އިންޑިއާގެ ކަލަސް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް 20"ގެ 'ވީކެންޑް ކާ ވާރު' އެޕިސޯޑުގައި، މީސްމީޑިއާގައި މަޝްހޫރު ފަރާތްތަކުގެ ސިފައަށާއި އުމުރަށް ފުރައްސާރަކުރާ މީހުންނަށް، ޝޯ ހޯސްޓުކުރާ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން ވަރުގަދަ ރައްދެއް ދީފައެވެ.
ސަލްމާންގެ މި ވާހަކަތައް އަމާޒުވެފައިވަނީ 'ބިގް ބޮސް' ގޭގެ ތެރޭގައި ހިނގި ހާދިސާއަކަށާއި، އޭނާގެ ގާތް އެކުވެރިޔާ އަދި ކުރީގެ ލޯބިވެރިޔާ، ބަތަލާ ކެޓްރީނާ ކައިފަށް ފަހަކަށް އައިސް އަމާޒުވަމުންދާ ފާޑުކިޔުންތަކަށެވެ. މި މައްސަލަ ފެންމަތިވީ ޝޯގެ ބައިވެރިއެއް ކަމަށްވާ ސްކައުޓް އޯޕީ އާއި އަރިޝްފާ ޚާންއާ ދެމެދު ހިނގި ހޫނު ޒުވާބެއްގެ ތެރެއިން، އަރިޝްފާއާ ދެކޮޅަށް މީސްމީޑިއާގައި ނުކުތުމަށް ސްކައުޓް އޭނާގެ ފޮލޯވަރުންނަށް ގޮވާލުމާ ގުޅިގެންނެވެ.
މިކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ސަލްމާން ބުނީ، މީހުންގެ ސިފައަށާއި، ހަށިގަނޑުގެ ބަރުދަނަށާއި، އާއިލާއަށާއި، އަދި ކެރިއަރުގެ ނާކާމިޔާބީތަކަށް މަލާމާތްކޮށްގެން ފައިސާ ހޯދުމަކީ، އެމީހެއްގެ އަޚުލާގާއި ތަރުބިއްޔަތުގެ ދަށުދަރަޖަ ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ޚާއްޞަކޮށް ވިހެއުމަށްފަހު އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކަށް މަލާމާތްކުރާ މައްސަލައަށް އަލިއަޅުވާލަމުން، ދާދިފަހުން މަންމައަކަށްވި ބޮލީވުޑްގެ ބަތަލާ ކެޓްރީނާގެ ދިފާއުގައި ސަލްމާން ވާހަކަދެއްކިއެވެ. މުމްބާއީގައި އޮތް ފެސްޓިވަލުން ކެޓްރީނާ ފެނުމުން އޭނާ ފަލަވެފައިވާ ކަމަށް ބުނެ ފާޑުކިޔަމުންދާ ފަރާތްތަކަށް ރައްދުދެމުން ސަލްމާން ބުނީ، މާބަނޑުވުމުން ކޮންމެ އަންހެނެއްގެ ހަށިގަނޑަށްވެސް ބަދަލުތައް އަންނާނެ ކަމަށާއި، އަލުން ފިލްމީ މަސައްކަތަށް އެނބުރި އަންނައިރު އޭނާ ފިޓްވާނެ ކަމަށެވެ. އަދި މި ދުވަސްވަރަކީ އާއިލާއަށް ވަގުތު ދޭންވީ މުހިންމު ދަނޑިވަޅެއް ކަމުގައިވެސް އޭނާ ފާހަގަކުރިއެވެ.
ކެޓްރީނާ ކައިފް ފިރިމީހާ، އެކްޓަރު ވިކީ ކޯޝަލް އަދި އަލަތު ދަރިފުޅު ވިހާންއާ އެކު--ފޮޓޯ/އިންޑިއާޓުޑޭމީގެއިތުރުން، އަމިއްލަ އުމުރަށާއި ސިފައަށް އަންނަ ބަދަލުތަކަށް އަމާޒުވާ ފާޑުކިޔުންތަކަށްވެސް ސަލްމާން ވަނީ ރައްދުދީފައެވެ. އޭނާ ބުނީ މިހާރު އުމުރުން 60 އަހަރު ފުރިފައިވާއިރު، އަބަދު "މޭނޭ ޕިޔާރު ކިޔާ" ފިލްމުގައި ފެނުނު ޒުވާން ސިފައިގައި ނުހުރެވޭނެ ކަމަށެވެ. އަދި އިންޓަނެޓުގެ ނިވާފަތްގަނޑުގައި ފިލައިތިބެ އަނެކުންގެ ސިފައަށް ފާޑުކިޔަނީ އަމިއްލަ ސޫރައާ މެދު އިތުބާރު ނެތް މީހުންތޯ ސަލްމާން ވަނީ ސުވާލު އުފައްދާފައެވެ. ހަމައެއާއެކު، މިއީ ފިލްމީ ދާއިރާގެ ތެރެއިން ބަޔަކު ފައިސާ ޚަރަދުކޮށްގެން ހިންގާ ނޭދެވޭ ކެމްޕޭނުތަކެއް ކަމަށްވެސް އޭނާ ތުހުމަތުކުރިއެވެ.
ވަރަށް ބޮޑަށް ޖަޒުބާތީވެ ހުރެ ވާހަކަދައްކަމުން، ސަލްމާން ވަނީ ސްޓޭޖް މަތީގައި އޭނާގެ ތޮއްޕާއި ޓީޝާޓް ބާލައި، މޭކަޕް އާޓިސްޓު ލައްވައި މޫނުގައި ހުރި މޭކަޕްތައްވެސް ފޮހެލާފައެވެ. މިއީ ސިފައަށް ބަލައިގެން ފުރައްސާރަކުރާ ފަރާތްތަކަށް އޭނާ ދިން ސީދާ އަދި ވަރުގަދަ ގޮންޖެހުމެކެވެ.
ވިހެއުމަށް ފަހު ހަށިގަނޑުގެ ބަރުދަން އިތުރުވުމާ ގުޅިގެން، ބޮލީވުޑްގެ ބަތަލާއިންނަށް ފާޑުކިޔުންތައް އަމާޒުކޮށް އިންޓަނެޓްގައި ޓްރޯލް ކުރުމަކީ އިންޑިއާގައި މީގެ ކުރިން ވެސް ވަރަށް އާންމުކޮށް ފެންނަ ނުރަނގަޅު އާދައެކެވެ. މީގެ ކުރިން އައިޝްވަރިޔާ ރާއީ، ކަރީނާ ކަޕޫރު، އަދި އަލިއާ ބަޓް ފަދަ މަޝްހޫރު ބަތަލާއިންނަށް ވެސް ވިހެއުމަށްފަހު ހަށިގަނޑަށް އައި ބަދަލުތަކާ ގުޅިގެން އިންޓަނެޓުގައި ބޮޑެތި ފާޑުކިޔުންތަކާއި ޓްރޯލްތައް އަމާޒުވެފައިވެއެވެ.
ނަމަވެސް، މި ފަހުން ކެޓްރީނާ ކައިފްގެ ހަށިގަނޑަށް އައި ބަދަލުތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ވިހެއުމަށްފަހު އަންހެނެއްގެ ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ތަބީއީ ކަމެއްކަން ފާހަގަކޮށް، ކެޓްރީނާއަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.
މީގެ އިތުރުން، "ބިގް ބޮސް" ޝޯގައި ސަލްމާން، ކެޓްރީނާގެ ނަން ސީދާ ހާމަނުކުރި ނަމަވެސް އޭނާގެ ދިފާއުގައި ދެއްކި ވާހަކަތަކަށް ގިނަ ބައެއްގެ ތާއީދު ވަނީ ލިބިފައެވެ. ސަލްމާން، ކެޓްރީނާއަށް ބެހެއްޓި އިހުތިރާމާއި ދެއްކި ރީތި މިސާލު ބަލައިގަނެ، ގިނަ މީހުން އަންނަނީ ސަލްމާނަށް ވެސް ތައުރީފު ކުރަމުންނެވެ.
ސަލްމާން އާއި ކެޓްރީނާގެ ގުޅުމަކީ ބޮލީވުޑްގެ ތާރީޚުގައި ވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ގުޅުމެވެ. ގާތްގަނޑަކަށް ފަސް އަހަރު ދުވަހުގެ ގުޅުމަކަށްފަހު، 2010 ވަނަ އަހަރު މި ދެ ތަރިން ވަކިވި ނަމަވެސް، އެ ގުޅުން ނިމިގެންދިޔައީ އެކަކު އަނެކަކަށް އޮތް ޤަދަރާއި އިޙްތިރާމަށް އެއްވެސް އުނިކަމެއް ނާންނަ ގޮތުގައެވެ.