ދާކާ (19 ނޮވެންބަރު 2026) : ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އެނބުރި ގައުމަށް ވަަޑައިގަންނަވަން އުޅުއްވާތީ ކުރިޔަށް އޮތް ދުވަސްތަކުގައި ބަންގްލަދޭޝްގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފާނެކަމަށް ބަލައި އެގައުމުގެ ސަލާމަތީ ބާރުތަކުން ސިފައިންނާއި ފުލުހުންގެ އެތައް ސަތޭކަ ބަޔަކު ތައްޔާރީ ހާލަތަށް ގެނަސްފިއެވެ.
ބަންގްލަދޭޝްގެ މީޑިއާ ބުނާގޮތުން ސަރުކާރުން ކަންބޮޑުވަނީ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ގައުމަށް އެނބުރި ވަޑައިގަތުމަށް ތައްޔާރުވަމުންދާތީ ހަސީނާގެ ސަޕޯޓަރުންނާއި އޭނާއާ އިދިކޮޅު ފަރާތްތަކުގެ މެދުގައި ބޮޑު ކުރިމަތިލުންތަކެއް ހިނގައި ލޭއޮހޮރުވުންތަކެއް އުފެދިދާނެތީއެވެ. އަދި ތަންތަނުގައި ހުޅުޖެހުންފަދަ ހަރުކަށި އަމަލުތަކެއް ހިނގައި ކޮންޓްރޯލް ކުރަން ދަތިވާ ހިސާބަށް ކަންކަން ހިނގައިދާނެތީއެވެ.
ފާއިތުވި ދެހަފްތާ ތެރޭގައިވެސް ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި ޕެޓްރޯލް ބޮން ފަދަ ބޮންތައް ގޮއްވުމާއި އުޅަނދުތަކުގައި ހުޅުޖެހުން ފަދަ ކަންކަންވަނީ ހިނގައިފައެވެ. ހަމަނުޖެހުންތައް ހިންގި ފަރާތްތަކުންވަނީ ފުލުހުންގެ މަރުކަޒުތަކަށާއި އެގައުމުގެ ގްރަމީން ބޭންކުގެ ތިރީހަށްވުރެ ގިނަ ބްރާންޗަށާއި ސަރުކާރުގެ ބައެއް އޮފީސްތަކަށް އެކި ބާވަތުގެ ހަމަލާތައް އަމާޒުކޮށްފައެވެ. މީގެތެރޭގައި އެތަންތަނުގައި ހުޅުޖެހުމާއި ބިއްލޫރި ދޮރުތައް ހަލާކުކުރުން ހިމެނެއެވެ.
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވަނީ އަންނަ ޑިސެމްބަރުމަހުގެ ކުރީކޮޅު އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަންނަވާނެކަން އިއުލާން ކުރައްވައިފައެވެ. ބަންގްލަދޭޝްގެ ކޯޓަކުން، ހަސީނާގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފައެވެ. ހަސީނާ އެނބުރި ބަންގްލަދޭޝް އަށް ވަޑައިގެންފިނަމަ މަރުގެ ހުކުމް ތަންފީޒުކުރާނެކަން ބަންގްލަދޭޝްގެ ސަރުކާރުންވަނީ ކަށަވަރުކޮށްދީފައެވެ.
ހަސީނާގެ ޕާޓީކަމަށްވާ އަވާމީ ލީގު ވަނީ ބަންގްލަދޭޝްގައި ވަނީ މަނާކޮށްފައެވެ. ނަމަވެސް އެޕާޓީގެ އިސްވެރިންނާއި މެންބަރުން އަދި ހަސީނާގެ ސަޕޯޓަރުންނާއި އޭނާގެ ވެރިކަމުގައި ނާޖާއިޒު ފައިދާ ލިބުނު ފަރާތްތައް މިލިޔަނުން ގުނާލެވޭއިރު އެމީހުން ތިބީ ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ހާލަތެއްގައި އޭނާ ދިފާއުކުރުމަށް ރޭވުންތައް ރާވައިގެންނެވެ. ޕްލޭންތައް ހަދައި އެކަމަށް ތައްޔާރުވެގެންނެވެ. މި ހާލަތުގައި ބަންގްލަދޭޝްގައި ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުމެއް ހިނގައިފާނެކަމުގެ ބިރުވަނީ އުފެދިފައެވެ.
ހަސީނާގެ ވެރިކަން ވެއްޓުނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭނާގެ ވެރިކަމާ ދެކޮޅަށް ބަންގްލަދޭޝްގެ ކިޔަވާކުދިން އިސްކޮށް ތިބެގެން ކުރި ވަރުގަދަ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އެތަށް ބަޔަކު މަރާލުމާ ގުޅިގެން ކުރިމަތިވި ޕްރެޝަރުގައި ހަސީނާ މަގާމުން އިސްތުއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ ހިމާޔަތް ހޯއްދެވި އިންޑިއާއިންނެވެ. އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީވެސް އިންޑިއާގައި ހުންނަވައިފައެވެ. ހަސީނާ މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގައެވެ.
ހަސީނާގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި އޭނާ ހަވާލުކުރުމަށް ބަންގްލަދޭޝް ގެ ސަރުކާރުން އެދުނު އެދުމަށް އިޖާބަދޭން އިންޑިއާ ވަނީ ދެކޮޅު ހަދައިފައެވެ. ހަސީނާގެ މައްސަލާގައި ބަންގްލަދޭޝް އާއި އިންޑިއާގެ ގުޅުންތައްވަނީ ގޯސްވެފައެވެ. ހަސީނާވަނީ އަންނަ ޑިސެމްބަރުގައި އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަތުމަށްޓަކައި އައު ޕާސްޕޯޓަކާއި އައިޑީ ކާޑެއް ހެއްދުމަށް އެދި ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވައިފައެވެ.