ގާނާގައި ދިރިއުޅުމުގެ ޚަރަދުތައް އުފުލިފައިވަނިކޮށް، ރިޔާސީ ޖެޓަކަށް 60 މިލިއަން ޑޮލަރު ޚަރަދުކުރުމުން ނުރުހުން

ގާނާގެ ރިޔާސީ ޖެޓް: ރިޔާސީ ޖެޓަށް 60 މިލިއަން ޑޮލަރު ޚަރަދުކުރުމުން ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފައި -- ފޮޓޯ/

ގާނާގައި ދިރިއުޅުމުގެ ޚަރަދުތައް އުފުލިފައިވަނިކޮށް، ރިޔާސީ ދަތުރުތަޖަށް ބޭނުންކުރާ ޖެޓަކަށް ސަރުކާރުން 60 މިލިއަން ޑޮލަރު ޚަރަދުކުމުން އެ ގައުމުގެ ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅުކޮށްފިއެވެ.

ފަރަންސޭސިވިލާތުގެ ޑަސޯ އޭވިއޭޝަން ކުންފުނިން އުފައްދާފައިވާ މި ބޯޓުގެ އަގަކީ ގާތްގަނޑަކަށް 60 މިލިއަން ނުވަތަ 61 މިލިއަން ޑޮލަރު ކަމަށް ރިޕޯޓުކޮށްފައިވާއިރު، އެ ބޯޓު ގަތުމަށް ގާނާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޑިސެންބަރު ހަތަރެއްގައެވެ.

ކަމާބެހޭ އޮފިޝަލުން ބުނި ގޮތުގައި، އައު ޖެޓު ގަނެފައިވަނީ، މިހާތަނަށް ރިޔާސީ އުދުހުންތަކަށް ބޭނުންކުރަމުން އައި ބޯޓުގައި ތެޔޮ ޓޭންކުގައި ދަބަރުޖަހައި ލީކުވުމުގެ މައްސަލަތައް ދިމާވުމާ ގުޅިގެންނެވެ. އެއީ 16 އަހަރުވެފައިވާ އުޅަނދެއްކަން ވެސް އެ އޮފިޝަލުން ފާހަގަކުރެއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޖޯން މަހާމާ އިދިކޮޅުގައި ހުންނެވިއިރު ވަނީ އާ ޖެޓެއް ގަތުމަށް ދެކޮޅުހައްދަވައިފައެވެ. ނަމަވެސް މިހާރު ބޯޓެއް ގަތުމުން، އިދިކޮޅު މަޖިލިސް މެންބަރު ސެމިއުލް އަބޫ ޖިނަޕޯ ވަނީ ވެރިކަންކުރާ ނޭޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް (އެންޑީސީ) ގެ އިޚުލާސްތެރިކަމެއް ނެތް ކަމަށް ތުހުމަތުކުރައްވައިފައެވެ.

ޖިނަޕޯ ވިދާޅުވީ، ދިރިއުޅުމުގެ ޚަރަދު ބޮޑުވެ އެތައް ޒުވާނުންނެއް ވަޒީފާއެއް ނުލިބިފައި ވަނިކޮށް، އެފަދަ ފައިސާގެ މުއާމަލާތެއް ކުރުމުން އެ މުއާމަލާތުގެ ތަފުސީލުތައް ހާމަކުރަން ޖެހޭނެ ކަމަށެވެ.

ޔުނިވާސިޓީ އޮފް ގާނާގެ އިގުތިސާދީ މާހިރު ޕްރޮފެސަރު ގޮޑްފްރެޑް އަލުފާ ބޮކްޕިން ވެސް ވަނީ، ޚަރަދުކުޑަކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކު މި ވަގުތު ބޯޓެއް ގަތުން ދިފާއުކުރަން އުނދަގޫ ކަމަށާއި، ބޯޓެއް ކުއްޔަށް ނެގުމަށްވުރެ ގަތުން ރަނގަޅުވާ ސަބަބު ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފަވެ.

މި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން މަޖިލީހުގެ ދިފާއީ ކޮމިޓީގެ މުގައްރިރު ޕީޓާ ލަންޗެނެ ޓޫބޫ ވިދާޅުވީ، އުސޫލެއްގެ ގޮތުން އާ ޖެޓެއް ގަތުމަށް އެންޑީސީން ދުވަހަކުވެސް ދެކޮޅު ނުހަދާ ކަމަށެވެ. އޭރު ދެކޮޅުހެދީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ތިން ބިލިއަން ޑޮލަރުގެ އެހީއެއް ހޯދަންޖެހިފައިވާ ދަތި ދަނޑިވަޅަކަށް ވާތީ ކަމަށާއި، މިހާރު ފައިސާގެ އަގު އުފުލި އިގުތިސާދު ރަނގަޅުވުމުން ބޯޓު ގަތީ ދަރަންޏަށް ފައިސާ ނުނަގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ތަރުޖަމާނު ފެލިކްސް ކްވާކިޔޭ އޮފޯސޫ ވެސް ވަނީ، 2024 ވަނަ އަހަރު 115 ސެޑީސް (7.5 ޕައުންޑް) އަށް ލިބުނު ސިމެންތި ބަސްތާއެއްގެ އަގު މިހާރު 80 ސެޑީސްއަށް ދަށްވެފައިވާކަން ފާހަގަކުރައްވައި އިގުތިސާދު ރަނގަޅުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް