ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެހުނު މައްސަލަ: 4 މީހުން 30 ދުވަހަށް ބަންދުކޮށްފި

ހައިވޭއިން ހުޅުމާލެ ފައިބާ ހިސާބުގައި ހިނގާފައިވާ އެކްސިޑެންޓެއް: ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހުން އިތުރު 30 ދުވަހަށް ބަންދުކޮށްފި --- ފޮޓޯ: ކިޔުންތެރިއެއް

މާލޭން ހުޅުމާލެއަށް ހަލުވި ދުވެލީގައި ދުއްވައިފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ސިނަމާލެ ބްރިޖު ހައިވޭގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ސައިކަލުން ޖެހުނު މައްސަލައިގައި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު އިތުރު 30 ދުވަސް ޖަހައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ނިމުނު ހޮނިހިރު ދުވަހުގެ ފަތިހު 04:29 އެހާއިރު ކަމަށް ފިލުހުން އެ ދުވަހު ވަނީ މައުލޫމާތު ދީފައެވެ.

https://sun.mv/229214

މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު އެ ހަތަރު މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުގެ ހާލަތުގައި ތިބެ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ މައްސަލައިގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:

  • ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ އުމުރުން 20 އަހަރުގެ ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް
  • ކ. ގާފަރު، މަލަ، އުމުރުން 30 އަހަރުގެ އަޙްމަދު ސިނާޒް
  • ސ. ހިތަދޫ، ފެނީވާ، އުމުރުން 21 އަހަރުގެ އަޙްމަދު މާއިޝް މުޙައްމަދު މާހިރު
  • ކ. މާލެ، ހ. ފިލްމީސައިޓް، އުމުރުން 21 އަހަރުގެ އަނޫފް ބިން މުޙައްމަދު

އެ ހަތަރު މީހުންގެ ކޯޓު އަމުރުގައި ވެސް އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ވުމުން ކަމަށް ބުނެފައިވެއެވެ. އެގޮތުން އަނިޔާވި ފުލުސް މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯ ރިޕޯޓާއި، ސީސީޓީވީ ފުތޭޖްގެ ސްނެޕް ޝޮޓާއި ފުލުހުންގެ ބަޔާނުގެ އިތުރުން، ތަހުގީގަށް ފާހަގަކުރެވޭ ކަންތައްތަކުގެ ރިޕޯޓު ހިމަނާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުިރުން އެ ހަތަރު މީހުންގެ ބަޔާނުގައި ވަނީ އެ މީހުން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ހައިވޭގައި ސައިކްލުދުއްވަމުން ގޮސް، އެ މީހުން ފުލުހުން ޖަހާފައިހުރި ސީސީޓީވީ ބެރިކޭޑުގައި ޖެހި، އެތަނުގައި ހުރި ފުލުހެއްގެ ގައިގައި ޖެހި، ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އެ ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން އައިއޯ ފާހަގަކޮށްފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އަނޫފުގެ ބަޔާނުގައި އޭނާ އެ ސީންގައި އަޑުގަދަކޮށް، ފުލުހުންނާ ހަޑިހުތުރުބަހުން މުއާމަލާތުކޮށްފައިވާ ކަމަށް އައިއޯ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މި ހަތަރު މީހުންގެ ބަންދަށް މިއަދު 30 ދުވަސް އިތުރުކުރުމުން އެ މީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހަށެވެ.

މި ހާދިސާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު ވަނީ، ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ ބަޔަކު ގަސްތުގައި ކަމަށް ބެލެވޭ ކަމަށާއި، އެކަމުގެ މަގުސަދަކީ، ނުރައްކާތެރި ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅުން ކަމަށް ވިދާޅުވެފައެވެ.

https://sun.mv/229216

އެ ހާދިސާގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

ސީޕީ ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ޖެހިގެން ކަމަށެވެ.

comment ކޮމެންޓް