އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ކުރެއްވި ޓެރަރިޒަމްގެ ތުހުމަތުތައް ދޮގުކުރައްވައި، އީރާނަކީ ޓެރަރިޒަމްގެ ޝިކާރައެއް ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
ނިއުޔޯކްގައި ބޭއްވި އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ބުދަ ދުވަހު ވާހަކަދައްކަވަމުން ޕެޒެޝްކިއަން މިހެން ވިދާޅުވީ، އޭގެ އެއް ދުވަސް ކުރިން ޓްރަމްޕް ދެއްވި ތަގުރީރެއްގައި އީރާނަކީ ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމު ކަމަށް ސިފަކުރެއްވުމާ ގުޅިގެންނެވެ.
ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި އީރާނަކީ ޓެރަރިސްޓުންނެއް ނޫނެވެ؛ އޭގެ ބަދަލުގައި އެ ގައުމަކީ ޓެރަރިޒަމްގެ އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ ގައުމެކެވެ. މިއަހަރުގެ ކުރީކޮޅު ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކަށް އިޝާރާތްކުރައްވައި، އެއްވެސް ގާނޫނީ އަސާސެއް އަދި ސަބަބެއް ނެތި އީރާނުގެ އެންމެ އިސް ލީޑަރު އަވަހާރަކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ އެކި ސަހަރުތަކާއި ޕްރޮވިންސްތަކުގެ އާންމު ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީ، މީހުން މަރަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެއީ ހަގީގީ ޓެރަރިސްޓް އަމަލުތައް ކަމަށް ޕެޒެޝްކިއަން ސިފަކުރެއްވިއެވެ. އަދި އެ ގައުމުގެ ސްކޫލަކަށް ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ފާއިތުވި ހަތް މަސްދުވަހު އީރާނުގެ ރައްޔިތުން ދަނީ އެ ގައުމު ދިފާއުކުރަމުން ކަމަށާއި، އެންމެ ފަހުގެ ޒަމާނީ ހަތިޔާރާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިން ހަމަލާތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން ސާބިތުކަމާއެކު ތިބި ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު އީރާނާ ދެކޮޅަށް ހަމަލާދިނުމަށް ހޮރުމުޒް ކަނޑުއޮޅި ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އެ ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކޮށް އަމިއްލަ މަސްލަހަތު ކުރިއެރުވުމަށްފަހު، ހަމަ އެ މަގު ބޭނުންކޮށްގެން އީރާނަށް ހަމަލާދިނުމަށް ބަޔަކަށް ފުރުސަތު ނުދެވޭނެ ކަމަށް ޕެޒެޝްކިއަން ވިދާޅުވިއެވެ.
އީރާނުން ދުވަހަކުވެސް އިސްވެ ހަނގުރާމައެއް ފަށާފައި ނުވާނެ ކަމަށާއި، އަބަދުވެސް އިސްކަންދެނީ މަޝްވަރާކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެހެން ފަރާތްތަކުން އީރާނަށް ހަނގުރާމަ މަޖުބޫރުކުރުމުން، ހަނގުރާމަކުރަން ޖެހިލުންނުވާކަން ސާބިތުކޮށްދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ފިއްތުންތަކުގެ ކުރިމަތީގައި އީރާނުން ކުޑަކަކޫ ނުޖަހާނެ ކަމަށާއި، އެފަދަ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ރައްޔިތުންގެ ސާބިތުކަން އިތުރުވެގެންދާނެކަން ޓްރަމްޕަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ޕެޒެޝްކިއަން ވިދާޅުވިއެވެ.