އެމެރިކާގައި ހަލުވިކަމާއެކު އިތުރުވަމުންދާ ޑޭޓާ ސެންޓަރުތައް ހިންގުމަށް ބޭނުންވާ ކަރަންޓު އުފެއްދުމުގެ ތެރޭގައި ވައި ތަޣައްޔަރުވެ، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 650 މީހުން އުމުރަށްވުރެ ކުރިން މަރުވާކަމަށް މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ދިރާސާއަކުން ދައްކައިފިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި ކްލައުޑް ޓެކްނޮލޮޖީ ފުޅާވުމާ ގުޅިގެން 24 ގަޑިއިރު މެދުނުކެނޑި ހިންގާ ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ ކަރަންޓުގެ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އެމްއައިޓީގެ ދިރާސާ ޓީމުން 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައި ހެދި މި އެނަލިސިސްއިން ހާމަވި ގޮތުގައި، ޑޭޓާ ސެންޓަރުތައް ހުންނަ ސަރަހައްދުތަކާ މާ ދުރުގައި ދިރިއުޅޭ އާންމުންނަށްވެސް މިކަމުގެ ނުރައްކާތެރި ސިއްހީ އަސަރުތައް ދަނީ ކުރަމުންނެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، ޑޭޓާ ސެންޓަރުތަކަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރަނީ ނޮދަން ވާޖީނިއާ އަދި ޓެކްސަސް ފަދަ ސްޓޭޓްތަކުގައި ނަމަވެސް، އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން މަރުވާ ކަމަށް އަންދާޒާކުރެވެނީ އަޔޯވާ، ނެވާޑާ، ސައުތު ޑަކޯޓާ އަދި ކެންސަސް ފަދަ ސްޓޭޓްތަކުގައެވެ. އެގޮތުން، ސިޓީތަކުގައި ދިރިއުޅޭ މީހުންނަށްވުރެ ރަށްފުށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މި ނުރައްކާ މާ ބޮޑުކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ޑޭޓާ ސެންޓަރުތައް ހިންގަން ގިނަ އަދަދަކަށް ހަކަތަ ބޭނުންވޭ ---އެމެރިކާގެ ކަރަންޓު ވިއުގަ ނުވަތަ ގްރިޑް ގުޅިފައިވާ ގޮތުން، އެއް ސްޓޭޓެއްގައި ހުންނަ ޑޭޓާ ސެންޓަރަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށްޓަކައި އެހެން ސަރަހައްދެއްގައި ހުންނަ ބޯޓުދެލި ނުވަތަ ގުދުރަތީ ގޭސް ބޭނުންކުރާ ޕަވާ ޕްލާންޓްތައް ހިންގަން ޖެހެއެވެ. މީގެ ސަބަބުން އުފެދޭ ވިހަ ގޭސްތަކާއި ވައިގެ ތެރޭގައި ހުންނަ ކުދި ޒައްރާތައް (ޕީ.އެމް 2.5) ވައިގެ ޒަރިއްޔާއިން އެހެން ސްޓޭޓްތަކަށް ދަތުރުކޮށް، ދަނޑުވެރިކަން ކުރާ ސަރަހައްދުތަކުގައި ބޭނުންކުރާ ގަސްކާނާގެ އެމޯނިއާއާ އެކުވެ، ވައި އިތުރަށް ތަޣައްޔަރުވެގެންދެއެވެ.
މި ދިރާސާގެ އިސް މުސައްނިފު އަދި އެމްއައިޓީގެ ޕްރޮފެސަރު ނޮއެލް ސެލިން ވިދާޅުވި ގޮތުގައި، ޑޭޓާ ސެންޓަރުތަކުގެ ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި އެތަންތަނުގެ ކައިރީގައި ދިރިއުޅޭ މީހުންނަށް ކަމަށް ގިނަ ބަޔަކު ހީކުރި ނަމަވެސް، ވައިގެ ނުސާފުކަމުގެ އަސަރު ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިގެންދެއެވެ. އަދި 2023 ވަނަ އަހަރު މި ސަބަބާހުރެ މަރުވި ކަމަށް އަންދާޒާކުރެވޭ 650 މީހުންގެ ތެރެއިން 513 މީހުން މަރުވީ ވައިގެ ތެރޭގައި ހުންނަ ކުދި ޒައްރާތަކުގެ ސަބަބުން ޖެހޭ ހިތާއި ފުއްޕާމޭގެ ބަލިތަކުގައި ކަމަށާއި، ބާކީ 137 މީހުން މަރުވީ ސްމޮގް ނުވަތަ ވިހަ ދުމުގެ ސަބަބުން ކަމަށް ދިރާސާއިން ދައްކައެވެ.
އެމެރިކާގެ ޖުމްލަ ކަރަންޓު ބޭނުންކުރާ މިންވަރުގެ ހަތަރު އިންސައްތަ ޑޭޓާ ސެންޓަރުތަކުން ހިއްސާކުރާއިރު، ކުރިއަށް އޮތް ތަނުގައި އަލަށް ޑޭޓާ ސެންޓަރުތައް ބިނާކުރާނެ ތަންތަން ކަނޑައެޅުމުގައާއި އެތަންތަނަށް ކަރަންޓު ފޯރުކޮށްދޭނެ ގޮތްތައް ރޭވުމުގައި، ހަމައެކަނި ބިމާއި ކަރަންޓުގެ އަގަށް ބެލުމުގެ ބަދަލުގައި އާންމު ސިއްހަތަށާއި ވައިގެ ސާފުކަމަށް ކުރާނެ އަސަރުތަކަށް ރިއާޔަތްކުރުމަށް ދިރާސާ ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދިރާސާ ޝާއިޢުކޮށްފައިވަނީ 19 ނޮވެމްބަރު 2026 ގައި އެންވައިރަމަންޓަލް ރިސާޗް ލެޓާސް ޖާނަލްގައެވެ.