މެސެޖިން ޕްލެޓްފޯމް ވަޓްސްއަޕްގެ 'އިވެންޓްސް' ފީޗާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވަޓްސްއަޕް އެކައުންޓެއް ނެތް މީހުންނަށްވެސް އިވެންޓްތަކުގެ ދައުވަތު ގަބޫލުކޮށް ބައިވެރިވެވޭގޮތް ހަދައިފިއެވެ.
ކުރިއަށް އޮތް ހަފުތާތަކުގައި ހުރިހާ ޔޫޒަރުންނަށް މި އާ ފީޗާތައް ލިބެން ފަށާނެ ކަމަށް މެޓާއިން ވަނީ ހާމަކޮށްފައެވެ.
ވަޓްސްއަޕުން އެންމެ ފުރަތަމަ އިވެންޓް ހެދުމާއި މެންބަރުންނަށް ދައުވަތު ދިނުމުގެ ފީޗާ 2024 ވަނަ އަހަރުގެ މޭ މަހު ތައާރަފުކުރީ 'ކޮމިއުނިޓީސް' ތަކަށެވެ. އޭގެ ފަހުން ގްރޫޕް ޗެޓްތަކަށްވެސް މި ފީޗާ ދީ، އިވެންޓްތަކަށް ދާނެކަން ނުވަތަ ނޫންކަން މާކުކުރެވޭގޮތް ހަދައިދިނެވެ.
އާ އަޕްޑޭޓާއެކު މިހާރު އިވެންޓްތަކުގެ ލިންކް އުފައްދައި އެހެން މީހުންނާއެކު ހިއްސާކުރެވޭނެއެވެ. މީގެ ތެރޭގައި ވަޓްސްއަޕް އެކައުންޓެއް ނެތް މީހުންނަށްވެސް ލިންކް ފޮނުވައިގެން ދައުވަތު ދެވޭނެއެވެ. މިއީ ވަޓްސްއަޕްގެ 'ގެސްޓް ކޮންފަރެންސް ކޯލް' ފީޗާއާ އެއްގޮތް އުސޫލަކުން ކުރިއަށްދާ ކަމެކެވެ.
އެކައުންޓް ނެތް މީހުން އިވެންޓަށް އަންނާނެކަން (އާރްއެސްވީޕީ) ކަށަވަރުކުރުމަށްޓަކައި އެޕްލިކޭޝަން ޑައުންލޯޑްކުރާކަށް ނުވަތަ ވަޓްސްއަޕް އެކައުންޓެއް ހަދާކަށް ނުޖެހޭނެއެވެ. އަދި ދައުވަތު ގަބޫލުކުރި މީހުންގެ މައުލޫމާތު އިވެންޓް ހެދި ފަރާތަށް ފެންނަން ހުންނާނެއެވެ. އިވެންޓް ހަދާއިރު ކަވަރު ފޮޓޯއެއް ހިމެނުމުގެ ފުރުސަތުވެސް ލިބެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ވަޓްސްއަޕް އެކައުންޓް ނެތް ގެސްޓުންނަށް ދައުވަތު ފޮނުވާއިރު އިވެންޓް އުފެއްދި މީހާގެ ފޯނު ނަންބަރެއް ނުފެންނާނެއެވެ. އަދި އެކައުންޓް ނެތް މީހުންނަށް އިވެންޓް ބާއްވާ އެޑްރެސް ފެންނާނީ އެމީހުން އިވެންޓަށް ދާނެކަމަށް އާރްއެސްވީޕީ ކުރުމަށްފަހުގައެވެ.
މީގެ އިތުރުން ވަޓްސްއެޕުން ވަނީ 'އިވެންޓްސް ހޯމް' ގެ ނަމުގައި ޚާއްޞަ ސެންޓްރަލައިޒްޑް ހަބެއް ތައާރަފުކޮށްފައެވެ. މިއީ އިވެންޓްތަކުގެ ދައުވަތު ތައްޔާރުކޮށް ފޮނުވުމާއި، އާރްއެސްވީޕީ މެނޭޖްކުރުމާއި، ކަސްޓަމް ރިމައިންޑާ ބެހެއްޓުމުގެ އިތުރުން އިތުރު މީހަކު (ޕްލަސް ވަން) ގެންދިއުމުގެ ދައުވަތު ދިނުމަށް އެއް ތަނަކުން ހުރިހާ ކަމެއް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބައެކެވެ.
ބޭނުންކުރާ ފަރާތްތަކަށް ވަޓްސްއަޕް ސެޓިންގްސްއަށް ގޮސް 'އިވެންޓްސް' ޚިޔާރުކުރުމުން، އެމީހުން އުފައްދާފައިވާ އަދި ދައުވަތު ލިބިފައިވާ ކުރީގެ އިވެންޓްތަކާއި ކުރިއަށް ހުރި އިވެންޓްތަކުގެ ލިސްޓު ފެންނަން ހުންނާނެއެވެ.
ވަޓްސްއަޕްގެ މި އާ އިވެންޓްސް ހޯމް ފީޗާއަކީ މިދިޔަ ސެޕްޓެމްބަރު މަހު ސްނެޕްޗެޓުން ތައާރަފުކުރި 'ސްނެޕްޗެޓް ޕްލޭންސް' ފީޗާއާ ވަރަށް އެއްގޮތް ފީޗާއެކެވެ.