ކޮންސްޓްރަކްޝަން މަސައްކަތްތެރިންތަކަކަށް އޮޅިގެން އެއާ ޓްރެފިކް ކޮންޓްރޯލް ކޭބަލެއް ބުރިވުމާ ގުޅިގެން، އެމެރިކާގެ މައި އެއާޕޯޓުތަކުގެ އެތައް ސަތޭކަ ފްލައިޓެއް ޑިލޭވެއްޖެއެވެ.
އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވި ގޮތުގައި، މިހާރު އެ ކޭބަލް މަރާމާތުކޮށް، އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް ވަނީ އަލުން ފަށައިފައެވެ.
މި މައްސަލައާ ގުޅިގެން ނިއުޔޯކް، ޕެންސިލްވޭނިއާ، ނިއުޖާޒީ އަދި މެސަޗޫސެޓްސްގެ އެއާޕޯޓުތަކުގެ ފްލައިޓުތައް ހުއްޓުމަކަށް އައިސް، ގިނަ ވަގުތުތަކަކަށް ޑިލޭވިއެވެ. ފްލައިޓް ޓްރެކްކުރާ ވެބްސައިޓް ފްލައިޓްއަވެއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނިއުޖާޒީގެ ނިއުއާކް ލިބަޓީ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓުން ފުރަން ހަމަޖެހިފައިވާ 267 ފްލައިޓެއް އަދި އެ އެއާޕޯޓަށް އަންނަން ހަމަޖެހިފައިވާ 257 ފްލައިޓެއް ވަނީ ޑިލޭވެފައެވެ. މީގެ އިތުރުން ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓާއި ލަގާޑިއާ އެއާޕޯޓުގެ އިތުރުން ފިލަޑެލްފިއާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް މިކަމުގެ އަސަރުކުރިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ނިއުޔޯކްގައި ފެށުމަށް ހަމަޖެހިފައިވާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ނިއުޔޯކަށް ވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމް ވަނީ ފްލައިޓުތައް ޑިލޭވުމުގެ ކުރިން ނިއުޔޯކަށް ވަޑައިގެންފައެވެ. ފްލައިޓް ޑިލޭވުމުގެ ސަބަބުން ބައެއް ފަސިންޖަރުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ.
އެޑިންބަރާއިން ނިއުޔޯކަށް ދަތުރުކުރި ފަސިންޖަރެއް ކަމަށްވާ ޑަގްލަސް ޓިއުނިއަން ބީބީސީއަށް ބުނި ގޮތުގައި، އޭނާ ދަތުރުކުރި ފްލައިޓް ވަނީ މެސަޗޫސެޓްސްގެ ބޮސްޓަންއަށް ޑައިވާޓްކޮށްފައެވެ. އަދި މައުލޫމާތެއް ނުލިބި ދެ ގަޑިއިރު ވަންދެން ބޯޓުގައި މަޑުކުރަން ޖެހުނު ކަމަށާއި، އެންމެންގެ މޫޑު ރަނގަޅު ނަމަވެސް އިތުރު ދެ ގަޑިއިރު މަޑުކުރަން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ޓްރާންސްޕޯޓް އޮފިޝަލުން ބުނި ގޮތުގައި، ބުރިވެފައިވަނީ ބޯޓުތައް ނައްޓާލުމާއި ޖެއްސުމަށް އިރުޝާދު ދިނުމަށް ބޭނުންކުރާ ޓާމިނަލް ރޭޑާ އެޕްރޯޗް ކޮންޓްރޯލް ސިސްޓަމްގެ ކޭބަލެކެވެ. ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)ގެ ވެރިޔާ ބްރަޔަން ބެޑްފޯޑް ވިދާޅުވި ގޮތުގައި، ބުރިވެފައިވަނީ ބެކަޕް ނެޓްވޯކެއްގެ ކޭބަލެކެވެ. އަދި މިކަން އެނގުނީ މައި ސާކިޓް ފެއިލްވުމުންނެވެ.
ނިއުޖާޒީގެ ޕަބްލިކް ޓްރާންސްޕޯޓޭޝަން އެޖެންސީ، އެންޖޭ ޓްރާންސިޓުން ބުނި ގޮތުގައި މި ކޭބަލް ބުރިވީ ކޮންނަންޖެހޭ ތަން ފާހަގަކުރުމުގައި ހެދިފައިވާ ގޯހެއްގެ ސަބަބުންނެވެ. އެމެރިކާގެ ގައުމީ ރޭލްވޭ އޮޕަރޭޓަރު، އެމްޓްރެކްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާގައި ޝާމިލުވަނީ އެންޖޭ ޓްރާންސިޓްގެ ކޮންޓްރެކްޓަރެއް ކަމަށެވެ. އަދި ކޭބަލްގެ ވެރިފަރާތް ކަމަށްވާ ވެރައިޒަން ކުންފުނިން ވަނީ މިކަމުގައި އެ ކުންފުނީގެ އެއްވެސް ޒިންމާއެއް ނެތްކަމަށް ބުނެފައެވެ.