30 ގައުމަކާއެކު ހިންގި އޮޕަރޭޝަނެއްގައި، ސްކޭމްތަކުގައި ދިވެހިންގެ އަތުން ގެއްލުނު ފައިސާގެ 59 ޕަސެންޓް ހޯދައިފި

އޮންލައިން ކުށްތަކާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރަން ލީފްލެޓް ބެހުން -- ފޮޓޯ/ ފުލުހުން

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވެ، ރާއްޖޭގައި ހިންގި ސްކޭމްގެ މައްސަލަތަކުގައި އާންމުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އަނބުރާ ހޯދައިފިއެވެ.

ޑިޖިޓަލް ވަސީލަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް ދުނިޔޭގެ 30 ގައުމަކާއި ބައިނަލްއަގުވާމީ އިދާރާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގެ މުއްދަތުގައި، ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރެވުނު މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑު އިންސައްތައެއް ހޯދާފައިވާކަމަށް، ފުލުހުން ބުނެއެވެ.

މި އަހަރުގެ ޖުލައި އެކަކުން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގެ ތިން މަސްދުވަހުގެ ތެރޭގައި، އެންޓި-ސްކޭމް ސެންޓަރަށް، ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ވަނީ ހުށަހަޅާފައިވާއިރު، މި މައްސަލަތަކުގައި ރައްޔިތުންނަށް ޖުމްލަ 5،256،101.97 ރުފިޔާގެ ގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑްކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އެޅި ހަލުއި ފިޔަވަޅުތަކާއި ކަމާގުޅުންހުރި މާލީ އިދާރާތަކާއެކު ގުޅިގެން ކުރެވުނު މަސައްކަތުން، އެ އަދަދުގެ ގާތްގަނޑަކަށް 59.1 ޕަސެންޓް ކަމަށްވާ 3،104،075.38 ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

މިއީ މާލީ މަކަރާއި ހީލަތް ހިންގާ ފަރާތްތަކުން ފައިސާ ދައުރުކުރުމުގެ ކުރިން އެ ފައިސާ ހިފެހެއްޓުމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ހާސިލުކުރެވުނު ނަތީޖާއެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މުއްދަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތުން، ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 މީހަކު ދެނެގަނެވިފައިވާކަމަށާއި ތަހުގީގުތަކާ ގުޅިގެން 17 މީހަކު ވަނީ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގެ މުއްދަތުގައި ހުށަހަޅި މައްސަލަތަކުގައި ގެއްލުނު، އަދި އަނބުރާ ހޯދާފައިވާ ފައިސާގެ ތަފާސްހިސާބުތައް--

މީގެ އިތުރުން، ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށާއި ގެއްލުނު ފައިސާ ރައްކާތެރިކުރުމަށްޓަކައި ބޭންކުތަކާ ގުޅިގެން އަޅާފައިވާ އަވަސް ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ތުހުމަތުކުރެވޭ 1،088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ހިފަހައްޓައި، ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިއީ ސްކޭމްތަކުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ މާލީ ގެއްލުން ކުޑަކުރުމަށާއި، ކުށްކުރާ ނެޓްވޯކްތަކުގެ މާލީ ހަރަކާތްތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެންމެ އާންމުކޮށް ހިންގާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ އަމަލުތަކެވެ. އެގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 230 މައްސަލައަކީ އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް މުދާ ގަނެވިއްކުމުގެ ތެރޭގައި ހިންގާފައިވާ ސްކޭމްތައްކަމަށް ފުލުހުންގެ ތަފާސްހިސާބުތައް ދައްކައެވެ.

https://sun.mv/229348

ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. މި ބާވަތުގެ 107 މައްސަލައެއް މި މުއްދަތުގައި ރެކޯޑްކުރެވިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން، ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުން އަންނަ އާ ބާވަތުގެ ސްކޭމެއްގެ ގޮތުގައި ބުކިން ކެންސަލްކުރުމާއި ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގާ މަކަރާއި ހީލަތް ވަނީ ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އޮޕަރޭޝަނުގެ މުއްދަތުގައި އެފަދަ 80 މައްސަލައެއް އެންޓި-ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ.

ހަމައެއާއެކު، އެކި އިދާރާތަކާއި މަޝްހޫރު ފަރާތްތަކާއި އާއިލާ ނުވަތަ ރައްޓެހިންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 43 މައްސަލައަކާއި، ފައިދާ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ދައްކައިގެން ހިންގި 32 ސްކޭމަކާއި، އެކައުންޓްގެ ވެރިފަރާތަށް ނޭނގި ހުއްދައެއް ނެތި މުއާމަލާތް ހިންގުމުގެ 27 މައްސަލައެއްގެ އިތުރުން ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދުމުގެ އަށް މައްސަލައެއް އޮޕަރޭޝަނުގެ މުައްދަތުގައި ހުށަހަޅާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތައް ދައްކައެވެ. މި ހިސާބުތަކުން ދައްކައިދެނީ އޮންލައިން މާހައުލުގައި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ތަފާތު ގޮތްގޮތަށް ބަދަލުވަމުން އަންނަކަން ކަމަށް ފުލުހުން ފާހަގަކުރެއެވެ.

"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" އަކީ ޔޫއޭއީގެ މިނިސްޓްރީ އޮފް އިންޓީރިއާގެ އިސްނެގުމާއެކު، އިންޓަޕޯލް (އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން) އާއި ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސް (ގާސާ) އަދި ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ އަމިއްލަ 13 ކުންފުންޏަކާއި ދުނިޔޭގެ 30 ގައުމެއްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކަށްވީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ އޮޅުވާލުންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ މާލީ މަކަރާއި ހީލަތް އަދި އޮންލައިންކޮށް ބިރުދައްކައިގެން ފައިސާ ހޯދުމުގެ ކުށްތައް ހުއްޓުވުމެވެ.

https://sun.mv/228683

މި އޮޕަރޭޝަނުގެ ބައިނަލްއަގުވާމީ ނަތީޖާތަކަށް ބަލާއިރު، އިންޓަނެޓް މެދުވެރިކޮށް މަކަރާއި ހީލަތް ހިންގުމަށް ކުރި 123.71 މިލިއަނަށް ވުރެ ގިނަ މަސައްކަތް ހުއްޓުވާފައިވާ ކަމަށާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ 39 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާއާއި ޑިޖިޓަލް އެސެޓް ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 960 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، ތުހުމަތުކުރެވޭ 3،500 އަށް ވުރެ ގިނަ މީހަކު ދެނެގަނެވިފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން 15،500 އަށް ވުރެ ގިނަ މީހުންނަކީ މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ކަން ފާހަގަކުރެވިފައިވާއިރު، ގައުމުތަކުގެ މެދުގައި 9،000 އަށް ވުރެ ގިނަ ސިއްރު މައުލޫމާތު ބަދަލުކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި 4،126 ބޭންކު އެކައުންޓަކާއި މަކަރާއި ހީލަތް ހިންގުމަށް ބޭނުންކުރި ސޯޝަލް މީޑިއާގެ 570 އަށް ވުރެ ގިނަ އެކައުންޓް ބަންދުކޮށް، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 29 ސްކޭމް ސެންޓަރެއް ރެއިޑުކޮށްފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި ނަތީޖާތައް ރަސްމީކޮށް ހާމަކޮށްފައިވަނީ، އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު އދ. ގެ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ މުއާހަދާގެ 13 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.

ސްކޭމްގެ އަމަލުތައް ހުއްޓުވުމުގައި ތަހުގީގީ އަދި ތަންފީޒީ މަސައްކަތްތަކުގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމަށް އެންޓި-ސްކޭމް ސެންޓަރުން ޚާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން މި އޮޕަރޭޝަންގެ މުއްދަތުގެ ތެރޭގައި ޓީވީ ޕްރޮގްރާމްތަކާއި އެހެނިހެން ހަރަކާތްތައް ހިމެނޭހެން ހޭލުންތެރިކުރުމުގެ 34 ހަރަކާތެއް ހިންގާފައިވާނެކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް