނާގެ މަންމަގެ ހިތްވަރުގަދަކަން ފާހަގަކޮށްފައެވެ.

ރަމާބާއީގެ ދެ ދަރިންގެ ތެރެއިން އެއް ކުއްޖަކު ފުލުހުންގެ ވަޒީފާއަށް ވަނުމަށް ތައްޔާރުވަމުން އަންނައިރު، އަނެއް ކުއްޖާ ތައްޔާރުވަމުން އަންނަނީ ސިވިލް ސާވިސްގެ އިމްތިހާނަށެވެ. ފިރިމީހާ މަރުވުމަށްފަހު އާމްދަނީ ހޯދުމަށްޓަކައި ރަމާބާއީ ވަނީ އެހެން މީހުންގެ ދަނޑުތަކުގައި މަސައްކަތްކޮށް، ރީނދޫ ހޮވައި އެ ވިއްކުމުގެ މަސައްކަތް ވެސް ކޮށްފައެވެ. އޭނާ މިހާރު މަސައްކަތްކުރަނީ އޭނާގެ ދަރިފުޅު ފުލުހުންގެ ވަޒީފާއަށް ތައްޔާރުވާ ކޯޗިން ސެންޓަރުގައި ކައްކާއެއްގެ ގޮތުގައެވެ.

އުމުރުން 13 އަހަރުގައި ސްކޫލުން ވަކިވި ރަމާބާއީ ބުނީ، އޭނާއަށް ނުލިބުނު ފުރުސަތުތައް ދަރިންނަށް ހޯދައިދޭން ބޭނުންވާ ކަމަށެވެ. އަދި އޭނާ އުފުލި ތަކުލީފުތައް ދަރިން އުފުލަން ބޭނުންނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ދުވުމުގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުވުމާއެކު، އިންޑިއާގެ ތައުލީމީ ނިޒާމާ ގުޅޭގޮތުން މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އިންޑިއާގައި ސަރުކާރުގެ ވަޒީފާތަކަށް ވަނުމަށް އެތައް މިލިއަން ޒުވާނުންނެއް ގިނަ އަހަރުތަކެއް ވަންދެން ތައްޔާރުވާއިރު، އިމްތިހާނު ކަރުދާސްތައް ލީކުވުން ފަދަ މައްސަލަތަކާ ގުޅިގެން ދަރިވަރުން އަންނަނީ މުޒާހަރާކުރަމުންނެވެ.

ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަންގެ ކުރީގެ ޗެއާމަން ސުކްދިއޯ ތޯރަޓް ވިދާޅުވި ގޮތުގައި، ދަރިންނަށް ކިޔަވައިދިނުމަށްޓަކައި އަންހެނަކު މިހާ ބޮޑު ތަކުލީފެއް އުފުލަން ޖެހުމުން ދައްކުވައިދެނީ ސަރުކާރުގެ ތައުލީމީ ސްކީމްތައް ރައްޔިތުންނާ ހަމައަށް އެކަށީގެންވާ ގޮތެއްގައި ނުފޯރާކަމެވެ.

ރަމާބާއީގެ ވާހަކަ އާންމުވުމާ ގުޅިގެން، އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ވަނީ ރަމާބާއީއަށް 50،000 ރުޕީސްގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

comment ކޮމެންޓް