ވާނި ރައްޔިތުންނަށް މަސްދުވަހުގެ ތެރޭގައި ދާއިމީ ބޯހިޔާވަހިކަން ލިބޭނެ: މުއިއްޒު

މިއަދު ނޫސްވެރިންނަށް ހައުސިން މިނިސްޓަރު މައުލޫމާތު ދެއްވަނީ--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ދ. ކުޑަހުވަދުއަށް ބަދަލުކޮށްފައިވާ އެއަތޮޅުގެ ވާނީ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ރޯދަ މަސް ނިމެންވާއިރަށް ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ކުޑަހުވަދޫގައި ނޫސްވެރިންނަށް މައުލޫމާާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ރޯދަ މަސްތެރޭގައި ރައްޔިތުންނަށް ގެތައް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އުއްމީދަކީ ރަމަޟާން މަސްތެރޭގައި ގެތައް ބެހުމުގެ މަސައްކަތް ކުރުން. ރޯދަ މަސް ފެށެން ވާއިރަށް އެންމެ ކުޑަމިނުން ރައްޔިތުން އެ ގެތަކަށް ވެއްދުމަށްޓަކައި ގުރުއަތުލައި ގެތައް ކަނޑައަޅާ ހިސާބަށް ގެންދިޔުން،" މުއިއްޒު ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ވާނި ރައްޔިތުންނަށް ތައްޔާރު ކޮށްފައިވާ ގެތައް--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

އެ ގެތަކުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު ބާކީ ހުރީ، ގެތަކުގެ ކުދިކުދި މަރާމާތުތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެންމެ ލަސްވެގެން ވެސް އެއްމަސްތެރޭގައި އެފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ލިބޭނެ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މިިނިސްޓަރު ވިދާޅުވީ، ގެތަކަށް ބަދަލުވުމާ ޖެހެންދެން ވާނީގެ ރައްޔިތުން ކުޑަހުވަދޫގެ އެކި ހިސާބުތަކުގައި އުޅެމުންދަނީ ކުލިދައްކައިގެން ކަމަށާއި އެކަމަށް ސަރުކާރުގެ ފަރާތުން ކޮންމެ އާއިލާއަކަށް މަހަކު 2،000 ރުފިޔާ ދޭކަމަށެވެ.

ވާނީގެ ރައްޔިތުންނަށް ސަރުކާރުން ވަނީ 53 ގެ އަޅައިދީފައެވެ.

comment ކޮމެންޓް