ޔޫކްރެއިންގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ ޓެކްނޮލޮޖީ އަދި ދިފާޢީ ކުންފުންޏެއްގެ މުވައްޒަފުންނަށް ޖާސޫސްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ރަޝިއާގެ ރައްޔިތަކު އެމެރިކާގެ ކެލިފޯނިއާގެ ސިލިކަން ވެލީން ހައްޔަރުކޮށްފިއެވެ.
ބީބީސީގައިވާ ގޮތުން، ސެން ފްރެންސިސްކޯ ކައިރީގައި އޮންނަ ޕާލޯ އަލްޓޯގައި ބޭރު ގައުމެއްގެ އެޖެންޓެއްގެ ގޮތުގައި ސިއްރު އޮޕަރޭޝަނެއް ހިންގި ކަމުގެ ތުހުމަތު ކުރެވިފައިވަނީ އުމުރުން ދުވަސްވީ އިގޯ ޑީޔޫ ނަމަކަށް ކިޔާ މީހަކަށެވެ. އަދި އޭނާ ޖާސޫސްކުރަން އަމާޒު ހިފާފައިވަނީ މަޝްހޫރު ޑޭޓާ އެނަލިޓިކްސް ކުންފުނި ކަމަށްވާ 'ޕަލަންޓީ ޓެކްނޮލޮޖީސް' އަށް ކަމަށް ވަނީ އެނގިފައެވެ.
ކޯޓުގެ ލިޔެކިޔުންތަކުގައި ކުންފުނީގެ ނަން ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް، އެއީ ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގައި ޔޫކްރެއިނުން ބޭނުންކުރާ ސޮފްޓްވެއާ އުފައްދާ ދިފާޢީ ކުންފުންޏެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. ކެލިފޯނިއާގެ ނޮދަން ޑިސްޓްރިކްޓްގެ ޔޫއެސް އެޓަރނީ ކްރެއިގް މިސާކިއަން ވިދާޅުވީ، މިއީ ރަޝިއާއާ ދެކޮޅަށް ޔޫކްރެއިނަށް އެހީތެރިވާ އެމެރިކާ ކުންފުންޏެއްގެ މުވައްޒަފުންނަށް ބިރުދައްކައި، އަމާޒުކުރުމަށް ބޭރު ދަޢުލަތަކުން ރާވައިގެން ހިންގި ކަމެއް ކަމަށެވެ. އަދި ސިލިކަން ވެލީއަކީ ބޭރުގެ ޖާސޫސީ މަރުކަޒަކަށް ހެދުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ޑީޔޫ އެމެރިކާއަށް ވަދެފައިވަނީ ޖޫން މަހު އިސްތަންބޫލުން ފުރައިގެން މެކްސިކޯ ބޯޑަރު ހުރަސްކޮށް ޣައިރުގާނޫނީ ގޮތުގައެވެ. އޭނާ މި މަސައްކަތަށް ރެކްރޫޓްކޮށްފައިވަނީ ޓެލެގްރާމް އެޕް މެދުވެރިކޮށެވެ. އޭނާއަށް އިރުޝާދު ދިން ފަރާތްތަކުން ވަނީ، އެ ކުންފުނިން ރަޝިއާއާ ދެކޮޅަށް ހަތިޔާރު ފޯރުކޮށްދޭތީ އެތަނުގެ މަޢުލޫމާތު އެއްކުރުމަށް އަންގާފައެވެ.
އެ އިރުޝާދުގެ ދަށުން، އޭނާ ވަނީ ކޮމްޕިއުޓަރާއި، ފޯނާއި، ވައިރަލަސް އިކުއިޕްމަންޓްތައް ގަނެ، ކުންފުނީގެ އޮފީސް ކައިރީގައި ހުންނަ ކެފޭއަކަށް ގޮސް އެތަނުގައި ތިބި މުވައްޒަފުންގެ ލެޕްޓޮޕް ސްކްރީންތަކުގެ ފޮޓޯ ނަގާފައެވެ. އަދި ދުރުގައި ތިބެގެން ކުންފުނީގެ މުވައްޒަފުންގެ ޑިވައިސްތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އޭނާއަށް އޮތީ އަންގާފައެވެ. ނަމަވެސް، މި ޢަމަލުތަކުގެ ސަބަބުން ކުންފުނީގެ ސިއްރު ސިސްޓަމްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އިންޑަސްޓްރީގެ މަސްދަރުތަކުން ކަށަވަރުކޮށްދެއެވެ.
މީގެ އިތުރުން، ޑީޔޫ ވަނީ މުވައްޒަފުންގެ ފަހަތުން ދުއްވައި، ފާރަލާފައެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު، ކުންފުނީގެ އިސް ވެރިއެއްގެ ކާރު ފަހަތުން ގާތްގަނޑަކަށް 30 މޭލަށް ދުއްވި ކަމަށާއި، އޭނާ ފިލީ އެ އަންހެން ވެރިޔާ ޕޮލިސް ސްޓޭޝަނަކަށް ދިއުމުން ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
އޮކްޓޯބަރު މަހު އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، "ހޫގޯ ލެންޑްރީ ޖޯންސް" ގެ ނަމުގައި ހަދާފައިވާ ވަގު އެމެރިކާ ޕާސްޕޯޓާއި، އައިޑީ ކާޑުތަކުގެ އިތުރުން ރަޝިއާގެ ދެ ޕާސްޕޯޓު ފެނިފައިވެއެވެ. އަދި މުވައްޒަފުންގެ ގޭގެ އެޑްރެހާއި، ޢާއިލާގެ މަޢުލޫމާތާއި، އެމީހުންގެ ވަނަވަރު ތަފްސީލުކޮށް ލިޔެފައިވާ ނޯޓުފޮތެއްވެސް ވަނީ ފެނިފައެވެ.
ޑީޔޫގެ މައްޗަށް ބޭރު ގައުމެއްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ދެ ދަޢުވާއަކާއި، މީހުންނަށް ފާރަލުމުގެ ދަޢުވާއެއްގެ އިތުރުން ފޭކް ލިޔެކިޔުން ގެންގުޅުމުގެ ދަޢުވާ ވަނީ އުފުލާފައެވެ. މި ކުށްތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.