ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން ހުއްޓާލައިފި

"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން: އެ ތިން މީހުން ހޯދުން މިހާރު ވަނީ ހުއްޓާލާފައި ---

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން ހުއްޓާލައިފިއެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު އެ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަނީ ސަލާމަތީ އޮޕަރޭޝަނެއް ހިންގާފައެވެ.

އެ އޮޕަރޭޝަންގައި ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތްކޮށްފައެވެ.

ސަޕްލައި ދޯނި އަޑިއަށް ދިޔަ ސަރަހައްދު: އެ ދޯނި އަޑިއަށް ދިޔައީ 1،600 މީޓަރު ފުނަށް --- ފޮޓޯ/ އެމްއެންޑީއެފް

މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫނާއި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ. އެ މީހުން ގެއްލުނު ފަހުން ދެ މަސް ފުރެން މިހާރު ވަނީ ގާތްވެފައެވެ.

'ސަން'އިން ސުވާލުކުރުމުން އެމްއެންޑީއެފުން މިއަދު ބުނީ، އެ މީހުން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އަދި، އެ އޮޕަރޭޝަންގައި ކުރި މަސައްކަތުން އެ މީހުން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެކަމަކު، އެ މީހުން ހޯދުން ހުއްޓާލީ ކޮންއިރަކު ކަމާއި ހޯދުމަށް ބެލި ސަރަހައްދުގެ ތަފުސީލެއް ދީފައެއް ނުވެއެވެ.

މިދިޔަ މަހު 17ގައި އެމްއެންޑީއެފުން ބުނި ގޮތުގައި، އެ މީހުން ހޯދުމަށް ވަނީ މުޅި ހުވަދޫ ކަނޑު އެއްކޮށް ބަލާފައެވެ. އަދި، އެ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވެސް އޭރު އެމްއެންޑީއެފުން ބުނެފައިވެއެވެ.

https://sun.mv/226123

އެމްއެންޑީއެފުން އެހެން ބުނީ މި ހާދިސާގައި ދޯނި އަޑިއަށް ދިޔައީ، 1،600 މީޓަރަށް ވުރެ ފުނަށް ކަމަށްވާތީއެވެ. މިއީ ޑައިވަރުންނަށް އަދި އަސްކަރީ ސަބްމެރިންތަކަށް ވެސް ޑައިވް ކުރެވޭ ފުންމިނެއް ނޫނެވެ.

comment ކޮމެންޓް