"އަދަދު"ގެ އޮފީހުން ގެންދިޔަ ލެޕްޓޮޕްތަކެއްގެ ޕާސްވޯޑު ދޭން ކޯޓުން އަމުރުކޮށްފި

އަދަދު ނޫހުގެ އޮފީސް ކުރިމަތީގައި ފުލުހުންތަކެއް: އަދަދުގެ ލެޕްޓޮޕްތަކުގެ ޕާސްވޯޑު ދޭން ވަނީ އަމުރުކޮށްފައި --- ސަން ފޮޓޯ/ އަހުމަދު އިޔާދު

މިދިޔަ މާރިޗު މަހު ފަހުކޮޅު "އަދަދު" ނޫހުން ދެއްކި ޑޮކިއުމެންޓަރީއެއްގެ މައްސަލައިގައި އެ ނޫސް ހިންގާ އޮފީހުން ގެންދިޔަ ޑިވައިސްތަކުގެ ޕާސްވޯޑު ފުލުހުންނަށް ދޭން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

އަދަދު ނޫހުން ބުނީ، ކްރިމިނަލް ކޯޓުން އަމުރުކުރީ ފުލުހުން ގެންދިޔަ ޑިވައިސްތަކުގެ ތެރެއިން ހަތަރު މެކްބުކެއްގެ ޕާސްވޯޑު ދިނުމަށް ކަމަށެވެ. އެގޮތުން އެ މެކްބުކްތަކުން ޑޭޓާ އެކްސްޓްރެކްޓް ކުރަން ވާނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި ކަމަށް ވެސް ކޯޓުން އެންގި ކަމަށް އަދަދުން ބުންޏެވެ.

އެ ތަކެއްޗަކީ ނޫސްވެރިކަމާ ގުޅުންހުރި ތަނެއް ބަލައި ފާސްކޮށް ގެންގޮސްފައިވާ ތަކެތި ކަމަށްވާތީ، އެއީ ގާނޫނުން އިމްތިޔާޒު ލިބިގެންވާ ތަކެތި ކަމަށާއި، އެހެންކަމުން، އެ ތަކެތިން އެކްސްޓްރެކްޓްކުރާ މައުލޫމާތުގެ ސިއްރު ހިފަހައްޓައި، އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަން ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ކަމަށް ވެސް އަދަދުން ބުންޏެވެ.

އަދަދުން ގެނެސްދިން ޑޮކިއުމެންޓަރީގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެ ނޫހުގެ ސާމާނު ގެންދިޔައީ މިދިޔަ އޭޕްރިލް މަހުގެ 27ވަނަ ދުވަހުގެރެއެވެ.

https://sun.mv/226522

ކްރިމިނަލް ކޯޓުން އޭރު ވަނީ، އަދަދު ނޫހުގެ ޑިޖިޓަލް އާލާތްތަކުން މައުލޫމާތު ހޯދުމުގެ ހުއްދަ ދީފައެވެ.

މިދިޔަ މާރިޗު މަހު އަދަދު ނޫހުން ގެނައި ކޮންޓެންޓުގެ މައްސަލައިގައި، އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އެ ދެމީހުންގެ ޕާސްޕޯޓު ވެސް އޭރު ހިފެހެއްޓިއެވެ. މިހާރު ވެސް ފިޔާޒާއި ޙަސަންގެ މައްޗަށް ޝަރީއަތް އެބަ ކުރިއަށް ދެއެވެ.

މި މައްސަލައާ ގުޅިގެން އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން ޢަލީ ނާޞިރާއި މުހައްމަދު ޝަހުޒާން ޖަލަށް ވެސް ލިއެވެ.

comment ކޮމެންޓް