ސަލްމާންގެ ސިއްހަތާ މެދު ކަންބޮޑުވުން އުފެދުނު ނަމަވެސް، ހާލު ރަނގަޅު ކަމަށް ބުނެފި

ރިއަލިޓީ ޝޯ 'ބިގް ބޮސް 20' ހޯސްޓުކުރާ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/އިންޑިއާޓުޑޭ

ކަލަސްގެ މަގުބޫލު ރިއަލިޓީ ޝޯ 'ބިގް ބޮސް 20'ގެ ޕްރޮމޯއެއްގައި ބޮލީވުޑްގެ ތަރި ސަލްމާން ޚާން ސްޓޭޖް މައްޗަށް ވެއްޓި، މޭގައި ރިއްސައިގެން އުޅޭ މަންޒަރު ފެނުމާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި އުފެދުނު ކަންބޮޑުވުންތަކަށް އޭނާ ރައްދު ދީފިއެވެ. ސަލްމާން ހާމަކުރި ގޮތުގައި އޭނާގެ އެއްވެސް ޞިއްޙީ މައްސަލައެއް ނެތެވެ.

އުމުރުން 60 އަހަރުގެ އެކްޓަރު މޭގައި އަތްއަޅައިގެން ސްޓޭޖް މައްޗަށް ވެއްޓި ޑޮކްޓަރަކަށް ގޮވާ މަންޒަރު ފެންނަ މި ޕްރޮމޯގެ ސަބަބުން، ގިނަ ބަޔަކަށް ހީވީ ހަގީގަތުގައިވެސް އޭނާއަށް ޞިއްޙީ ކުއްލި މައްސަލައެއް ދިމާވީ ކަމަށެވެ. މިއާއެކު ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ސަލްމާނަށް ހެޔޮ ދުއާކޮށް، އަވަސް ޝިފާއަކަށް އެދިފައެވެ.

މިކަމުގެ ޙަޤީޤަތް ހާމަކުރަމުން އިންސްޓަގްރާމް މެދުވެރިކޮށް ސަލްމާން ބުނީ، މިއީ ޝޯގެ ބައިވެރިއެއް ކަމަށްވާ ގާޒީ ތައުގީރަށް މެސެޖެއް ދިނުމުގެ ގޮތުން ކުރި އެކްޓެއް ކަމަށެވެ. އަދި އޮޅުން އެރީ ޕްރޮމޯ އެޑިޓްކޮށްފައިވާ ގޮތުން ކަމަށް އޭނާ ބުންޏެވެ.

މަގުބޫލު ރިއަލިޓީ ޝޯ 'ބިގް ބޮސް 20'ގެ ޕްރޮމޯގެ މަންޒަރެއްގައި ސަލްމާން--ފޮޓޯ/ޕިންކްވިލާ

އެންމެ ފަހުން ދެއްކި 'ވީކެންޑް ކާ ވާރް' އެޕިސޯޑުގައި އެގޮތަށް އެކްޓްކުރީ، އަމިއްލަ ސިއްހަތަކީ މުނިފޫހިފިލުވުމަށް ނުވަތަ ޝޯގެ ސަމާލުކަން ހޯދުމަށް ބޭނުންކުރަންވާނެ ވަސީލަތެއް ނޫންކަން ގާޒީއަށް ވިސްނައިދިނުމަށް ކަމަށް ސަލްމާން ވަނީ ތަފުސީލުކޮށް ހާމަކޮށްދީފައެވެ. ސަލްމާން ބުނި ގޮތުގައި، ގާޒީ ގޭތެރޭގައި ސިއްހީ މައްސަލައެއް ދިމާވި ކަމަށް ހަދައިގެން އެކްޓް ކުރުމުން އެހެން ބައިވެރިން ކަންބޮޑުވި ފަދައިން، އޭނާ ކުރި ކަމަކީ ގޯހެއްކަން އިހުސާސްކޮށްދިނުމަކީ މި މަންޒަރުގެ އަސްލު މަގުސަދެވެ. ނަމަވެސް، ޕްރޮމޯ ކަނޑާފައިވާ ގޮތުން އެ މަގުސަދު އޮޅި، އޭނާ ބަލިވީ ކަމަށް ބެލުންތެރިންނަށް ދޭހަވީއެވެ.

"ޕްރޮމޯ އެޑިޓްކޮށްފައިވާ ގޮތުން މާފަށް އެދެން. މިއީ ޝޯ އިޝްތިހާރު ކުރުމުގައި އެމީހުން ބޭނުންކުރި ގޮތެއް ކަމަށް ވެދާނެ. އެ ފަރާތްތަކުގެ ނަމުގައި އަހަރެން މާފަށް އެދެން،" ސަލްމާން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ޝޯ އުފައްދާ ފަރާތުން މިހާރު ވަނީ ގާޒީ ތައުގީރުގެ އަމަލުތަކާ ގުޅިގެން ސަލްމާން އޭނާއަށް ނަސޭހަތްތެރިވާ މަންޒަރު ފެންނަ އާ ޕްރޮމޯއެއް އާންމުކޮށްފައެވެ.

މީގެ އިތުރުން، މި އެޕިސޯޑުގައި ސަލްމާން ވަނީ ފަންނާނުންނަށް، ހާއްސަކޮށް އަންހެން ފަންނާނުންގެ ސިފައަށް އަމާޒުކޮށް އޮންލައިންކޮށް ކުރާ ފުރައްސާރަތަކާ ދެކޮޅަށް ވާހަކަދައްކައި، ނޭދެވޭ ގޮތްގޮތަށް ފޮޓޯ ނަގާ ފޮޓޯގްރާފަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

comment ކޮމެންޓް