ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރި އިތުރުކޮށް، ބަނދަރުތަކުގެ ގުޅުމާއި ކަނޑުގެ ދާއިރާގެ އެއްބާރުލުން ހަރުދަނާކުރުމަށްޓަކައި ޖޮއިންޓް ވޯކިން ގްރޫޕެއް (ޖޭޑަބްލިއުޖީ) އުފެއްދުމަށް ޕާކިސްތާނާއި ދިވެހިރާއްޖެއިން އެއްބަސްވެއްޖެއެވެ.
ޕާކިސްތާނުގެ މެރިޓައިމް އެފެއާޒް މިނިސްޓްރީން ބުނި ގޮތުގައި، މި ނިންމުމަށް ވާސިލުވެފައިވަނީ އެ ގައުމުގެ ފެޑެރަލް މިނިސްޓާ ފޯ މެރިޓައިމް އެފެއާޒް މުހައްމަދު ޖުނައިދު އަންވަރު ޗައުދަރީއާއި ރާއްޖޭގެ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ބޭއްވެވި މަތީ ފަންތީގެ ވާޗުއަލް ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުގެ ފެޑެރަލް މިނިސްޓާ ފޮ ކޮމާސް ޖާމް ކަމާލް ހާންއާއި، އިންޑަސްޓްރީޒް އެންޑް ޕްރޮޑަކްޝަންގެ ދާއިރާއިން ބޮޑުވަޒީރަށް ލަފާދެއްވާ އެޑްވައިޒަރު ހާރޫން އަހްތަރު ހާންގެ އިތުރުން ކަމާ ގުޅުންހުރި ވުޒާރާތަކުގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކުރުމަށާއި، ދަތުރުފަތުރުގެ ގުޅުންތައް ރަނގަޅުކުރުމުގެ އިތުރުން ބްލޫ އިކޮނޮމީ ނުވަތަ ކަނޑުގެ ވަސީލަތްތަކާ ގުޅޭ އިގުތިސާދީ ދާއިރާއިން އިންވެސްޓްމަންޓުގެ ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުންނެވެ.
ޖުނައިދު ޗައުދަރީ ވިދާޅުވި ގޮތުގައި، ބަނދަރުތަކުގެ ގުޅުން ރަނގަޅުކޮށް، މުއައްސަސާތަކުގެ އެއްބާރުލުމާއި ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށްގެން ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒުހިފާފައެވެ. ދެ އަހަރުގެ ތެރޭގައި ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަކީ ދެ ގައުމުގެ އަމާޒެއްކަން މީގެ ކުރިން ވެސް ވަނީ އިއުލާންކޮށްފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ބާޒާރުގައި ހުރި ފުރުސަތުތަކުގެ ބޭނުންހިފައި، ޕާކިސްތާނުން ރާއްޖެއަށް އެކްސްޕޯޓުކުރާ މުދަލުގެ ބާވަތްތައް އިތުރުކުރުމުގެ ގޮތުން ހަނޑޫ، ހަކުރު، މޭވާ، ތަރުކާރީ، ބޭސް އަދި ފޮތީގެ ބާވަތްތައް ރާއްޖެއަށް އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރުމަށް ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލަށް އުފައްދާ ޖޭޑަބްލިއުޖީގައި ހިމެނޭނީ ދެ ގައުމުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އިގުތިސާދީ ދާއިރާތަކުގެ މަންދޫބުން ކަމަށް ޕާކިސްތާނުގެ މެރިޓައިމް އެފެއާޒް މިނިސްޓްރީން ބުންޏެވެ. މި ގްރޫޕުގެ މަސައްކަތަކަށް ވާނީ ވިޔަފާރީގެ އާ ފުރުސަތުތައް ދެނެގަތުމާއި، އެއްބާރުލުން ދެވޭނެ ދާއިރާތައް ބަލައި، ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓަށް މަގުފަހިކޮށްދޭނެ ހުށަހެޅުންތައް އެކުލަވާލުމެވެ. އަދި މުދާ އުފުލުމަށް ފަސޭހަކުރުމަށާއި ވިޔަފާރިތަކުގެ މެދުގައި އޮންނަ ގުޅުން ފުޅާކުރުމަށްޓަކައި، ބަނދަރުތަކުގެ ދެމެދުގައި ހަރުދަނާ ގުޅުމެއް ގާއިމުކުރުމުގެ މުހިންމުކަން ދެ ފަރާތުން ވެސް ފާހަގަކުރިއެވެ.
މި ބައްދަލުވުމާ ގުޅިގެން، ވިޔަފާރީގެ ފުރުސަތުތަކާއި އަމަލީ ގޮތުން އެއްބާރުލުން ދެވޭނެ ދާއިރާތައް ދެނެގަތުމަށްޓަކައި ޕާކިސްތާނުގެ މެރިޓައިމް އެފެއާޒް މިނިސްޓަރު އިސްކޮށް ހުންނަވައިގެން، އިގުތިސާދީ އަދި ސިނާއީ ދާއިރާތައް ތަމްސީލުކުރާ ވަފުދެއް އަވަސް ފުރުސަތެއްގައި ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ޕާކިސްތާނާއި ރާއްޖޭން އެކުގައި މަސައްކަތް ކުރުމަށް ގުރޫޕެއް އުފައްދާފައިވާއިރު ދާދި ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އެކި ރޮނގުން ބަދަހި ކުރުމަށް މަތީ ފަންތީގެ ނިންމުންތަކެއް ނިންމެވިއެވެ.