މަޝްހޫރު ވީޑިއޯ ގޭމް "ގްރޭންޑް ތެފްޓް އޮޓޯ 6" (ޖީ.ޓީ.އޭ 6) ރިލީޒްކުރުމާ ދިމާކޮށް، ކްރިޕްޓޯކަރަންސީ މާކެޓުގައި އެ ގޭމުގެ ނަމުގައި އުފައްދާފައިވާ އެތައް ހާސް ފޭކް ޓޯކަންތަކަކާއި ވޮލެޓްތަކުން ފައިސާ ވަގަށް ނަގާ މަކަރުވެރި ވެބްސައިޓްތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ސައިބާ ސެކިއުރިޓީ ކުންފުނި ބްލޮކްއެއިޑް އިން އިންޒާރު ދީފިއެވެ.
ބްލޮކްއެއިޑް އިން ހާމަކޮށްފައިވާ ގޮތުގައި، ޖުލައި 4 އިން ނޮވެމްބަރު 4 އާ ދެމެދު ސޮލާނާ ޕްލެޓްފޯމުގައި އެކަނިވެސް "ޖީ.ޓީ.އޭ" ގެ ނަމާ ގުޅުވައިގެން 20,000 އަށްވުރެ ގިނަ ޓޯކަން ވަނީ އުފައްދާފައެވެ. މީގެ ތެރެއިން 8,800 އަށްވުރެ ގިނަ ޓޯކަން އަކީ ނުރައްކާތެރި އަދި މަކަރުވެރި ސްކޭމް ޓޯކަންތަކުގެ ގޮތުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މި ސްކޭމްތައް ޕްރޮމޯޓްކުރުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގެ 116 އެކައުންޓަކުން 451 ޕޯސްޓް ކޮށްފައިވާކަން ބްލޮކްއެއިޑްގެ މޮނިޓަރިން ސިސްޓަމުން ވަނީ ދެނެގަނެފައެވެ. މި ޕޯސްޓްތައް މެދުވެރިކޮށް ގޭމުގެ ފޭކް އެއާޑްރޮޕްތަކާއި، ކްރިޕްޓޯ ޕްރީ-ސޭލްތަކުގެ އިތުރުން ގޭމުގެ ފޭކް ވާޝަންތައް ޑައުންލޯޑް ކުރުމަށް ލިންކުތައް ދީފައިވެއެވެ.
މިފަދަ އެންމެ ނުރައްކާތެރި އެއް އުކުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ސޮނީގެ ޕްލޭސްޓޭޝަން ސްޓޯރާ އެއްގޮތަށް ފަރުމާކޮށްފައިވާ ފޭކް ވެބްސައިޓެކެވެ. މި ވެބްސައިޓުގައި "ގްރޭންޑް ތެފްޓް އޮޓޯ 6: އަލްޓިމޭޓް އެޑިޝަން" 89.99 ޑޮލަރަށް ވިއްކަން ޖަހާފައިވާއިރު، ގޭމު ގަތުމަށް ޕްރީ-އޯޑަރު ބަޓަނަށް ފިތާލުމުން އާންމު ޕޭމަންޓް ޕޭޖެއްގެ ބަދަލުގައި ހުޅުވެނީ ޓްރަސްޓް ވޮލެޓް، ޓްރޯންލިންކް އަދި ލެޖަރ ފަދަ ކްރިޕްޓޯ ވޮލެޓްތައް ގުޅުވުމަށް އެދޭ ވިންޑޯއެކެވެ.
މި ވޮލެޓްތައް ވެބްސައިޓާ ގުޅުވާލުމުން، ޔޫޒަރުންގެ ޑިވައިސްތަކަށް ނުރައްކާތެރި މެލްވެއާ އެޅި، ވޮލެޓްގައި ހުންނަ ހުރިހާ ފައިސާއެއް ވަގަށް ނެގުމުގެ ފުރުސަތު ހުޅުވިގެންދާ ކަމަށް ބްލޮކްއެއިޑް އިން ބުނެއެވެ. މީގެ އިތުރުން ގޭމަށް އާލީ އެކްސެސް ދޭނެ ކަމަށް ބުނެ ހިންގާ ވެބްސައިޓްތަކުންވެސް މިފަދަ މެލްވެއަރ ފަތުރަމުންދާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ސޮލާނާގެ އިތުރުން ބޭސް ނެޓްވޯކުގައި 593 ޓޯކަން އަދި އެތީރިއަމްގައި 111 ޓޯކަން މި ނަމުގައި އުފައްދާފައިވާކަން ވަނީ ހޯދިފައެވެ. އަދި ސޮލާނާގައި އުފެއްދި ޓޯކަންތަކުގެ 46 އިންސައްތައަކީ އަގު މައްޗަށް ޖެއްސުމަށްފަހު ކުއްލިއަކަށް ވިއްކާލައިގެން އިންވެސްޓަރުންނަށް ގެއްލުންދޭ "ޕަންޕް އެންޑް ޑަމްޕް" އުސޫލުން ހިންގާ ލޯންޗްޕެޑްތަކުން އުފައްދާފައިވާ ޓޯކަންތަކެކެވެ.
ޖީ.ޓީ.އޭ 6 ގެ ނަމުގައި ހިންގާ މިފަދަ ކަންކަމުގެ ތެރޭގައި "ސައިބަލީކް" ނަމަކަށް ކިޔާ އެކައުންޓަކުން ވަނީ އެ މީހުން އުފެއްދި ކްރިޕްޓޯކަރަންސީގެ މާކެޓް ކެޕް 30 މިލިއަން ޑޮލަރަށް ނާރައިފިނަމަ މުޅި ގޭމް ލީކުކޮށްލާނެ ކަމަށް ބުނެ މިދިޔަ އޮކްޓޯބަރު މަހު ބިރުވެސް ދައްކާފައެވެ. އެހެންކަމުން، ގޭމް ގަތުމުގައްޔާއި ކްރިޕްޓޯ މުއާމަލާތްތައް ކުރުމުގައި ރަސްމީ ޕްލެޓްފޯމްތައް އެކަނި ބޭނުންކުރުމަށް ސައިބާ ސެކިއުރިޓީ މާހިރުން އިލްތިމާސްކުރެއެވެ.