ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގަން އަބޫދާބީގެ ކުންފުންޏަކާއެކު ސޮއިކޮށްފި

އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން ---

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.

ޔޫއޭއީގެ "ދަ ނެޝަނަލް ނިއުސް" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ފައުންޑަރު އަދި ޗެއާމަން މުޙައްމަދު އަލާއްބާރު އަދި ދިވެހި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މުޙައްމަދު އަލާއްބާރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާ އާއި ދުބާއީ މޯލް ތަރައްގީކުރި އެމާރު ޕްރޮޕަޓީސްގެ ވެސް ބާނީއެވެ.

އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން ---

މަޝްރޫއުގެ މުހިންމު ތަފްސީލުތައް:

  • ތަރައްގީކުރާ ތަން: ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރު ފަޅުގައި ހިއްކަމުންދާ "ރަސްމާލެ" ސިޓީގައެވެ.
  • ހިމެނޭ ބައިތައް: ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް، ވޯޓާފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތަކާއި ފިހާރަތައް، އަދި މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް (ވެލްނެސް ސެންޓަރުތައް).
  • އިންވެސްޓްމަންޓް: އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.
  • އިގްތިސާދީ ފައިދާ: މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ. އަދި ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން މި މަޝްރޫއު ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީޚެއް އަދި ހާމައެއް ނުވެއެވެ.

ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މާސްޓަޕްލޭންގައި 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މިއީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ބުނެއެވެ.

އީގަލް ހިލްސްއިން މިހާރު ވެސް ދަނީ އަބޫދާބީގެ ލުލު އައިލެންޑާއި، އަލްބޭނިއާގެ 2.5 ބިލިއަން ޑޮލަރުގެ މެރީނާ މަޝްރޫއު އަދި ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއު ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް ތަރައްގީކުރަމުންނެވެ.

comment ކޮމެންޓް