ރެހެންދި ފެލެޓުން ސަރުކާރުން ވިއްކުމަށް ނިންމާފައިވާ 10 އެޕާޓުމަންޓް ގަތުމަށް ދެ މިލިއަން ރުފިޔާ އެއްފަހަރާ ހުށައަޅާ ފަރާތްތަކުގެ މެދުގައި މިއަދު ނީލަން ކިޔަން ނިންމައިފި އެވެ.
ހައުސިންގު މިނިސްޓްރީ އިން އިއްޔެ އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނާ ގޮތުން، ރެހެންދި ފްލެޓު ގަތުމުގެ ނީލަމުގައި ބައިވެރިވެވޭނީ މިއަދު ހެނދުނު 11:00ގެ ކުރިން ދެ މިލިއަން ރުފިޔާ ހުށަހަޅާ ފަރާތްތަކަށެވެ.
ހަމައެހެންމެ، އެ އަގު ހުށަހަޅާ ފަރާތްތަކުގެ މެދުގައި އިތުރު ބުރެއް ބާއްވާނެ ކަމަށާއި ފްލެޓު ވިއްކާނީ އެންމެ މަތީ އަގެއް ހުށހަޅާފައިވާ ފަރާތަކަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެންމެ މަތީ އަގު އެއް ފަރާތަށް ވުރެ ގިނަ ފަރާތަތްކުން ހުށައަޅައިފި ނަމަ ފްލެޓު ވިއްކާނެ ފަރާތެއް ހޮވާނީ އެ ފަރާތަކުގެ މެދުގައި ބާއްވާ ގުރުއަތަކުން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލަނުގައި ބުނާ ގޮތުން، ފްލެޓު ގަތުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ޝަރުތުތަކެއް ހުންނަން ޖެހެ އެވެ. އެގޮތުން ރެހެންދި ފްލެޓު ގަތުމަށް ކުރިމަތިލާ ފަރާތަކީ ވިލިމާލެ އައި ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެން ނޯންނަ މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ހައުސިންގު މިނިސްޓްރީ އިން މީގެ ކުރިން ކުރި އިއުލާނުގައި ބުނެފައި ވަނީ، ފްލެޓް ގަންނަން ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދީގެން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އެ ތަންތަން ވިއްކާނެ ކަމަށެވެ. އެގޮތުން ޑައުންޕޭމަންޓްގެ 25 ޕަސެންޓް އެއް ފަހަރާ ދެއްކޭ ފަރާތްތަކަށް އިސްކަން ދޭން ނިންމާފައި ވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.