Ooredoo

ދިވެހިންނަށް ހާއްސަ ކުރި ދާއިރާގެ މުގޫ ބިދޭސީންގެ އަތްމައްޗަށް!؟

ބިދޭސީންލައްވައި މަސައްކަތްކޮށްގެން ލިބޭ ފައިސާއިން ނަފާ ހޯދާ އެތައް ދިވެހިންނެއް މި ރާއްޖޭގައި އެބައުޅެ އެވެ. އެއީ ދިވެހި ރާއްޖޭގައި ދިވެހިންނަށް އޮތް ފުރުސަތެކެވެ. ނަމަވެސް މިފަހަރު ދަށްކަން މި އުޅެނީ ތަފާތު ވާހަކައެކެވެ. އެއީ ދިވެހި ރާއްޖޭގައި ދިވެހިން ލައްވައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީގެ ފުރިހަމަ ބޭނުން ބިދޭސީން ކޮށްލާ ކަމެވެ. އެއީ އެތައް ޒުވާނުންނެއް ޝައުގުވެރިވާ ފޮޓޯގުރަފީ ދާއިރާ އެވެ.

ބިދޭސީ ފޮޓޯގުރާފަރުންގެ އުނދަގޫ ބޮޑުވެ ދިވެހިންނަށް އެ ފުރުސަތު ގެއްލިގެން ދިއުމާއެކު މިދިޔަ އަހަރު ކުރީކޮޅުގައި ސަރުކާރުން ވަނީ ފޮޓޯގުރަފީ ދާއިރާއަކީ މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތަށް ހަމަޖައްސާފަ އެވެ. އެއާއެކު ފޮޓޯ ނެގުމާއި އެ ވިޔަފާރިން ނަފާ ހޯދުމުގެ ހުއްދަ ލިބިގެންދާނީ ހަމައެކަނި ދިވެހިންނަށެވެ. ނަމަވެސް ކަން ވަނީ މުޅިން އެހެނަކުން ނޫނެވެ.

ބިދޭސީ ފޮޓޯގުރާފަރަކު ފޮޓޯ ޝޫޓެއްގައި-- ފޮޓޯ: ޝާފީ

އެ ގަވައިދު ތަންފީޒު ކުރަން ފެށުމާއެކު ވެސް އެތައް ބިދޭސީންނެއް މަސައްކަތް ނުހުއްޓައި އެ ދާއިރާގައި އުޅުނެވެ. ސަރުކާރުން އޭރު ދިޔައީ އެކަމަށް ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ފޮޓޯގުރަފީ ދާއިރާގައި ހަރަކާތްތެރިވާ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލަން ފެށި އެވެ. އަދި އެގޮތަށް މަސައްކަތް ކުރި ކުންފުނިތަކާމެދު ފިޔަވަޅު އަޅަން ފެށި އެވެ. ނަތީޖާއަކަށްވީ އަދިވެސް ގޮތް ދޫނުކޮށް އެ ބިދޭސީން އެހެން މަގެއް އިހުތިޔާރު ކުރުމެވެ.

ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ފޮޓޯގުރާފަރުން މިފަހަރު ހިޔާރު ކުރިމަގަކީ ދިވެހިން ބޭރަށް ނެރެ އޭގެ ނަފާ އެ މީހުންގެ ޖީބަށް ލެވޭނެ ގޮތެވެ. ލިބޭ ފައިސާ އިން ކުޑަ އެއްޗެއް ދިވެހި މީހާއަށް ލިބޭ ގޮތަށް ދިވެހިންގެ ނަމުގައި ކުންފުނި ހަދައި އެ ވިޔަފާރި ކުރުމެވެ.

އެގޮތުން ފޮޓޯގުރަފީ ދާއިރާއަށް އާ ކުދިން ކުޑަ މުސާރައެއް ދީގެން އޭގެ ފައިދާ ނަގަންފެށީ އެވެ. ގާތްގަނޑަކަށް 350 އާއި 450 ޑޮލަރުގެ މުސާރައެއް ދީ އެ ކުދިން ލައްވައި ފޮޓޯ ނެގުމުގެ ކަންކަން ކުރަންފެށި އެވެ. އެގޮތަށް ނަގާ އިވެންޓްތަކުން ލިބޭ ފައިސާތައް ޖަމާވަނީ ބިދޭސީންގެ އެކައުންޓްތަކަށެވެ. ދިވެހިންނަށް ދެނީ އޭގެން ކުޑަ މުސާރައެކެވެ.

ފޮޓޯ ކައުންސިލްގެ ރައީސް މުހައްމަދު ޝާފީ ވިދާޅުވި ގޮތުގައި އެގޮތަށް މަސައްކަތްކުރާ ކުންފުންޏަކުން ރާއްޖޭގެ 15 ރިސޯޓެއްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެހެން ލިބޭ އާމްދަނީގެ ތެރެއިން މަހެއްގެ މައްޗަށް ދެ ލައްކަ ޑޮލަރު ނުވަތަ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ މަހެއްގެ މައްޗަށް ރާއްޖެއިން ބޭރަށް ގެންދާ ކަމަށެވެ.

ޝާފީ ސަން އަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ

"ސަރުކާރުގެ ވިސްނުމަކީ ބިދޭސީންގެ އަތުން އެކަން ނަގައި ދިވެހިންނަށް އެފުރުސަތު ދިނުން، އެކަމަކު އެ މަގުސަދު ހާސިލެއް ނުވޭ،" ޝާފީ ވިދާޅުވިއެވެ.

ލިބޭ ނަފާއިން ވަކި ބައެއް ދިވެހިންނަށް ދޭ ގޮތަށް ބިދޭސީން އަދިވެސް ފުޅާ ދާއިރާއެއްގައި ފޮޓޯ ނެގުމުގެ ދާއިރާގައި މި ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތަށް މަސައްކަތް ކުރާ ބިދޭސީން ހުޅުމާލޭގައި ވެސް އުޅެއެވެ.

"ފޯކަލް ޕޮއިންޓަކަށް ދިވެއްސެއް ބަހައްޓައި އެ ލިބޭ ފައިސާއިން ކަޓެއް ދީ އަނެއްބައި ނަގަނީ ބިދޭސީން،" ފޮޓޯގުރަފީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތަކުން ބުންޏެވެ.

ބިދޭސީން ފޮޓޯގުރާފަރުންގެ މަގާމަށް މިހާރު ރާއްޖެ ނުގެނެވެ އެވެ. އެއީ މަނާކަމެކެވެ. އެހެންކަމުން މިފަހަރުވެސް ކަންކުރަނީ އެހެން އުސޫލެއްގެ މަތިންނެވެ. އެގޮތުން ތަފާތު އެކިއެކި މަގާމުތަކުގެ ނަމުގައި ބިދޭސީން ގެނެސް ރިސޯޓްތަކުގައި ފޮޓޯ ގުރާފަރުންގެ ވަޒީފާގައި ގެންގުޅެނީއެވެ.

"މިހާރު ބައެއް ރިސޯޓްތަކުގައި މި އުޅެނީ ފޮޓޯ ގުރާފާ ނަމެއްގައެއް ނޫން، އެޑިޓާ ނަމުގައި ފޮޓޯ ނަގާމީހުން އެބައުޅޭ، އެކި ނަންނަން ބޭނުން ކޮށްގެން އެބައުޅޭ،" ޝާފީ ވިދާޅުވިއެވެ.

ފޮޓޯ ގުރާފަރުންގެ އެކަންބޮޑުވުން ތަކާމެދު ރެޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، އެފަދަ ޝަކުވާތަކެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ބިދޭސީންނަށް ނޫޅެވޭނެ ދާއިރާއަކަށްވާއިރު އެ ވިޔަފާރި ކުރާ ފަރާތްތަކުން ޖޫރިމަނާކޮށް އިމިގުރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ވިދާޅުވިއެވެ.

މިލިއަނުން ނަފާ ލިބޭ އެ ދާއިރާއިން ދިވެހިން މިވަނީ އަދިވެސް ބާކީވެފަ އެވެ. އެއީ ކީއްވެ ހެއްޔެވެ؟ ދިވެހިން ކިބައިގަ އެހުނަރު ކުޑައީތޯއެވެ؟ ދިވެހި ފޮޓޯގުރާފަރުން ބުނަމުންދަނީ ދިވެހި ފޮޓޯގުރާފަރުންގެ ފެންވަރު މާ ރަނގަޅު ކަމަށެވެ. އެފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ދިވެހިންނަށް ފުރުސަތު ނުދީ ބިދޭސީންނަށް ފުރުސަތު ދެނީ ބިދޭސީން "ކަޓު" ދޭތީއެވެ.

ޝާފީ ވިދާޅުވީ، ރިސޯޓްތަކުގައި ކުންފުނިތައް ހަދައިގެން ގިނަ އަދަދެއްގެ ބިދޭސީ ފޮޓޯގްރާފަރުން ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން 1500 އަށްވުރެ ގިނަ ދިވެހިން ހަރަކާތްތެރިވާ އެ ދާއިރާއިން ދިވެހިންނަށް ފުރުސަތު ގެއްލި ފޮޓޯގްރަފީގެ މަސައްކަތް ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށެވެ.

ސަރުކާރުން އެޅި ފިޔަވަޅުން ބާގަނޑެއް ބިދޭސީން އެ ވަނީ ހޯދާފައެވެ. އެއާއެކު ނަހަމަ ގޮތުގައި އެވިޔަފާރިކޮށް ނަފާ ހޯދަންވެސް މިވަނީ ފަށާފަ އެވެ. އެތައް ސަތޭކަ ދިވެހިންގެ ހިތާއި ގުޅިފައިވާ ދާއިރާއިން ގަވައިދާ ހިލާފަށް އެ ފައިސާތައް ރާއްޖެއިން ބޭރަށް އެ ވަނީ ގެންދަން ފަށާފަ އެވެ. ދިވެހި ފޮޓޯގުރާފަރުންގެ އެދުމަކީ އެކަމަށް ހައްލެއް ހޯދުމެވެ.

comment ކޮމެންޓް

comment ދިވެހި ދަރިއެއް

9 year 4 month ago

ހިތާމަހުރިކަމެއް ރިސޯޓުންވިޔަސް އާއްމު ފަރުދަކު ނަމަވެސް މިކަހަލަ ކަންކަން ކުރުމުން މިގައުމުގައި ތިބި ދިވެހި މަސައްކަތް ތެރިން އެތިބީ ވިދިފައި މިއީ ވިދުނުމީހުންގެވެސް ފުށުން ވާކަމެއް އަތުންފައިން މަސައްކަތެއް ކުރަން ބޭނުންނުވާތަންވެސް އެބައޮތް މިކަމުގެ ނަމޫނާއަކީ ބޯކޮށުން ފެހުން އެހުރީ މުޅިންވެސް ބޭރުމީހުންގެ އަތްދަށުގައި މިތަންތަނަކީ މިހާރު އެކިބާވަތުގެ މަނާވިޔަފާރިކުރާ ތަންތަނަށްވެސް ވަނީވެފައި ޚާއްސަކޮށް ބޯކޮށާތަންތަނަކީ ކާލިގަނޑުއަޅާ ދިވެހި ދުންތަރިން ވިޔަފާރިކުރާ ތަންތަން ކަމުގައި ހަދައިފި ވީމާ މިކަންކަން ބަދަލު ވީ އެންމެ އަވަހަކަށް ކުރަން އެބަޖެހޭ ނޫނީ ދުވަހަކުވެސް މި ބިދޭސީންގެ އަތްގަދަކަން ނުހުއްޓޭނެމިކަންކަމާ އަޅާނުލާތިއްބާއި މިހާރުވެސް މިވަނީ މާމައްޗަށް ގޮސްފައި ޖަމްއިއްޔާ ޖަމާއަތްތަކާ އެކިއެކި ކަންވޮށިގެންވާ ފަރާތްތަކުން އެކުގައި މިގައުމުގައި ހުރި މިކަހަލަ އަނދަވަޅުތަކުން މިންޖުކުރުމަކީ މުސްތަގުބަލަށްޓަކައި ވެސް ކުރަންޖެހޭކަމެއް ފޮޓޯގްރާފަރުންނަކީވެސް މިފަދަ ބަޔަކަށްވަނީ ހަމަ އަހެމެންގެތޭރައި މަސައްކަތް ކުރަންތިބި މީހުންގެ ކަންނެތްކަމުން ކަމުގައި ބެލެވޭ މުސާރަވެސް ލިބެންޖެހެނީ އަހަރެމެންބުނާވަރަށް ވީމާ ބޭރުމީހުންވެސް ގެންނަން މަޖުބޫރުވެގެން ގެނެސް ކުރަނީ

comment އަލީ

9 year 4 month ago

ރާއްޖޭގެ ރިސޯޓްތަކާއި ގުޅޭ ހުރިހާކަމެއްގައިހެން ދިވެހިންނަކީ އަމިއްލަ ގައުމުގައި ބީރައްޓެހިން. ދިވެހިންނާއިމެދު ގިނަ ރިސޯޓް ތަކުން އިހާނެތިކޮށް ހިތާ ވާހަކައަކީ އަބަދު ދެކެވޭ ވާހަކައެއް. ރިސޯޓް ތަކަށް ގާނޫނު ހިންގުމުގައި ސަރުކާރުވަނީ ނުކުޅެދިފަ. އެޢީ ގާނޫނުގެ މަތީގައިވާ ބައެއް.

comment ކިޔާމީހާ

9 year 4 month ago

ހުރިހާ ކަމެއް ދެން ސަރުކާރުންވެސް ކުރާނެ ގޮތެއް މަށަކަށްވެސް ނުވިސްނޭ.. ޤަވައިދާ ޚިލާފަށް އެކަންކަން ކުރާ ރިސޯޓް ތަކުން އެކަން ކުރާކަން އެނގޭނަމަ ރިޕޯރޓް ކުރަންވީނު. ދެން ތި ރިސޯޓްތަކުގެ މަނޭޖްމަންޓް ތަކުންވެސް ކޮންމެވެސް ވަރެއްގެ ގައުމީ ވަންތަ ކަމެއް ެބަޖެހޭ ނެރެން.. އެއްމެން ކަންކަން ރަނގަޅު ކުރަން އުޅެގެންވާނީ

comment ސަމީ

9 year 4 month ago

ރިސޯތްތަކުގެއ ވެރިން ތިބެނީ ސަރުކާރަ ގުޅިފަ ވީމާ މިކަހލަ ކަނަކަން ވާއިރު އެވެސް ކޮންޕްލެއިން އެނުކުރެވޭނެ އަދި ނުވެސްހުއްޓުވޭނެ

comment އަހުމަދު

9 year 4 month ago

ދިވެހިންނަ ދިވެހިރާއްޖޭގައި އޮތީ ކޮންކަމެއް ހެޔެވެ. ވިސްނާ ފިކުރު ކުރާ ކޮންމެ މިހާކަ ވިސްނޭނެއެވެ.

comment ބޮޑުތިލަދުންމަތި

9 year 4 month ago

ޖޭ.އޭ.މަނަފަރުގަވެސް ބިދޭސީ ފޮޓޯގްރާފަރުން,ބިދޭސީ ރޫމްބޯއީން,ބިދޭސާ ވެއިޓަރުން,ބިދޭސީ ކައްކާއިން,ބިދޭސީ ސެކިއުރިޓީ ބލަހައްޓަާ މީހުން. ދިވެހިން އަަޅުވެތިވެފަ. ސަރުކަާރުން 2018 ބޭނުމިއްޔާ މިކަން ހައްލު ކުރަންޖެހޭނެ.

comment އިގުބާލް ރައޫފް

9 year 4 month ago

ސަރުކާރުން ހުރިހާ ޑްރާމާތައް ހުއްޓާލާފަ ދިވެހިންނަށް ގިނަ ވަޒީފާތައް ހޯދައިދޭން ބިދޭސީން މަދު ކުރަންފަށާތަނުން އެމްޑީޕީ ހަމަ ރަނގަޅާށްވެސް ފުނޑިދާނެ. ބޭކާރު ޑްރާމާތައް ނުކުޅެ މިކަމާ އުޅެން ސަރުކާރަށް ގޮވާލަން.

comment އާމާލް

9 year 4 month ago

ޓިޗަރުންގެ ކަންތައްވެސް ހަމަތިހެން. ދިވެހިން ވަޒީފާ ނެތިފައި. ބޭރު މީހުން ގެންނަވަރުން ގެންނަނީ.

comment ކްލޯސްޑް

9 year 4 month ago

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އެއްވެސް ކަމެއް ކުރެވިގެން ނުވާނެ ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަނުން ވެރިކަން ކުރާ އިރު. އެކަން ކުރާ އެމްޑީޕީގެ ޕައްލަމްބެ މެން ވެރިކަން ކުރާ އިރު އެވެ. އެކަން ނުކުރެވޭނެ ޕީޕީއެމްގެ ވެރިކަމުގައި. ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ރިސޯރޓް ތަކުގައި ފޮޓޯ ނެގުމުގެ ކަންކަން ހިނގާ އިރު ޓޫރިޒަމް މިނިސްޓަރު ކީއްތޯ ކުރައްވަނީ. މިރާއްޖޭގައި އެންމެ ކަރަޕްޓް ކަންކަން މިހިނގަނީ އެއީ ޓޫރިޒަމް މިނިސްޓްރީ އާއި އަދި އެންވަޔަރުމަންޓް މިނިސްޓްރީ ގައެވެ. މިކަން ކަން އެބަޖެހޭ ބަލާ އެ ދެމިނިސްޓްރީ ރަނގަޅަށް މަތިން ތިރިއަށް އޯވަރ ހޯލެއް ކުރަން. އެއްގޮތަކަށް ވެސް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ފޮޓޯ ގްރާފީގެ ކަންކަން ކޮށްގެން ނުވާނެއެވެ. މީގައި މިނޫން އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއެވެ. އަދި އިތުރު އެއްވެސް ޗޮއިސް އެއްވެސް މިކަމުގައި އޮވެގެން ނުވާނެއެވެ. މިކަން މިމަގުން ހިނގަން ޖެހޭނެއެވެ. ޗެޕްޓަރ ކްލޯސްްޑް.

comment ތަރި

9 year 4 month ago

ޝާފީގެ ބަހުންވެސް ހާމަ ވެއްޖެ ދިވެހި އެތައް ޒުވާނުންނަށް ފޮޓޯގްރާފަރުންގެ ވަޒީފާ ލިބިއްޖެކަން މިގަވާއިދު ހެދި ފަހުން. މިހާރު ތިއުޅޭ މައްސަލައަކީ ރިސޯރޓު ތަކުން ބިދޭސީން ލައްވާ ފޮޓޯ ނަގުވާ މައްސަލަ. ތިގޮތައް ރިސޯރޓްތަކުގައި ގަވާއިދާ ޚިލާފަށް ވަރަށް ގިނަކަންކަން ކުރޭ. ތީހަމަ ތެދު. މިހާރު ބެލިޔަސް ދިވެހިންނަށްވުރެ ބޭރުމީހުން ގިނަ ވަޒީފާތަކުގައި ތިބޭނީ.