ފާއިތުވި 3 އަހަރު ތެރޭ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

މަސްތުވާތަކެތި ނައްތާލުން: ފާއިތުވި ތިން އަހަރު ތެރޭ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި ތިން އަހަރު ތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހޯމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މި ވެރިކަމަށް ވީ ތިން އަހަރު ތެރޭގައި، 1،327 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. ހަމައެއާއެކު، 16،852 ބަނގުރާ ފުޅި އަތުލައިގެންފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުގައިވެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 508 އޮޕަރޭޝަންތައް ހިންގައިފައިވެއެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި މާލީ ކުށްތަކާއި މަނީ ލޯންޑަރިންގެ 23 ތަހުގީގެއް ހިންގައިފައިވާއިރު، މަސްތުވާތަކެއްޗާ ގުޅުންހުރުމުގެ ސަބަބުން 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.

ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ހިމެނެއެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވަކި ބާވަތެއްގެ މަސްތުވާތަކެތި، ވަކި މިންވަރަކަށްވުރެ އިތުރަށް ރާއްޖެއަށް އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. އެ އިސްލާހަށް މިދިޔަ މާރިޗް މަހު ވަނީ އަމަލުކުރަން ފަށައިފައެވެ.

comment ކޮމެންޓް