ގއ. ކޮލަމާފުށީގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތައް ލިބުނު ގެތަކުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދޭނެ ތަނެއް ވެސް ނެތް ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ރާއްޖޭއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއެކު ކޮލަމާފުށީގައި ބޯކޮށް ވާރޭވެހި އެރަށުގެ 45 ގެއަކަށާއި ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބުމުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
ފެން ބޮޑުވުމުގެ އެ ހާދިސާއާ ގުޅިގެން މިއަދު 'ސަން' އިން ސުވާލުކުރުމުން، ކޮލަމާފުށީ ކައުންސިލްގެ ރައީސް މުސާދު ސައީދު ވިދާޅުވީ، މިހާރު ފެންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
ކައުންސިލް ރައިސް ވިދާޅުވީ، އެއްކޮށް ފެން ވަދެގެން 47 ގެއަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ގެތަކަށް ފޫޓަކަށް ނުވަތަ ދޮޅުފޫޓަށް ފެން ވަދެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ފެން ވަނުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި، ގިނަ ގެތަކުގައި ނިދަން ގެންގުޅޭ ގޮދަނޑިތަކާއި ގޭގައި ގެންގުޅޭ ފަރުނީޗަރުތައް ހަލާކުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮލަމާފުށީގައި ފެން ބޮޑުވުމުން ފެން ހިއްކުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެިވަނީ --- ފޮޓޯ: ފުލުހުން "ގެތަކަށް ފޫޓަކަށް ދޮޅު ފޫޓަށް އެބަހުރި ފެން ވަދެފައި. އަޅުގަނޑުމެން މަގުތަކުން ކޯރު ކޮނެގެން ފެން ބޭރުކުރީ ރަށުން. އެހެންވީމަ ފެންގަނޑު އަދި ހިއްކާލެވުނަސް ޑެމޭޖަސް [ގެއްލުން] ހުންނާނެ. ގިނަ ގެތަކުގައި މެޓްރެސްތައް ވެސް ހުރީ ހަލާކުވެފައި،" ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކައުންސިލް ރައީސް ވަނީ ރޭ އެ ރަށުގައި ފެން ބޮޑުވެ ގެއްލުންތައް ލިބުނު ގެތަކުގެ މީހުން ވައްދާނެ ވަގުތީ ހިޔާއެއް ވެސް ނުލިބުނު ކަމަށް ވިދާޅުވެފައެވެ. އަދި ވަގުތީ ހިޔާއެއް ގޮތަށް ބޭނުންކުރެވެން ހުރި ތަންތަނުގައި ވެސް ފެން ބޮޑުވެ ބޭނުންނުކުރެވޭ ހާލަތަށް ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަގުތީ ހިޔާއަކަށް އަޅުގަނޑުމެންނަށް ބޭނުން ކުރެވެން ހުރީ ސްކޫލުގެ ހޯލާއި ކުލާސް ރޫމްތައް. އެކަމު ސްކޫލުވެސް އޮތީ [ފެނު] އަޑީގައި. އެހެންވެ ބޭނުމެއް ނުކުރެވުނު. އެތަންތަން އެގޮތަށް ސެޓަޕް ހެދުމަށްވުރެ އަޅުގަނޑުމެންނަށް މާ ރަނަގަޅުވީސް ކޯރުތައް ކޮނެގެން ފެންގަނޑު ބޭރުކުރުން. ދެން އެހެން ހެދީމަ ފެންގަނޑު ބޭރުކުރެވިއްޖެ،ކޮލަމާފުށީ ކައުންސިލް ރައީސް
ކައުންސިލް ރައީސް ވިދާޅުވީ އެ ރަށުގައި ބޮޑުވި ފެންގަނޑު އެއްކޮށް ހިންދާލެވުނީ ރޭ ފަތިހު ކަމަށެވެ.
ކޮލަމާފުށީގައި ފެންބޮޑުވެފައި --- ފޮޓޯ/ އެންޑީއެމްއޭއެ ރަށު ކައުންސިލުން ރޭ ވަނީ މުޅި ރަށުގައި ފެންބޮޑުވެ، ގެތަކަށާއި މުއައްސަސާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ރޭ އެރަށުގެ 85 އިންސައްތަ ގެތަކަށް ފެން ވަދެފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.
އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.