ޖިސްމާނީ ބުރަ މަސައްކަތެއް ނުކުރި ނަމަވެސް، ދުވަސް ނިމޭއިރު އިންތިހާއަށް ވަރުބަލިވެ، އާދައިގެ ކުދި ނިންމުންތައް ނިންމަން ވެސް ބޮޑު ތަކުލީފަކަށް ވާކަން މިއަދު ގިނަ ބަޔަކު ފާހަގަކުރެއެވެ. މިއީ ހަށިގަނޑުގެ ވަރުބަލިކަމަކާ ނުގުޅޭ ކަމަކަށް ވާތީ ގިނަ ފަހަރަށް ފަރުވާކުޑަކޮށްލެވުނު ނަމަވެސް، ޞިއްޙީ މާހިރުން ބަޔާންކުރައްވާ ގޮތުގައި މިއީ މެދުކެނޑުމެއް ނެތި ލިބޭ މަޢުލޫމާތުތަކާއި ކެނޑިނޭޅި ނިންމަންޖެހޭ ކަންކަމުގެ ސަބަބުން ސިކުނޑި "އޯވަލޯޑް"ވެ، މީހާ އިހުސާސީ ގޮތުން މުޅިން ހުސްވުމެވެ.
މަޝްހޫރު ނިއުރޯސައިންޓިސްޓް ޑރ. ޓޯނީ ނާދަރު ފާހަގަކުރައްވާ ގޮތުގައި، ސިކުނޑިއަށް ޙަޤީޤީ އަރާމު ހޯދައިދިނުމަކީ ނާރުތަކުގެ ނިޒާމު ހަމައަކަށް އެޅުވުމަށް ކޮންމެހެން ބޭނުންތެރި އަސާސެކެވެ. މަސައްކަތެއް ނެތް ވަގުތުތަކުގައި ވެސް މީސްމީޑިއާ ހާވަން ފެށުމާއި ނިމިފައިވާ ކަންކަމާ ފިކުރުކުރުމުގެ ސަބަބުން، ސިކުނޑި އަބަދުވެސް ހުންނަނީ ދުވެލި މަޑުޖައްސައިނުލެވޭ ހާލަތެއްގައިކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ކުދިކުދި ކަންކަމާ ރުޅިގަދަވުމާއި، ސަމާލުކަން ގެއްލުމުގެ އިތުރުން، އެންމެ ގާތް މީހުންނާ މުޢާމަލާތްކުރުމުގައި ވެސް ކެތްތެރިކަން ކުޑަވާ ގޮތް މެދުވެރިވެއެވެ.
ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ސިކުނޑިއަށް އަރާމު ހޯދައިދީ، އެހީތެރިކަން ބޭނުންޖެހިއްޖެ ނަމަ ނަފްސާނީ ޢިލްމުވެރިއެއްގެ ލަފާ ހޯދުމަށް އިސްކަންދިނުން މުހިންމު--ފޮޓޯ/ޕިންޓްރެސްޓްމި މައްސަލައިގައި ދުނިޔޭގެ މަޝްހޫރު ކްލިނިކަލް ސައިކޮލޮޖިސްޓް، އަދި ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ފޮތްތައް ލިޔުއްވާފައިވާ އެމެރިކާގެ ޑރ. ޖޫލީ ސުމިތު ޚާއްސަ އިރުޝާދުތަކެއް ދެއްވައެވެ. ނަފުސާނީ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޑރ. ޖޫލީ ވިދާޅުވާ ގޮތުގައި، ސިކުނޑި މަސައްކަތުން ވަކިކޮށްލުމަށްޓަކައި ދުވަހުގެ ތެރޭގައި "އިންޓެންޝަނަލް ޕޯޒް" ނުވަތަ ގަސްދުގައި މަދުން ނަމަވެސް ހުސްވަގުތުތައް ނަގަން ޖެހެއެވެ. އަދި އަރާމުކުރާ ނަމުގައި ސްކްރީންތަކަށް ބަލަން ތިބުމަކީ ސިކުނޑިއަށް ލިބޭ އަރާމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއްވެސް އިތުރު އިންޕުޓެއް ނެތި ހަމަހިމޭން މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމަކީ ނާރުތަކުގެ ނިޒާމު ހަމައަކަށް އަޅުވައިދޭނެ އެންމެ ބާރުގަދަ ވަސީލަތް ކަމަށް އެކަމަނާ ފާހަގަކުރައްވައެވެ.
މި ޙާލަތުން އަރައިގަތުމަށްޓަކައި ދުވަހުގެ އާދަތަކަށް ޢަމަލީ ބަދަލުތަކެއް ގެންނަން ޖެހެއެވެ. ކެއުމުގެ ވަގުތުގައި ފޯނު ދުރުގައި ބޭއްވުމާއި، މަސައްކަތުގެ މެދުތެރެއިން ފުންކޮށް ނޭވާލުމަށް ވަގުތުކޮޅެއް ހުސްކުރުމުގެ އިތުރުން، އޮފީހުގެ ނޮޓިފިކޭޝަންތައް ވަކި ވަގުތެއްގައި ނިއްވައިލުމަކީ މުހިންމު ކަންކަމެވެ.
ހުރިހާ މަސައްކަތެއް ނިމެންދެން އަރާމުކުރުން ފަސްކުރާނަމަ، އެ ފުރުސަތު ދުވަހަކު ވެސް ނާންނާނެ ކަމަށް މާހިރުން ހަނދާންކޮށްދެއެވެ. ސިކުނޑިއަށް ބޭނުންވާ އަރާމު ހޯދައިދިނުމަކީ ޒިންމާތަކުން ރެކުމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅެވެ.