އަންނަ ޖެނުއަރީން ފެށިގެން އައްޑޫ އެސްއެމްއީ ޒޯނަކަށް، ބިމު ކުއްޔާއި ޓެކްސް މައާފުކުރުން ފަދަ ބޮޑެތި ލުއިތަކެއް އިއުލާނުކުރައްވައިފި

24 އޮކްޓޯބަރު 2026: ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ އެވޯޑް ދިނުމުގެ ހަފުލާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެކި ސަރަޙައްދުތައް ޒޯންތަކަކަށް ބަހާލައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ޚާއްސަ ލުއިތަކެއް ދިނުމުގެ ސިޔާސަތުގެ ދަށުން، ފުރަތަމަ ޒޯނެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅައި، އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ސިޓީގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި އިނާޔަތްތަކެއް ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފިއެވެ.

ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރައްވާފައިވާ މި ނިންމެވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ޖެނުއަރީ އެކަކުން ފެށިގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި އަމަލީ ގޮތުން ގާއިމުވެ ތިބެގެން ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ޚާއްސަ ލުއިތަކެއް ދޭނެ ކަމަށެވެ.

އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭނެ ލުއިތަކުގެ ތެރޭގައި:

  • ސަރުކާރުގެ ނުވަތަ ދައުލަތުގެ ބިމެއް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާނަމަ، އެ ބިމެއްގެ ކުލި އެއްކޮށް މަޢާފުވުން.
  • ބީޕީޓީ ނުވަތަ އިންކަމް ޓެކްސް ދައްކަން ނުޖެހުން.
  • ބިދޭސީ މުވައްޒަފުންގެ ކޯޓާ އަހަރީ ފީއަށް ބޮޑެތި ލުއިތަކެއް ލިބުން.
  • އެ ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ އުޅަނދުތަކުގެ އަހަރީ ފީ މަޢާފުވުން.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި މިފަދަ ލުއިތަކެއް ދިނުމުގެ އެންމެ ބޮޑު މަގްސަދަކީ އެ ސިޓީގެ އިގްތިޞާދު ކުރިއަރުވައި، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމެވެ. އަދި އައްޑޫގައި ވިޔަފާރިތައް ފުޅާވެ، އެ ސިޓީގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ނިންމެވުމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން އިއުލާނު ކުރާނެ ކަމަށް ރައީސް ޑރ. މުއިއްޒު މިރޭ ވިދާޅުވިއެވެ.

comment ކޮމެންޓް