ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމަށްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" (ޑީއެމްއާރްއާރް)ގެ މައުލޫމާތާއި ލައިވް އަޕްޑޭޓްތައް ވަގުތުން ޑީއެމްއާރްއާރް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން ބުނީ މި އެޕްލިކޭޝަނަކީ ދުވުންތެރިންނާއި އެ ފަރާތްތަކަށް ހިތްވަރުދޭ ސަޕޯޓަރުންނަށް، ރޭހާ ގުޅޭ އެންމެހައި މައުލޫމާތު އެއް ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ އެޕެއް ކަމަށެވެ.
އެގޮތުން ދުވުމުގެ މުހިންމު އިރުޝާދުތަކާއި ދުވުންތެރިންގެ ރޭންކިންގެ އިތުރުން ނަތީޖާގެ ތަފުސީލުތައް އެ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ހަމައެއާއެކު އެޕުގައި ހިމެނޭ 'ލައިވް ޓްރެކިން' ފީޗާގެ އެހީގައި ދުވުންތެރިން ރޭހުގައި ހަރަކާތްތެރިވަމުންދާ ހިސާބު އެ މީހުންގެ އާއިލާއަށާއި ރަހުމަތްތެރިންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެކި ކެޓަގަރީތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އަހަރުގެ ދުވުމުގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ދިރާގުން ވަނީ މައުލޫމާތު ދީފައެވެ.
ޑީއެމްއާރްއާރް އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް ވެސް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި މި ދުވުމުގެ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށް ހުރިހާ ދުވުންތެރިންނާއި ސަޕޯޓަރުންވެސް މި އެޕްލިކޭޝަން ބޭނުންކުރުމަށް ދިރާގުން ވަނީ އެދިފައެވެ.
އެ ދުވުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު، ދުވުމަށް ޚާއްސަ ވެބްސައިޓް www.dmrr.mv އިން ވެސް ލިބެން ހުންނާނެއެވެ.