މާލޭގައި ހުންނަ ގައުމީ ކުތުބުހާނާގައި މުހައްމަދު އަލީ ޖިނާހް ކޯނަރު، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ހުޅުއްވައިދެއްވައިފިއެވެ.
ޕާކިސްތާނުގެ ބާނީ މުހައްމަދު އަލީ ޖިނާހްގެ 150 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ކުތުބުހާނާއިން އިންތިޒާމުކުރި ޚާއްސަ ރަސްމިއްޔާތެއްގައި މި ކޯނަރު، މިދިޔަ ބުރާސްފަތި ދުވަހު ހުޅުއްވައިދެއްވުމުގައި، ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު، ރިޓަޔާޑް ވައިސް އެޑްމިރަލް ފައިސަލް ރަސޫލް ލޯދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާން ހައިކޮމިޝަނުގެ އޮފިޝަލުންނާއި ކުތުބުހާނާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު، ކޯނަރު ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ހީނާ އާއި ސަފީރު ފައިސަލް ރަސޫލް ލޯދީ ވަނީ އެ ކުތުބުހާނާގެ އެކި ބައިތައް ބައްލަވާލައްވާފައެވެ.

ޕާކިސްތާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމުކުރި މި ކޯނަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހީނާ ވިދާޅުވީ، ޕާކިސްތާން ހައިކޮމިޝަނުން ފޯރުކޮށްދިން މި އެހީތެރިކަމުގެ ސަބަބުން ކުތުބުހާނާގައި މިހާރު ހުރި ފޮތްތަކުގެ ކަލެކްޝަން މުއްސަނދިވެ، އެ ތަނުގެ ގާބިލުކަން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ގައުމީ ކުތުބުހާނާ ޑިޖިޓަލައިޒްކުރުމަށާއި، ރާއްޖޭގެ އެކި ކުދި ރަށްރަށުގައި އާ ކުތުބުހާނާތައް ގާއިމުކުރުމަށް ކުރިއަށް އޮތް ތަނުގައި ރާވާފައިވާ މަސައްކަތްތަކުގެ މައުލޫމާތުވެސް މިނިސްޓަރު ހިއްސާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ސަފީރު ފައިސަލް ރަސޫލް ލޯދީ ވިދާޅުވި ގޮތުގައި، ޕާކިސްތާން ސަރުކާރާއި ހެރިޓޭޖް މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވިފައެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، ދީނީ އަގުތަކަށް އިސްކަންދިނުން ފަދަ އެއްގޮތް ގިނަ ކަންތައްތަކެއް ދެ ގައުމުގެ ދެމެދުގައި ހިއްސާކުރާ ކަމަށާއި، މިފަދަ މަސައްކަތްތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމަށެވެ.
ހަމައެއާއެކު، ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް ފޯރުކޮށްދިނުމަށާއި މުޖުތަމައު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ދިވެހި ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއްގައި ޕާކިސްތާން ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަންވެސް ސަފީރު ދެއްވިއެވެ.

ގާއިދޭ އައުޒަމްގެ ލަގަބުން މަޝްހޫރުވެވަޑައިގެންފައިވާ މުހައްމަދު އަލީ ޖިނާހް (1876–1948) އަކީ ގާނޫނީ ވަކީލެއްގެ އިތުރުން، އޯލް-އިންޑިއާ މުސްލިމް ލީގުގެ ލީޑަރުގެ ހައިސިއްޔަތުން 1947 ވަނަ އަހަރު ޕާކިސްތާނަށް މިނިވަންކަން ހޯއްދަވައިދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެ ގައުމުގެ ބާނީއެވެ. އަދި އޭނާއަކީ ޕާކިސްތާނުގެ ފުރަތަމަ ގަވަރުނަރު ޖެނެރަލްވެސް މެއެވެ.
ޖިނާހްގެ ނަމަށް ނިސްބަތްކޮށް ޕާކިސްތާން ސަރުކާރުން ހިންގާ "ޖިނާހް ލެޕްޓޮޕް ސްކީމް" ގެ ދަށުން، ރާއްޖޭގެ ސްކޫލުތަކުން މަތީ ސާނަވީ އިމްތިހާނުތަކުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށާއި ސްކޫލުތަކަށް އެ ގައުމުން މީގެ ކުރިންވެސް ވަނީ އެކި ފަހަރުމަތިން ލެޕްޓޮޕް ހަދިޔާކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ.