އިހު ދިވެހީންގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއެކު ބަދަލުކޮށްލި 'ތަށިބަރި'

އަމިއްލަ ގޭގައި ތައްޔާރުކުރި މީރު ކާނާ، އެއްވެސް ބޮޑާކަމެއްނެތް ސާފު ހިތަކާއެކު އަވައްޓެރިޔާއާ ހިއްސާކޮށްލުމަކީ ދޭދޭ ގުޅުން ބަދަހިވެ އެކުވެރި އެއްބައިވަންތަ މުޖްތަމައެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް--ފޮޓޯ/އޭއައި

ދިވެހިރާއްޖޭގެ މާޒީގެ ސަފުހާތަކަށް ނަޒަރު ހިންގައިލާއިރު، އެންމެ ބޮޑަށް ހިތްދަމައިގަންނަނީ ކާބަފައިންގެ މެދުގައި އޮތް ބަދަހި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރީތި ތަސްވީރެވެ. މާއްދީ ގޮތުން ބަލާއިރު ދިރިއުޅުން ކިތަންމެ ސާދާވެފައި ދަތި ނަމަވެސް،ހިތްތައް ފުރިފައި އޮތީ މާތް ސިފަތަކާއި ތަނަވަސް އޯގާތެރިކަމުންނެވެ.

މި ގުޅުންތަކުގެ ބިންގަލަކަށްވި، އަދި އިޖުތިމާޢީ ރޫޙު އެންމެ ފުރިހަމައަށް ދައްކުވައިދިން އެއް ކަމަކީ، ލޯތްބާއި ކުލުނާއެކު ދިވެހިން ކުރަމުން އައި 'ތަށިބަރި' ބަދަލުކުރުމުގެ ރިވެތި އާދައެވެ.

އެ ދުވަސްވަރު ގޭގޭގެ ބަދިގެތަކުގައި ކައްކާ މީރު ކާނާގެ ވަސް އަވައްޓެރިޔާގެ ގެއަށް ދަތުރުކުރުމުގެ ކުރިން، އެ ކާނާއިން ފުރިގެންވާ ތަށިބަރި އޭނާގެ ސުފުރާއާ ހަމައަށް ވާސިލުވެއެވެ. މިއީ ހަމައެކަނި ބަނޑުހައިހޫނުކަން ފިލުވައިލުމަށް ދެވޭ ކާއެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ހިތުގެ އިޚުލާޞްތެރިކަމާއި، އަނެކާގެ ހާލުއަހުވާލު ބަލައި އެކަކު އަނެކަކަށް ދިން އިޙުތިރާމުގެ ފޮނި ފޮނި މޭވާއެކެވެ.

ޚާއްޞަކޮށް ރޯދަމަހުގެ ހަވީރުގެ ވަގުތުތަކުގައްޔާއި، ޢީދުގެ އުފާވެރި މުނާސަބަތުތަކުގައި، ރީތި ފޮތިގަނޑަކުން ބަންދުކޮށްފައިވާ ތަށިބަރިތައް ހިފައިގެން ހިނިތުންވުމާއެކު މަގުތަކުން ހިނގާފައި ދިޔަ ކުދިބޮޑު އެންމެންގެ މަންޒަރަކީ މުޅި މާޙައުލު ލޯތްބާއި އުފަލުން ފުރާލަދިން ކަމެކެވެ.

ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ ތަށިބަރި ހިފައިގެން، ހިނިތުންވުމާއެކު އަވައްޓެރިޔާގެ ގެއަށް މިސްރާބު ޖެހުމަކީ އިހުގެ ދިވެހިވަންތަކަށް ދައްކުވައިދިން ވަރަށް ފުރިހަމަ މަންޒަރެއް--ފޮޓޯ/އޭއައި

މި އާދައިގެ އެންމެ މަތިވެރި ރީތިކަމަކީ، އެއްވެސް ބާވަތެއްގެ ބޮޑާކަމެއް އަދި ތަފާތުކުރުމެއް ނެތި މިކަން ހިނގަމުން ދިޔަކަމެވެ. މުއްސަންޖަކަށް ވިޔަސް ނިކަމެއްޗަކަށް ވިޔަސް، އެންމެން ވެސް ދެކުނީ އެކަކު އަނެކަކީ އެއް އާއިލާއެއްގެ ގޮތުގައެވެ. ތިމާއަށް ލިބުނު ކުޑަ މިންވަރުން ވެސް ހެޔޮ ހިތުން އަނެކާއަށް ބަހައިލުމަކީ ލިބޭ ބޮޑު އުފަލެއް ކަމުގައި ދެކުނު އިރު، އެ ތަށިބަރި ލިބޭ ފަރާތުން ވެސް ދުވަހަކު ވެސް އެ ތަށިބަރި ހުސްކޮށް އަނބުރާ ނުފޮނުވައެވެ.

ތިމާއަށް ވީ މިންވަރަކުން، ކޮންމެވެސް އެއްޗެއް ތަށިބަރިއަށް ލުމަށްފަހު އަނބުރާ ފޮނުވާލުމަކީ ދެފަރާތުގެ ގުޅުމަށް ލިބިގެންދިޔަ އިތުރު ދިރުމެކެވެ. މިގޮތުން ނިކަމެތި އާއިލާތަކުގެ އަބުރަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ނާޒުކު ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ވަރުގަދަ ވަސީލަތަކަށް ވެސް މި އާދަ ވެގެންދިޔައެވެ.

ޒަމާނަށް އައި ކުރިއެރުމާއި ދިރިއުޅުމުގެ އަވަސް ދުވެލީގެ ސަބަބުން މި އަގުހުރި ސަޤާފަތް މިއަދު ފަނޑުވެފައި ވީނަމަވެސް، މި ރިވެތި އާދަ އަލުން ދިރުވައި އާލާކުރުމަކީ އަދިވެސް އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެކެވެ. އެގޮތުން، ގޭގައި ތައްޔާރުކުރާ ޚާއްޞަ ކާނާ އަވައްޓެރިންނާއި ގާތްތިމާގެ މީހުންނާ ހިއްސާކުރުމުގެ އާދަ އަލުން ފަށައި، ހަފުތާއަކު އެއްފަހަރު ނަމަވެސް އަވައްޓެރިންނަށް ކާއެއްޗެއް ފޮނުވާލެވިދާނެއެވެ.

ހަމައެއާއެކު، ސްކޫލްތަކާއި އޮފީސްތަކުގައި 'ތަށިބަރި ދުވަސް' ފަދަ ޙަރަކާތްތައް ރާވައި، ކުދިންނާއި މުވައްޒަފުންގެ މެދުގައި ކާނާ ޙިއްސާކުރުމުގެ ރޫޙު އަށަގެންނެވިދާނެއެވެ. އަދި ޢީދު ފަދަ މުނާސަބަތުތަކުގައި، ޒަމާނީ ފަސޭހަ ކޮންޓޭނަރުތަކުގެ ބަދަލުގައި ސަޤާފީ ތަށިބަރީގައި ކާތަކެތި ބަދަލުކުރުމަށް އިސްކަންދިނުމަކީ، އަޅުގަނޑުމެންގެ މެދުގައި ގެއްލެމުންދާ ގުޅުންތައް އަލުން ބަދަހިކޮށްދޭނެ ވަރަށް އަގުހުރި ފިޔަވަޅެކެވެ.

comment ކޮމެންޓް