ބްރިޖު މަތިން ފުންމާލި މީހާ ހޮސްޕިޓަލުގައި އޮއްވާ ހައްޔަރުކޮށްފި

ބްރިޖު މަތިން ފުންމާލި މީހާ ސަލާމަތް ކުރުމުގެ އޮޕަރޭޝަންގެ ތެރޭގައި (ފޮޓޯ އެމްއެންޑީއެފް)

ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލުމުން އެމްއެންޑީއެފުން ސަލާމަތްކުރި ބަންގްލަދޭޝް މީހާ، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލި ބުދަ ދުވަހުގެ ރޭ ދަންވަރު އެވެ.

އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް އިމޮން ހޯދުމުގެ މަސައްކަތް ކުރަނިކޮށް، ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އެއަށްފަހު އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓަށް އޭނާ ނަގައި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ވަނީ ހަވާލުކޮށްފައެވެ.

https://www.sun.mv/227973

އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ޤާޟީ ނާޒިރު މުޢައްޒަމިލް ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް އަމުރުކުރައްވާފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ މިހާރު އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދީފައެވެ.

އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި އިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުގެ ތުހުމަތެވެ. އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކޯޓުން ވަނީ އޭނާ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އޭނާއަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށްވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެ މީހާ މިހާރު ހޮސްޕިޓަލުގައި އޮތްއިރު، ބަލި ހާލަތު ފިލައި ދިޔުމުން އަލުން ކޯޓަށް ހާޒިރު ކުރުމަށް އަމުރުކޮށްފައިވެއެވެ.

comment ކޮމެންޓް