ބައްސާމް ހިމެނޭހެން ޓެކްސް ފައިސާ ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ފައިލް ފޮޓޯ: ސަން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިމެނޭހެން ޓެކުހުގެ އަދަދު އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާންމުކޮށްފިއެވެ.

މި ނަންތައް ހާމަކޮށްފައި ވަނީ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުންނެވެ.

މީރާއިން ޓެކްސް ފައިސާ ނުދައްކައިގެން އާންމުކުރި ލިސްޓުގައި، ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ 32 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ ބައްސާމްގެ ނަން ހިމެނެއެވެ.

ބައްސާމަކީ ފީފާގެ އަޚްލާގީ މިންގަނޑުތަކާ ޚިލާފުވެގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އުމުރަށް ސަސްޕެންޑްކޮށް، ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް މިމަހުގެ 11 ވަނަ ދުވަހު ނިންމާފައިވާ މީހެކެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ މަޝްހޫރު ބައެއް ކުންފުނިތައް މި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް ކުރާ އޭކޭޑީއޭ އިންޖިނިއާސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، މާލޭގެ އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހިންގާ "ޗީބޯ ކެފޭ" ހިންގާ ކުންފުނި ކަމަށްވާ ޗީބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ވެސް ޑުބްލެކްސް ޕްރައިވެޓް ލިމިޓެޑާއި މެދުފުށި އިންވެސްޓްމަންޓް ފަދަ ކުންފުނިތައް ފާހަގަކޮށްލެވެއެވެ.

މީރާއިން ބުނި ގޮތުގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ވަނީ ސާފުކޮށްދީފައެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ވެސް އެކަން ވަނީ އަންގާފައެވެ.

އެހެންކަމުން، މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާންތައް ހުށަހެޅުމަށާއި، ފައިސާ ނުދައްކާ ހުރި ފަރާތްތަކުން ލަސްނުކޮށް ފައިސާ ދެއްކުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު --

ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެއްވެސް ތަފާތުކުރުމެއްނެތި ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މިގޮތުން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކު އެކައުންޓްތައް ހިފެހެއްޓުމާއި، ސަރުކާރުގެ ހިދުމަތްތަކާއި ވިޔަފާރީގެ އިމްޕޯޓް އަދި އެކްސްޕޯޓް ހުއްދަތައް ހިފެހެއްޓުމުގެ އިތުރުން ސިވިލް ކޯޓުގައި ދައުވާކުރުމާއި، މަސްއޫލުވެރިން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރުމުގެ އަމުރު ހޯދުން ހިމެނެއެވެ. އަދި ގަސްދުގައި ޓެކްސްއަށް މަކަރުހަދާ ފަރާތްތަކުގެ މައްސަލަތައް ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގުކޮށް، ދައުވާ އުފުލުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެއެވެ.

ފާހަގަކުރެވޭގޮތުގައި ގަވާއިދުން ޓެކްސް ނުދައްކާ އަދި ބަޔާން ނުފޮނުވާ ފަރާތްތަކާމެދު ޓެކްސް ގާނޫނާއި ގަވާއިދުތަކުގެ ދަށުން މީރާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅައެވެ. މިގޮތުން ސުންގަޑި ހަމަވުމަށްފަހު ބަޔާން ނުފޮނުވުމާއި ފައިސާ ނުދެއްކުމުން ކޮންމެ ދުވަހަކަށް ޖޫރިމަނާއާއި އިންޓްރެސްޓް އިތުރުވަމުންދާއިރު، އެފަދަ ފަރާތްތަކުގެ މައުލޫމާތު މީޑިއާތަކާއި ވެބްސައިޓުގައި އާންމުކޮށް ޝާއިއުކުރެވެއެވެ.

މީގެއިތުރުން، ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކު އެކައުންޓްތައް ހިފަހައްޓައި ފައިސާ އަތުލުމުގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކުން ދޭ ހިދުމަތްތަކާއި ވިޔަފާރީގެ އިމްޕޯޓް އަދި އެކްސްޕޯޓް ހުއްދަތައްވެސް ހިފެހެއްޓެއެވެ. އަދި ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކުރުމާއި، ކުންފުނިތަކުގެ މަސްއޫލުވެރިން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރުމުގެ އަމުރު ހޯދުން ހިމެނެއެވެ.

ގަސްދުގައި ޓެކްސްއަށް މަކަރުހަދާ ނުވަތަ ސައްހަނޫން މައުލޫމާތުދޭ ފަރާތްތަކުގެ މައްސަލަތައް ޖިނާއީ ކުށެއްގެ ގޮތުގައި ބަލައި، ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ޖިނާއީ ދައުވާ އުފުލައި ތަހުގީގު ހިންގައެވެ.

comment ކޮމެންޓް