ކުރީގެ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގައި އިމާރާތްކުރި ފުލެޓުތަކާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް މި މަހުގެ ނިޔަލަށް ބަލައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފުލެޓު ލިސްޓު އިވެލުއޭޓް ކުރުމަށްފަހު، ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިދިޔަ ފެބްރުއަރީ މަހު 27ގައެވެ. އެ ލިސްޓުން އުނިވި މީހުންނަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ އޭޕްރީލް 15 ވަނަ ދުވަހުގެ ރެއަށެވެ.
އެ މުއްދަތުގެ ތެރޭގައި ޖުމުލަ މުއްދަތުގައި، 8,602 ޝަކުވާ ހުށަހެޅިއެވެ. އެއީ، ޕޯޓަލް މެދުވެރިކޮށް ހުށަހެޅި 5،236 ޝަކުވާއާއި އީމެއިލް މެދުވެރިކޮށް ހުށަހެޅި 2،840 ޝަކުވާ އަދި 526 ސިޓީއެކެވެ.
އޭގެފަހުން، އެ ޝަކުވާތައް ބަލައިނިމޭނެ ތާރީޚާއި މިހާރު އެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން 'ސަން'އިން ސުވާލުކުރުމުން މިނިސްޓްރީން ބުނީ، މިހާރު ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: އެފުލެޓުތަކާ ގުޅޭގޮތުން ހުށަހެޅި 8،000 އަށް ވުރެ ޝަކުވާތައް މިމަހުގެ ނިޔަލަށް ބަލައި ނިންމަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އެގޮތުން، މަސައްކަތް ކުރަމުން ދަނީ މަހުގެ ނިޔަލަށް ޝަކުވާތައް ބެލުމުގެ މަސައްކަތް ނިންމަން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ހަތަރެއް ނޮވެމްބަރު، 2024ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ އިތުރު ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.
ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ.
އެއަށްފަހު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި، މިދިޔަ ފެބްރުވަރީ މަހު އޭސީސީން ވަނީ، ބައެއް ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުއްދަދީފައެވެ.
މި ސަރުކާރުން ނިންމީ، ފުލެޓު ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު އާންމު ކުރުމަށެވެ. އެއަށްފަހު، ލިސްޓު ނެރޭނެ އެކި ތާރީޚުތަކެއް ދިން ނަމަވެސް އެ ތާރީޚުތަކުގައި ލިސްޓު ނެރެފައިނުވެއެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: އެ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން ވަނީ އިއުލާންކޮށްފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މި ސަރުކާރުން ލިސްޓު ނެރެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި މީހުންގެ ފޯމްތައް އަލުން ބެލުމަށް ފަހުގައެވެ.
ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1،218 ފަރާތެއް ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3،721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ.
އޭގެފަހުން، ފުލެޓު ލިސްޓު ނެރުނު ދުވަހު، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ހައުސިން މިނިސްޓްރީން 4،939 ފަރާތެއްގެ ފޯމް އަލުން ބެލި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށެވެ.