ބަންގްލަދޭޝްގެ ހެދުން އުފައްދާ މަސައްކަތްތެރިން ކުރި ހަޅުތާލުތަކުގައި 150 ކާރުހާނާ ބަންދުކޮށްފި

ބަންގްލަދޭޝްގެ ހެދުން އުފައްދާ މަސައްކަތްތެރިން ކުރި ހަޅުތާލުތަކުގައި އެ ގައުމުގެ 150 އާ ގާތްކުރާ އަދަދެއްގެ ކާރުހާނާ ބަންދުކޮށްފިއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެންމެ ކުޑަ އުޖޫރަ ބޮޑުކުރުމަށް އެދި ކުރަމުންދާ މި އިހުތިޖާޖުތަކުގައި ބަންދުކޮށްފައިވަނީ ފޮތީގެ އުފެއްދުންތަކަށް ހާއްސަ ސަރަހައްދުތައް ކަމަށްވާ ސަވާރާއި އަޝޫލިއާ އަދި ގާޒީޕޫރުގައި ހުންނަ ކާރުހާނާތަކެވެ.

މަސައްކަތްތެރިން ހަޅުތާލުކުރަމުންދަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މަހަކު 30،000 ޓާކާ (182 ޕައުންޑް) ކަނޑައަޅައިދިނުމަށް އެދިއެވެ. ބަންގްލަދޭޝްގައި މިހާރު އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މަހަކު ދެނީ 12،500 ޓާކާ ކަމަށްވާއިރު، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ އަދަދުން ދެކޮޅު ނުޖެހޭ ކަމަށް މުވައްޒަފުން ބުނެއެވެ.

މި އިހުތިޖާޖުތަކުގެ ތެރެއިން ގާޒީޕޫރުގައި މަސައްކަތްތެރިން ވަނީ ޑާކާ-ޓަންގައިލް ހައިވޭއަށް އެއްވެ އެ މަގު ބަންދުކޮށްފައެވެ. އެ ނޫހުން ބުނި ގޮތުގައި، ފުލުހުން ނުކުމެ މަގު ހުޅުވުމުގެ ކުރިން، އެއްގަޑިއިރެއްހާ ވަންދެން އެ މަގުގެ ދަތުރުފަތުރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ބީބީސީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސުޕްރިންޓެންޑެންޓް މުހައްމަދު އަމްޖަދު ހުސައިން ވިދާޅުވީ، މަސައްކަތްތެރިން މަސައްކަތް ހުއްޓާލައި ނުކުތުމުން ފުލުހުން އެ ސިޓީގެ ކާރުހާނާތައް ބަންދުކުރި ކަމަށެވެ. އަދި ރޭގަނޑުގެ ވަގުތުގައި 13 ކާރުހާނާއެއް ބަންދުކުރިއިރު، ހެނދުނު ހިނގި ހަމަނުޖެހުންތަކުގައި 16 ކާރުހާނާއެއް ބަންދުކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝް ގާމެންޓް މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (ބީޖީއެމްއީއޭ) އާއި ބަންގްލަދޭޝް ނިޓްވެއާ މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (ބީކޭއެމްއީއޭ) އިން ވަނީ ކާރުހާނާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ. ބީޖީއެމްއީއޭގެ ރައީސް މަހުމޫދު ހަސަން ހާން ވިދާޅުވީ، ކާރުހާނާތަކަށް ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތި، އުޖޫރަ ކަނޑައަޅާ ބޯޑުގެ މަޝްވަރާތަކުގައި ދެމިތިބުމުގެ ބޭނުމާ މެދު އެ ދެ ޖަމިއްޔާއިން ސުވާލު އުފައްދާފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ވަޒީފާއާ ބެހޭ ގާނޫނުގައި ހިމެނޭ "މަސައްކަތް ނުކުރާ ނަމަ އުޖޫރަ ނުލިބޭނެ" ކަމަށް ބަޔާންކުރާ މާއްދާގެ ދަށުން، އުފެއްދުންތެރިކަމަށް ބުރޫއަރާ ހާލަތްތަކުގައި ކާރުހާނާތަކުގެ މަސައްކަތް މެދުކަނޑާލައި މުސާރަ ހިފެހެއްޓުމުގެ ބާރު ވެރިންނަށް ލިބިގެންވެއެވެ. މަހުމޫދު ހަސަން ހާން ވިދާޅުވި ގޮތުގައި، ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތަކެތި އުފެއްދުމަށް ހުރަސްއެޅިފައިވާ ކާރުހާނާތައް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުވާނެއެވެ.

ނަމަވެސް، ވާދަވެރި އަގުތަކެއްގައި ތަކެތި އުފެއްދުމަށްޓަކައި ކާރުހާނާތަކުން މަސައްކަތްތެރިން ގުރުބާންކުރަމުންދާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ގާމެންޓް ވޯކާސް ޓްރޭޑް ޔޫނިއަން ސެންޓަރު (ޖީޑަބްލިއުޓީޔޫސީ) ގެ ނައިބު ރައީސް ޖޮލީ ތާލުކްދާރު ވިދާޅުވީ، ކާރުހާނާތަކުގެ ވެރިންނާއި ދުނިޔޭގެ ބޮޑެތި ވިޔަފާރިތަކުން މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނަގައިގެން ފައިދާ ހޯދަމުންދާއިރު، އޭގެ ބުރަ އެތައް އަހަރެއް ވަންދެން އުފުލަމުންދިޔައީ މަސައްކަތްތެރިން ކަމަށެވެ.

މަސައްކަތްތެރިންގެ އުޖޫރައިގެ އޮނިގަނޑު މުރާޖައާކޮށް ލަފާދިނުމަށްޓަކައި، މި މަހުގެ އެއް ވަނަ ދުވަހު، އެ ގައުމުގެ ސަރުކާރުން ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑެއް އެކުލަވާލާފައެވެ. އިސް ޑިސްޓްރިކްޓް ފަނޑިޔާރަކު ރިޔާސަތު ބަލަހައްޓަވާ މި ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބުނެފައިވަނީ، ނޮވެންބަރު މަހުގެ ނިޔަލަށް ހުށަހެޅުންތައް ފައިނަލްކުރާނެ ކަމަށެވެ. އަދި އާ އޮނިގަނޑު އެކުލަވާލުމުން، އަންނަ މަހުން ފެށިގެން އެއަށް އަމަލުކުރަން ފެށޭނެ ކަމަށް އެ ބޯޑުން ލަފާކުރެއެވެ.

ހެދުން އުފެއްދުމުގެ ސިނާއަތަކީ ބަންގްލަދޭޝްގެ އިގުތިސާދުގައި ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިއެކެވެ. ރޮއިޓާސްއިން ބުނި ގޮތުގައި، މި ސިނާއަތުން އަހަރަކު 40 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ އެކްސްޕޯޓް އާމްދަނީ ލިބޭއިރު، މިއީ އެ ގައުމުގެ ޖުމްލަ އުފެއްދުންތެރިކަމުގެ 10 އިންސައްތައެވެ. ހަތަރު މިލިއަނެއްހާ މީހުން ވަޒީފާ އަދާކުރާ މި ސިނާއަތުގައި، އެޗްއެންޑްއެމްއާއި ޕްރައިމާކް އަދި ޒާރާ ފަދަ ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކަށް ހެދުން އުފައްދައެވެ. ޗައިނާއަށް ފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ތައްޔާރީ ހެދުން އެކްސްޕޯޓްކުރަނީ ބަންގްލަދޭޝްއިންނެވެ.

comment ކޮމެންޓް