ބަޖެޓަކަށް ފަހު ބަޖެޓެއް، ނަތީޖާ ކިހިނެއް؟

އާއިލާއެއްގެ ނުވަތަ ވިޔަފާރިއެއްގެ އަހަރީ ހަރަދުތައް ވަކި ތާވަލަކުން ރޭވި ނަމަވެސް، އެ ރޭވުމާ ހިލާފަށް ފައިސާ ހަރަދުކުރާ ނަމަ އޭގެ ހެޔޮ ނަތީޖާއެއް ނުފެންނާނެއެވެ. ދައުލަތުން ކޮންމެ އަހަރަކަށް ފާސްކުރާ ބަޖެޓާއި އޭގެ ނަތީޖާއާ މެދު މި ހަފުތާގެ އެޑިޓަރުންގެ ވަށްމޭޒު ޕްރޮގްރާމް ހާއްސަކޮށްފައިވާއިރު، ގާނޫނުއަސާސީގައި އޮންނާތީ ކޮންމެ އަހަރަކު ބަޖެޓު ފާސްކުރި ނަމަވެސް ކޮންމެ ސަރުކާރަކުންވެސް ފާސްކުރާ ބަޖެޓާ އެއްގޮތަށް އަމަލު ނުކުރާކަން އެ ޕްރޮގްރާމުގައި އެޑިޓަރުން ފާހަގަކުރެއެވެ.

ބަޖެޓު ހުށަހެޅުމުން ހަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމާއި، ދަރަނި މެނޭޖުކުރުން ފަދަ އިސްލާހުކުރަން ޖެހޭ ގިނަ ކަންކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އޮޑިޓް އޮފީހުން ކޮންމެ އަހަރަކުވެސް ބުނެދެއެވެ. އެގޮތުން އަންނަ އަހަރަށް ބަޖެޓް ފާސްކުރުމުގެ މަރުހަލާގެ ތެރެއިން ވެސް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައިވެސް، އާމްދަނީގެ ތެރޭގައި ރިކަރަންޓް ހަރަދު ހިފެހެއްޓުމަށާއި ޓެކްސް ނޫން އާމްދަނީ ހޯދުން ހަރުދަނާކުރުމަށް އޮޑިޓް އޮފީހުން ލަފާދީފައިވާއިރު، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އެމްއެމްއޭއިން ވަނީ އިރުޝާދުދީފައެވެ.

ޕްރޮގްރާމްގައި އެޑިޓަރުން ފާހަގަ ކުރިގޮތުގައި ދަރަނި މެނޭޖު ކުރުމާއި ހަރަދު ކުޑަކުރުމަށް ކޮންމެ އަހަރެއްގެ ބަޖެޓާއެކު ވެސް ގިނަ ލަފާތަކަކާއި އިރުޝާދު ތަކެއް ދިން ނަމަވެސް އެއްވެސް ސަރުކާރަކުން އެކަމަށް އަމަލު ކުރަން އުޅޭ މަންޒަރެއް ނުފެނެއެވެ. އެހެންކަމުން ދައުލަތުން ފާސްކުރާ ބަޖެޓު ވެފައި އޮންނަނީ ނަމަކަށް ކުރާ ކަމެއްގެ ގޮތުގައިކަން އެޑިޓަރުން ފާހަގަ ކުރިއެވެ.

އެގޮތުން ކަމާބެހޭ ތަޖުރިބާކާރުން، ކަންބޮޑުވުންތަކާއެކު ދޭ ލަފާތަކަށް އެއްވެސް ސަރުކާރަކުން އަމަލީ ސިފައެއް ނުގެނެސް، ބަޖެޓު ބޭނުންކުރަނީ ހިތުހުރި ކަމަކަށް ކަމަށް އެޑިޓަރުންގެ ވަށްމޭޒު ޕްރޮގްރާމުގައި އެޑިޓަރުން ވަނީ ބުނެފައެވެ. ޕްރޮގްރާމްގައި އިތުރު ތަފްސީލު ހިމެނޭނެއެވެ.

comment ކޮމެންޓް