ކުދި ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް ކަނޑައިދީ، ރޯ މެޓީރިއަލްގެ ޑިއުޓީ ވެސް ކަނޑާލަން ނިންމަވައިފި

24 އޮކްޓޯބަރު 2026: ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ އެވޯޑް ދިނުމުގެ ހަފުލާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ޓެކްސް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދައްކަންޖެހޭ ޓެކްސްގެ އަދަދު އެ ފައިސާއިން އަޅާކަނޑައިދިނުމަށާއި، ރާއްޖެ އެތެރެކުރާ ރޯ މެޓީރިއަލްގެ ޑިއުޓީ ކަނޑާލަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވީ، ސަރުކާރުގެ އެކި މަސައްކަތްތައް ކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ލަސްވުމަކީ ޓެކްސް ދެއްކުމުގައި އެ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ ދަތިތައް ހައްލުކުރުމަށް ޓަކައި މުހިންމު ނިންމުންތަކެއް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަޝްވަރާ ކޮށްފަ ނިންމާފައި އެ ވަނީ އެމްއެސްއެމްއީ ދާއިރާގައި އެކި ކަހަލަ ވިޔަފާރިތައް ކުރާ ފަރާތްތަކުން ދައްކަން ހުންނަ ޓެކްސް ދެއްކުމުގައި އޮފްސެޓް ކުރާގޮތް. މާނައަކީ އެ ފަރާތްތަކަށް ސަރުކާރުން ދޭން އޮންނަ ފައިސާއަށް، އެ ފަރާތްތަކުން ޓެކްސް ދެއްކުމަށް އޮންނަ އަދަދު އަޅާކަނޑާފައި އޮފްސެޓް ކޮށްފައި ފައިސާ ދައްކާގޮތަށް ހަމަޖެހިގެންދާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ތަފްސީލުކޮށްދެއްވި ގޮތުގައި، މި އުސޫލުގެ ދަށުން ކުންފުންޏަކުން ދައްކަންޖެހޭ ޓެކްސްއަށްވުރެ ސަރުކާރުން އެ ފަރާތަށް ދޭންޖެހޭ އަދަދު ބޮޑުނަމަ، އެ ފަހަރަކު އެ ކުންފުނިން ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ. އަދި އަޅާކެނޑުމަށްފަހު ބާކީވާ ފައިސާ ސަރުކާރުން އެ ފަރާތަކަށް ދޫކުރާނެއެވެ. ހަމައެއާއެކު، ސަރުކާރުން ދޭންޖެހޭ އަދަދަށްވުރެ ޓެކްސް ބޮޑުވާ ހާލަތްތަކުގައި ދައްކަންޖެހޭނީ ލިބެންޖެހޭ އަދަދު ކަނޑާފައި ބާކީވާ ބައެވެ.

މި ބަދަލުގެ ސަބަބުން ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު ވަރަށް ބޮޑަށް ކުޑަވެ، ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޖީއެސްޓީ ރަޖިސްޓްރީ ކުރަންޖެހޭ އަހަރީ ތްރެޝްހޯލްޑް އެއް މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް މަތިކުރަން ނިންމަވާފައިވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވީޔާ އެކެއް ޖެނުއަރީން ފެށިގެން އެ 1.5 މިލިއަން ރުފިޔާއަށް ހަމަ ތްރެޝްހޯލްޑް މަތިކުރެވިގެންދާނެ. މިކަމަށް ޓަކައި ގެންނަންޖެހޭ ގާނޫނުތަކަށް، ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް އިރާދަކުރެއްވީޔާ އަޅުގަނޑުމެން ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެންނާނަން،" ރައީސް ވިދާޅުވިއެވެ.

އެމްއެސްއެމްއީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ރާއްޖެއަށް އެތެރެކުރާ ރޯ މެޓީރިއަލްސްގެ ތެރެއިން ޚާއްސަ ލިސްޓެއް އެކުލަވާލައި، އެ ލިސްޓުގައިވާ ބާވަތްތަކުން ޑިއުޓީ މައާފްކޮށް، އަންނަ ޖެނުއަރީން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކަނޑައަޅަން ނިންމާފައިވާކަން ވެސް ރައީސް މިރޭ އިއުލާނު ކުރެއްވިއެވެ.

https://sun.mv/229567

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖޭގައި އުފައްދާ ތަކެއްޗަށާއި ކުދި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ހުރި ދަތިތައް ފާހަގަކުރެވިފައިވާ ކަމަށާއި، މިކަމަށްވެސް ބޮޑު ބަދަލެއް ގެނެސް، އެކަމުގައި ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން މިހާރު ތައްޔާރުވެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް