ފޮރިން އިންވެސްޓްމަންޓް ޤާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެދެން ގުޅަން މަސައްކަތްކޮށް، ނުގުޅުނު ބޭރުގެ 8 ކުންފުންޏެއްގެ މައުލޫމާތު އާންމުކޮށްފި

މިނިސްޓަރު ސައީދު: -- ފޮޓޯ/ ފުލުހުން

ފޮރިން އިންވެސްޓްމަންޓް އައު ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އައު އެންޓްރީ ރިކުއަމަންޓްސްއާ އެއްގޮތަށް ޢަމަލުކުރުމަށް ޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ގުޅަން މަސައްކަތްކޮށް ނުގުޅުނު ބޭރުގެ އަށް ކުންފުންޏެއްގެ މައުލޫމާތު އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024ވަނަ އަހަރުގެ ސެޕްޓެންބަރު ތިނެއްގައި ތަސްދީގުކުރެވުނު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ދިވެހިންނަށް ޚާއްސަކޮށް، ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރުން މަނާކޮށްފައިވާ ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް އެގްޒިޓްވާން (ހުއްޓާލަން) ޖެހެއެވެ.

މިގޮތުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ކާގޯ ސޭލްސް އޭޖެންޓް (ސީއެސްއޭ)، ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) އަދި ޕެސެންޖަރު ސޭލްސް އޭޖެންޓް (ޕީއެސްއޭ) ގެ ޚިދުމަތްތައް ހިމެނެއެވެ. މި ދާއިރާތަކުގައި ޙަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން އަންނަ މަހުގެ އަށެއްގެ ނިޔަލަށް އެ ވިޔަފާރިތައް ހުއްޓާލަން ޖެހޭނެއެވެ.

މި އިންތިގާލީ މަރުޙަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީގެ ރެކޯޑުތަކުގައިވާ މަޢުލޫމާތުތަކަށް ބިނާކޮށް، އީމެއިލާއި ފޯނުން ގުޅަން ކުރި މަސައްކަތުން ނުގުޅުނު ކަމަށް މިނިސްޓްރީން ހާމަކުރި 8 ކުންފުންޏަކީ:

  • މެގަ ސްޕީޑްލައިނާސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0022/1994)
  • އެސްލި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (C-0266/1995)
  • އައިސޯލާ ކްރިއޭޝަން (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0217/1995)
  • ދީނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (C-0017/1985)
  • ލެމިންޓަންސް ޖުވެލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0375/1996)
  • އެމްޔޫކޭ އެޕަރަލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0079/1998)
  • ލަކްގެމްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0201/1999)
  • އޯޝަން ވެލް ގާމެންޓްސް ޕްރައިވެޓް ލިމިޓެޑް (C-142/2000)

އިކޮނޮމިކް މިނިސްޓްރީން ވަނީ މި ކުންފުނިތަކުގެ ޑައިރެކްޓަރުން، ހިއްސާދާރުން، ނުވަތަ ހުއްދަ ދެވިފައިވާ މަންދޫބުން ވީ އެންމެ އަވަހަކަށް މިނިސްޓްރީގެ "އިންވެސްޓް މޯލްޑިވްސް" ގެ ފޮރިން އިންވެސްޓްމަންޓް ޔުނިޓާ ގުޅުއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި އިންތިޤާލީ މަރުޙަލާގެ ޝަރުޠުތައް ކަށަވަރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އައު އުސޫލުތަކަށް ކޮމްޕްލައިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

comment ކޮމެންޓް