އެންޑްރޮއިޑް އަދި އައިއޯއެސްގެ ޖީމެއިލް އެޕަށް "ކޮޕީ ކޯޑް" ފީޗާ ތަޢާރަފުކޮށްފި

މި ފީޗާގެ ސަބަބުން އިމެއިލް ހުޅުވުމަކާ ނުލައި ޕާސްކީ ކޮޕީ ކޮށްލެވޭނެ ---

އެންޑްރޮއިޑް އަދި އައިއޯއެސް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ ފޯނުތަކުގެ ޖީމެއިލް އެޕްލިކޭޝަނަށް، ޓޫ-ފެކްޓާ އޮތެންޓިކޭޝަން ކޯޑުތައް ފަސޭހައިން ކޮޕީކުރެވޭނެ "ކޮޕީ ކޯޑް" ޝޯޓްކަޓް ފީޗާއެއް ގޫގުލްއިން ތަޢާރަފުކުރަން ފަށައިފިއެވެ.

މި ފީޗާގެ ސަބަބުން އިމެއިލް ހުޅުވުމަކާ ނުލައި، އިންބޮކްސް ލިސްޓުގައި އިންނަ އިމެއިލްގެ ސަބްޖެކްޓް ލައިނުގެ ތިރިން ފެންނަން އިންނަ "ކޮޕީ ކޯޑް" ބަޓަނަށް ފިތާލައިގެން ވެރިފިކޭޝަން ކޯޑު ކްލިޕްބޯޑަށް ކޮޕީކޮށްލެވޭނެއެވެ. މިއީ ތަފާތު އެޕްލިކޭޝަންތަކަށާއި ވެބްސައިޓްތަކަށް ލޮގިންވުމުގެ މަރުޙަލާ އިތުރަށް އަވަސްވެގެންދާނެ ބަދަލެކެވެ.

ނައިންޓޫފައިވްގޫގުލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާ ފީޗާ ލިބެމުންދަނީ އެންޑްރޮއިޑްގެ ޖީމެއިލް އެޕް ވާޝަން 2026.09.07.އެކްސް އަދި އައިއޯއެސްގެ ވާޝަން 6.0.260907 ބޭނުންކުރާ ފަރާތްތަކަށެވެ. ނަމަވެސް، ވެބް ބްރައުޒާ މެދުވެރިކޮށް ބޭނުންކުރާ ޖީމެއިލްއަށް މި ފީޗާ އަދި ތަޢާރަފެއް ނުކުރެއެވެ.

އެސްއެމްއެސް މެދުވެރިކޮށް ލިބޭ ވެރިފިކޭޝަން ކޯޑުތައް ނޮޓިފިކޭޝަނުން ސީދާ ކޮޕީ ކުރެވޭ ގޮތަށް ގޫގުލް މެސެޖެސްގައި ކުރިންވެސް މިފަދަ ފީޗާއެއް އޮވެއެވެ. ޖީމެއިލްއަށް މި ފީޗާ ގެނައުމުން އިމެއިލް މެދުވެރިކޮށް އަންނަ އޯޓީޕީ އަދި ކޯޑުތައް ބޭނުންކުރުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

https://sun.mv/227309

މީގެ އިތުރުންވެސް، ޖީމެއިލްއަށް ގޫގުލްއިން ދަނީ ގިނަ އާ ފީޗާތަކެއް އިތުރުކުރަމުންނެވެ. އެގޮތުން ލައިވް ސާޗް އަދި ޗެޓް ފީޗާގެ އިތުރުން، ޖެމިނައި އޭއައި މެދުވެރިކޮށް އީމެއިލް ލިޔެދޭ "ހެލްޕް މީ ރައިޓް" ފީޗާއަށްވެސް ދާދިފަހުން ވަނީ ބޮޑެތި އަޕްޑޭޓްތަކެއް ގެނެސްފައެވެ.

މިދިޔަ ޖުލައި މަހު "ހެލްޕް މީ ރައިޓް" އަށް ގެނައި އަޕްޑޭޓާއެކު، އޭއައިއިން ތައްޔާރުކުރާ ޑްރާފްޓްތައް އަމިއްލަ އިރުޝާދުތަކާ އެއްގޮތަށް ބަދަލުކުރުމާއި، އިޞްލާޙުކުރުމުގެ އިތުރުން އަންޑޫ އަދި ރީޑޫ ކޮންޓްރޯލްތައް ބޭނުންކުރުމުގެ ފުރުޞަތު ޔޫޒަރުންނަށް ވަނީ ހުޅުވާލާފައެވެ.

ޓޫ-ފެކްޓާ އޮތެންޓިކޭޝަން ނުވަތަ ޓޫ-ސްޓެޕް ވެރިފިކޭޝަނަކީ އޮންލައިން އެކައުންޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގޫގުލްއިން ވަރަށް ބޮޑަށް ބާރުއަޅަމުންދާ ނިޒާމެކެވެ. ނަމަވެސް، އެކި އެޕްލިކޭޝަންތަކާއި ވެބްސައިޓްތަކަށް ލޮގިންވާއިރު އީމެއިލް މެދުވެރިކޮށް އަންނަ އޯޓީޕީ ކޯޑުތައް ހޯދުމަށް އީމެއިލް ހުޅުވައި، ކޯޑު ނެގުން ފަދަ އުނދަގޫތައް ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވެއެވެ.

ސެކިއުރިޓީ ވަރުގަދަކުރުމާއެކު ބޭނުންކުރާފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގޫގުލްއިން ދަނީ ޕާސްކީ ފަދަ ޕާސްވޯޑާ ނުލައި ލޮގިންވެވޭ އާ ވަސީލަތްތައްވެސް ތަޢާރަފުކުރަމުންނެވެ. މީގެ އިތުރުން، އީމެއިލްތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި ލިބޭ އީމެއިލްތަކުގައި ބްރޭންޑް އިންޑިކޭޓާސް ބްލޫ ޓިކް ހިމެނުން ފަދަ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއްވެސް ދާދިފަހުން ޖީމެއިލްގައި ވަނީ ޤާއިމުކޮށްފައެވެ.

comment ކޮމެންޓް