ރަސްމާލެ ތަރައްގީކުރަން އަބޫދާބީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމުގެ ކުރިން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިނުކުރުމަށް ގޮވާލައި ހުށަހެޅި ގަރާރަކަށް ބަހުސްކުރުމަށް މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި މި ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއާމެދު ދެކޭ ގޮތް ބެލުމަށް އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި، އެފަދަ ވޯޓަކަށް ސަރުކާރުން އެއްބަސްނުވެއްޖެ ނަމަ އެ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.
ނަމަވެސް ނަޝީދު ވަނީ ރަސްމާލޭގެ މަޝްރޫއަށް ތާއީދުކުރައްވާކަން މިރޭ ހާމަކުރައްވައިފައެވެ.
"އަޅުގަނޑު މި ޕްރޮޖެކްޓަށް ފުރުހަމައަށް ތާއީދު ކުރަން،" ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ތާއީދުކުރައްވައި ވާހަކަ ދައްކަވައިފައެވެ. ގައުމީ މަޖިލީހުގެ ޖަލްސާގައި މި ގަރާރާ ދެކޮޅަށް ވާހަކަ ދެއްކެވި ހަމައެކަނި ބޭފުޅަކީ ނަޝީދެވެ.
ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ މި ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނޫން ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ނަން ނެންގެވުމުން އެއްޗެއް ވިދާޅުވާން މަޖުބޫރުވީ ކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު ތިބި އެންމެންނަކީ ވެސް ބޭރުން އައިސް ވަޒަންވެރިވެގެން އުފެދިފައިވާ އާބާދީއެއްގެ ދަރިން ކަމަށާއި، އެފަދަ ނިންމުންތަކުން ނުކުންނާނީ ރަނގަޅު ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މީގެ 300 އަހަރު ކުރީގައި ރާއްޖެއައި ތިން ނާ. އޭގެތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކުރީ. އަނެއް ނާ ދިޔައީ ދުވާފަރަށް. ދެން އިއްޒަތްތެރި ރައީސް ހޯރަފުށީ ދާއިރާގެ ރައީސް ތިއީ އެ ނާ އިން ވަޑައިގެންނެވި އެއް ބޭފުޅުން ތެރެއިން އެ އާއިލާގެ އެއް ބޭފުޅެއް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. އެހެންވީމަ އަޅުގަނޑު 100 އަހަރުވީމަ ވެގެން ގޮސްދާނެ ގޮތަކަށް އަޅުގަނޑަށް މި ވިސްނާލެވުނީ،" ތާރީޚީ މިސާލެއް ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެ ނިންމުމަށް އެމަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.