އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ގާތްގަނޑަކަށް ފަސް މިނިޓުގެ ކުރު ވަގުތުކޮޅަކަށް ކުރިއަށް ގެންދިޔަ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މާ ގިނަ ވާހަކަތަކެއް ނުދައްކައެވެ.
އެ ކޮމިޓީ ފެށުމާއެކު، ކެލާ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުﷲ ޝަރީފް ވަނީ، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ހުށަހަޅާފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށް ހުށަހަޅުއްވާފައެވެ.
މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ތާއިދުކުރެއްވި އެ ހުށަހެޅުން ކޮމިޓީން ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ވޯޓުންނެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފިނޭންސުން ހުށަހެޅީ، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެއީ، މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.
ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ކުރާ ހޭދަ ނުވަތަ ރިކަރަންޓު ޚަރަދުތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެގޮތުން އަންނަ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
އެ ބަޖެޓު ޚާއްސަކުރަނީ ސިއްހީ ދާއިރާއަށް ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެ ދާއިރާއަށް 10 ބިލިއަން ކަނޑައަޅައިފައިވެއެވެ.
މިދިޔަ މަހު 29ގައި ބަޖެޓު އިއުލާންކުރައްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ގައުމުގެ މުސްތަގުބަލަށްޓަކައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށް އަންނަ އަހަރުގައި ބޮޑު އިސްކަމެއް ދިފާއިވާނެ ކަމަށް އެ ދުވަހު ޒަރީރު ވިދާޅުވިއެވެ.